ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް، ފަންނީ ލަފާ ދިނުމަށް ޑަބްލިއުއެޗްއޯގެ ވަފުދެއް ރާއްޖޭގައި

ޑަބްލިއުއެޗްއޯގެ ވަފުދު ހެލްތު މިނިސްޓަރާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ގައިންގަޔަށް ނާރާ ބަލިތަކާއި ޚާއްސަކޮށް ކެންސަރު ބަލި ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްހީ ދުޅަހެޔިކަން އިތުރުކުރުމަށް ފަންނީ ލަފާ ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

އެގޮތުން މި ވަފުދުގައި ޑަބްލިއުއެޗްއޯގެ ރައްޖޭގެ އޮފީހާއި، ސަރަހައްދީ އޮފީހާއި މައި މަރުކަޒުގެ އިތުރުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސާ (އައިއާކް) އަށް ނިސްބަތްވާ ފަންނީ މާހިރުން ހިމެނިވަޑައިގަންނަވައެވެ.

އިއްޔެ އިން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ކުރާ މި ދަތުރުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި، މަދަނީ ޖަމްއިއްޔާތަކާއި ކެންސަރަށް ފަރުވާދޭ ހަސްފަތާލުތަކުގެ އޮފިޝަލުންނާ މަޝްވަރާކުރާނެއެވެ. އަދި މާލޭގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ޒިޔަރާތްކޮށް މައުލޫމާތު ހޯދާނެއެވެ.

މީގެ އިތުރުން މި ދަތުރުގައި ކެންސަރުފަދަ ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަންނާނެ ގޮތާއި ފަރުވާކުރުމަށް ބޭނުންވާ ވަސީލަތްތައް އެކަށަ އެޅުމުގައި ބޭނުންވާނެ މިންގަނޑުތަކުގެ އިތުރުން ފަރުވާއަށް ބޭނުންވާ ގައިޑްލައިން ތައްޔާރުކުރުމުގެ މަސައްކަތް ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީން ކުރާނެއެވެ.

ޑަބްލިއުއެޗްއޯގެ ވަފުދު ހެލްތު މިނިސްޓަރާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ހެލްތު މިނިސްޓްރީ

މި ޓީމުގެ ދަތުރުގައި، ރާއްޖޭގައި ކެންސަރު ކޮންޓްރޯލް ކުރުމަށާއި ކެންސަރު ބަލީގެ މީހުންގެ މައުލޫމާތު ބަލަހައްޓާ، ދެވޭ ޚިދުމަތްތައް ރޭވިފައި ހުރިގޮތްތައް ބަލާނެއެވެ. އަދި ކެންސަރު ބައްޔާއި ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލިތަކުން މީހުން ރައްކާތެރިކުރުމާއި ފަރުވާގެ ނިޒާމު އިންތިޒާމު ކޮށްފައިވާ ގޮތުގެ މައުލޫމާތު ދެނެގަންނާނެއެވެ. އަދި މި މައުލޫމާތުގެ އަލީގައި، ސިއްހީ ޚިދުމަތުގެ ނިޒާމުގެ ތެރެއިންނާއި މަރުކަޒީ ފެންވަރުގައި ކުރެވިދާނެ ކަންކަމާބެހޭގޮތުން އެ ޓީމުން ސަރުކާރަށް ލަފާދޭނެއެވެ.

ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެލޭ އެންމެ ބޮޑު އެއް ސަބަބަކީ ކެއިންބުއިމުގެ ނުރަނގަޅު އަދަތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވަތަކެތި ބޭނުން ކުރުމާއި، އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރުމެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ މީހުންގެ މިސްބަތް ރާއްޖޭގައި ދަށަކަށް ނުދެއެވެ. ނަތީޖާއަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި ހަކުރުބަލި ފަދަ ބަލިތައް ރާއްޖޭގައި އިތުރުވުމެވެ.

comment ކޮމެންޓް