ނިއުކާސަލްއާ ދެކޮޅަށް ކުޅެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއަށް ޕޮއިންޓެއް

ނިއުކާސަލް ޔުނައިޓެޑުގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ސިޓީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭ ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ފެނިފައެވެ.

އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ގޯލު ޖެހާ މެޗުގެ ލީޑު ނެގީ ސިޓީއިންނެވެ. އެ ގޯލަކީ ބަނާޑޯ ސިލްވާގެ އެހީތެރިކަމާއެކު އިލްކާއި ގުންޑޮގަން ޖެހި ގޯލެކެވެ.

ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ސެއިންޓް-މެކްސިމިން ނަގައިދިން ބޯޅައަކުން މިގޭލް އަލްމިރޯން ޖެހި ގޯލެކެވެ.

މީގެއިތުރުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލްގެ ސެއިންޓް-މެކްސިމިންގެ އެހީތެރިކަމާއެކު ކެލަމް ވިލްސަން ވަނީ ނިއުކާސަލްއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި ނިއުކާސަލްގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ 54 ވަނަ މިނެޓުގައި ގޯލެއްޖަހައި އެ ޓީމުން ވަނީ ސިޓީ ހާސްކޮށްލާފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކީރެން ޓްރިޕިއާ ކާމިޔާބުކޮށްދިން ގޯލެކެވެ.

ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ޖަހައި މެޗުގެ ފަރަގު ކުޑަކޮށްފައެވެ. ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި އެ ގޯލު އެ ޓީމަށް ޖަހައިދީފައިވަނީ ލިން ބްރައުޓް ހާލަންޑެވެ.

އޭގެ ހަތަރު މިނެޓުފަހުން ކެވިން ޑިބްރޭނާގެ ތުރޫ ޕާހަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

އެ ނަތީޖާއާއެކު ސިޓީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލްގެ ދެވަނައިގައެވެ. އަދި ނިއުކާސްލް ތާވަލްގެ ފަސްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކުގައެވެ.

comment ކޮމެންޓް