އަމާޒަކީ މަދުވެގެން 25،000 މެންބަރުން މި އަހަރު ނިމުމުގެ ކުރިން ހަމަކުރުން: އެމްޑީއޭ

އެމްޑީއޭއަސް ސޮއިކުރި މީހެއްގެ ފޯމު ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދާ ހަވާލުކުރަނީ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 25،000 މެންބަރުން ހަމަކުރުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އެމްޑީއޭގެ ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ކައުންސިލުގެ ރައީސް ޝުއައިބް އަލީ ވިދާޅުވީ މެންބާޝިޕް އިތުރު ކުރުމުގެ ހަރަކާތްތައް ފެށިއިރު އެ ޕާޓީގައި ތިބީ 7،000 މެންބަރުން ކަމަށެވެ. އަދި އޭގެ ފަހުން މިހާތަނަށް އެ ޕާޓީގެ ޖުމްލަ މެންބަރުންގެ އަދަދު 15،000އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެރިކަން ކުރަން އަންނަ އަހަރު ނިކުންނަ އިރު 25،000 އަދި 30،000 ދޭތެރޭގަ މީހުން ތިބެން ޖެހޭނެ. ސިޔާސީ މަޝްރަހު އޮތް ގޮތަށް ބަލާއިރު 50،000 މީހުންނާ ހިސާބަށް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް އަޙުމަދު ސިޔާމް މުޙައްމަދު އަންގަވަނީ. ޕާޓީއަށް ސޮއިކޮށް ފޯމުތައް ޕާޓީން އީސީއަށް ފޮނުވިޔަސް ރެޖިސްޓްރީ ވުމުގަ ވަރަށް ގިނަ ދުވަސް ނަގާ،" ޝުއައިބު ވިދާޅުވިއެވެ.

މިހާރު އެމްޑީއޭއިން ކުރިއަށްގެންދާ ހަރަކާތްތަކާ ބެހޭ ގޮތުން ޝުއައިބު ވިދާޅުވީ، ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މީގެ ހަތަރު މަސް ކުރިން ފުވައްމުލަކު ސިޓީގައި ފެށި މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. މިހާރު އެ ސިޓީގައި އެމްޑީއޭގެ މައި މަރުކަޒެއް ހުޅުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމްޑީއޭގެ ލީޑާޝިޕް ދާދިފަހުން ވާނީ ފުވައްމުލައް ސިޓީއަށް ޒިޔާރާތް ކުރައްވާފައިވައި. މި ދަތުރުފުޅުގައި އެ ސިޓީގައި ގާއިމުކޮށްފައިވާ މައި މަރުކަޒުގެ ހިންގުން ހަރުދަނާކޮށް ލީޑަޝިޕްގެ ބެލުމުގެ ދަށުން ސްޓިއަރިން ކޮމިޓީތައް ވަނީ އެކުލަވާލައިފައި،" ޝުއައިބު ވިދާޅުވިއެވެ.

އެމްޑީއޭއަށް ސޮއިކުރި ބައެއް މީހުންގެ ފޯމުތައް ޕާޓީއާ ހަވާލު ކުރަނީ

އެމްޑީއޭގެ ރައީސް ސިޔާމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެނައުމަށް ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ބަޔަކު ތާއީދު ކުރާ ކަމަށާއި އޭގެތެރޭގައި ބޮޑެތި އާއިލާތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ބޮޑެތި ސިޔާސީ އާއިލާތައް ވަރަށް ބޮޑަށް އެމްޑީއޭއާ ގުޅިވަޑައިގެން ސިޔާމް ރައީސަކަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެދަނީ. ރާއްޖެއަށް މިހާރު ދިމާވެފައި އޮތް މައްސަލަ އެންމެނަށް ވެސް ފެނޭ. އެކަމަކު ކުރިންވި ކަމަކަށް ނުބަލާ މާޒީން އިބުރަތް ލިބިގަނެ ސިޔާމް ރައީސް ކަމަށް ގެނައުމުގެ މަސައްކަތް އެދަނީ ކުރިއަށް. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ޕާޓީއަށް ވަރުގަދަ މެންބަޝިޕެއް އަޅުގަނޑުމެން ގާއިމުކުރުން،" އޭނާ ވިދާޅުވިއެވެ.

ޝުއައިބު ވިދާޅުވީ، ފުވައްމުލަކުގެ އިތުރުން ބޮޑެތި ސިޓީތަކުގައި އެމްޑީއޭގެ މައި މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މާލޭގައި ގާއިމުކުރާ މަރުކަޒު މި މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭއަށް ސޮއިކުރި ބައެއް މީހުންގެ ފޯމުތައް ޕާޓީއާ ހަވާލު ކުރަނީ

އެ ޕާޓީއަށް އެންމެ ބޮޑު ތަރުހީބެއް ލިބެނީ ފުވައްމުލަކު ސިޓީ އާއި މާލޭ ސިޓީގެ އިތުރުން ނ. އަތޮޅާއި ދ. އަތޮޅުން ކަމަށް ޝުއައިބު ވިދާޅުވިއެވެ.

ޝުއައިބު ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވަނީ ފަސްބައި ސާފު އަދި ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނެތް ލީޑަރެއް ކަމަށާއި އެފަދަ ހަމައެކަނި ލީޑަރަކީ އެމްޑީއޭގެ ރައީސް ސިޔާމް ކަމަށެވެ. އަދި ސިޔާމަށް އޮތް ތާއީދު އިތުރުވެ މެންބާޝިޕް ވެސް މިހާރު އިތުރުވެފައިވަނީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސަކީ އިންގިލާބީ ރައީސެއް ކަމަށާއި އެކަން އަބަދުވެސް އެކި ގޮތްގޮތަށް ސިޔާމް ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާމް އަބަދުވެސް ވިދާޅުވޭ ސިޔާސީ ވުމަކީ ޒާތީ ވުމެއް ނޫން ކަމަށް. އަދި އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން ކަމަށް. ކުރިއަށް އޮތްތާގަ ފެނިގެންދާނީ އެގޮތަށް ގައުމު ބައްޓަން ވެގެންދާތަން،" ޝުއައިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ސިޔާމަށް މިހާރަށް ވުރެ ވެސް ބޮޑަށް ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވެ.

comment ކޮމެންޓް