ބަރުލަމާނީ ނިޒާމުގެ ގަރާރު އަނބުރާ ގެންދަވަން ނަޝީދު ނުނިންމަވާ: އަލީ އާޒިމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް --- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަން އެމަނިކުފާނު ނުނިންމަވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެ ގަރާރު އަނބުރާ ގެންދަވަން ނިންމާފައިވާ ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް އާޒިމް އެހެން "ސަން"އަށް ވިދާޅުވި އިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ ގަރާރު ނަންގަވަން މީގެ ކުރިން އެދިވަޑައިގެންފައެވެ.

އާޒިމްގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ ރައީސް ނަޝީދު ގަރާރު ނަންގަވަން ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ ކޮންގްރެސްގެ މިއަދުގެ ދަންފަޅީގައި، ނިޒާމު ބަދަލު ކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ގަރާރާ ބެހޭ ގޮތުން ބަހުސް ކުރުމަށް ވޯޓެއް ނަގަން ވަނީ އެޖެންޑާކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ފަށައިގެން ކުރިއަށްގެންދާ ކޮންގްރެސްގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ނުހުންނަވާނެ ކަމުގެ އިޝާރާތެއް އިއްޔެ އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

އަބަދުވެސް، ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ނަޝީދު ވިދާޅުވަނީ ބަރުލަމާނީ ވޯޓަށް ނުގޮސްފިނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް ޞާލިޙު ވިދާޅުވީ, ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އެފަދަ ވޯޓެއް ނަގައި ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި އެ ގަރާރު އަނބުރާ ނެންގެވުމަށް ރައީސް ޞާލިޙު އެދިވަޑައިގެންނެވިއެވެ.

ރައީސް ޞާލިޙު އެގޮތަށް ވިދާޅުވުމުން، ރައީސް ނަޝީދު އެދިވަޑައިގަތީ ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކަތަކަށް ރައީސް ވަދެވަޑައިނުގަތުމަށެވެ. އަދި ނިޒާމީ ވާހަކަތަކުގެ ތެރެއަށް ރައީސް ވަދެވަޑައިގަތުމަކީ ވަރަށް ހިތާމަހުރިކަމެއްކަމަށާއި އެއީ އެމަނިކުފާނާ ބެހޭ ވެސް ކަމެއްނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް