ސެޕްޓެމްބަރު ނިމުމުގެ ކުރިން ނަދީމްގެ މަރުގެ މައްސަލައިގެ ހުކުމް ކުރަނީ

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ---

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ހުކުމް އަންނަ މަހުގެ 15ގެ ކުރިން ކުރުމަށް އަމާޒު ހިފައިފިއެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭގެ ދެ ދުވަސް ފަހުންނެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށާއި، ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލަމުން މީގެ ކުރިން ގާޒީ ހުސެން ފާއިޒް ރަޝީދު ވިދާޅުވީ މާޗު މަހުގެ 31 ވަނަ ދުވަހު ހުކުމް ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެންމެ ފަހުން އަޑުއެހުމެއް ބޭއްވިތާ ފަސް މަސް ދުވަސް ފަހުން މިއަދު ވަނީ އިތުރު އަޑުއެހުމެއް ބާއްވާފައެވެ.

އެ މައްސަލައިގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ, ޝަރީއަތަށް ލިބެންޖެހޭ ބައެއް ޑޮކިއުމެންޓްތައް ނުލިބި ހުރުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

އެ މައްސަލައަކީ ގާޒީ ފާއިޒްގެ ސެކްޝަނުގައި އެންމެ ދުވަސްވީ އެއް މައްސަލަކަން ފާހަކޮށް އޭނާ ވިދާޅުވީ މަސައްކަތް ކުރައްވަމުން ދަނީ ވީހާ ވެސް އަވަހަށް މައްސަލަ ނިންމުމަށް ކަމަށެވެ.

"ޝަރީއަތުން ގަބޫލުކުރެވެނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ 15ގެ ތެރޭގައި މި މައްސަލައިގެ ނިންމުމާ ހަމައަށް ދެވޭނެ ކަމަށް," ގާޒީ ވިދާޅުވިއެވެ.

އެ އަޑުއެހުން ތާވަލު ކުރައްވާނީ ޝަރީއަތުން އެދިލެއްވި ޑޮކިއުމެންޓްތައް ލިބުމުން ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ޝަރީއަތުން ހޯދަން އެދުނު ވީޑިއޯ ސީޑީތަކާ ގުޅޭ ގޮތުން ފަސް ދުވަހުގެ ތެރޭގައި ކޯޓަށް ޖަވާބު ދެއްވުމަށް ވެސް ގާޒީ އެންގެވިއެވެ.

އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ޝާމިންއާއި، ކަރަމްއާއި ނިފާޒުގެ މައްޗަށެވެ.

comment ކޮމެންޓް