ރައީސްގެ ރައްދު ނަޝީދަށް: ކޯލިޝަން ދެމި އޮންނާނެ، ލިބޭ ވޯޓު ވެސް މަދެއް ނުވާނެ

ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ރައީސް ސޯލިހު މިއަދު ވަނީ ރައްދު ދެއްވާފައި: ވިދާޅުވީ ކޯލިޝަން ދެމި އޮންނާނެ ކަމަށް ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނައިރު ސަރުކާރު ހިންގާ ކޯލިޝަން އޮންނާނެ ކަމަށް ދެކުމަކީ އަވާމެންދުރެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްދު ދެއްވައިފިއެވެ.

ނަޝީދު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެއްބާރުލުން ނުދީ ނިޒާމީ ވޯޓު ނެގުމަށް ފުރުސަތު ނުދީފި ނަމަ، 42 ޕަސެންޓް މީހުން އެމްޑީޕީއަށް ވޯޓު ނުދޭނެ ކަމަށާއި މިހާރު މި އޮތް ސަރުކާރު ހިންގާ ކޯލިޝަން ވެސް ދެމި ނޯންނާނެ ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ ހަވާސާގައި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ޞާލިޙް ވަނީ ނަޝީދުގެ ވިސްނުންފުޅާ ދެކޮޅަށް ވާހަކަ ދައްކަވައި ރައްދު ދެއްވާފައެވެ.

"އަޅުގަނޑަކަށް ނުފެނޭ [އެމްޑީޕީއަށް ލިބޭ ވޯޓު] އެވަރު މަދުވެގެން ދާނެކަމަކަށް," ރައީސް ވިދާޅުވިއެވެ.

ޕާޓީގެ ފަރާތުން ކޮންމެ ކެނޑިޑޭޓެއް ނުކުތް ނަމަވެސް ހިތްހަމަ ނުޖެހޭ މީހުން ތިބެދާނެކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ, ޕާޓީގެ ކެނޑިޑޭޓަށް ވޯޓު ނުދެއްވާނެ މެންބަރުން ވެސް ތިބެދާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ޖެހެންދެން ސަރުކާރު ހިންގާ ކޯލިޝަން ދެމި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން ޕާޓީއަކުން ވެސް އިންތިހާބަށް ކުރިމަތިލަފާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިބެއްޖެއްޔާ ވަކި ހިސާބަކުން އެއްބަސްވުމެއްގެ ތެރެއިން ކޯލިޝަންގެ ލީޑަރުންނަށް އެ ފުރުސަތު ހޯދަދޭން ޖެހޭނެ," ރައީސް ވިދާޅުވިއެވެ.

"އެއަކީއެއް އަޅުގަނޑު ނުދެކެން ކޯލިޝަން ބްރޭކްވެގެން ދިޔައީ ކަމަކަށް," ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ނުކުންނަ އިރު މިހާރު މި އޮތް ކޯލިޝަނާއެކު ނުކުތުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮންގްރެސް ފެއްޓުމުގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ، ނެގެން އޮތީ 112،000 ވޯޓު ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލު ނުކޮށްފިނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެމްބަރުން ސަރުކާރަށް ވޯޓެއް ނުދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެއީ 47،000 މީހުންނެވެ.

comment ކޮމެންޓް