ރައީސް ޔާމީން އެމްއެމްޕީއާރްސީ ފައިސާ ނެންގެވި ނަމަ މިހާރު ފެންނާނެ: އަދުރޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވިނަމަ މިހާރު އޮންނާނީ ފެނިފައި ކަމަށް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާ ކުރިކަން ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް 2019ގައި ހުކުމްކުރިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރަން ނިންމާފައެވެ.

އެ މައްސަލައާއި އެމްއެމްޕީއާރުސީއާ ގުޅުން ހުރި އިތުރު ދެ މައްސަލައެއްގައި ރައީސް ޔާމީނަށް ދައުވާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަދުރޭ މިއަދު 'ސަން'އަށް ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލުމަށް އެމްޑީޕީން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަން ކުރުމަށްޓަކައި ކުށްވެރިން ދައުލަތުގެ ހެކިންނަށް ހަދަމުންދާ ކަމަށާއި އެކަމުގެ ހަގީގީ ކުށްވެރިންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"އަދީބާއި ޒިޔަތުގެ މައްސަލަ އަކީ ރައީސް ޔާމީންގެ ސަރުކާރުން ބެލި މައްސަލައެއް. އެމީހުންނަށް ހުކުމް ކުރީވެސް ޔާމީން ސަރުކާރުގަ. އެއީ ހަގީގީ ކުށްވެރިންނަކީ. އެ ދެމީހުން މެދުވެރިކޮށް ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ހޯދަމުން މި ސަރުކާރުން ދަނީ. ރައީސް ޔާމީންގެ ފަހަތުން ދާންވެގެން ހުރިހާ ކުށްވެރިން ހެކިންގެ ގޮތުގައި ހަމަޖައްސަމުން ދަނީ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށް ހުރެ 2023ގެ އިންޚާބުގައި ވާދަކުރައްވައިފިނަމަ ރައީސް ޔާމީން ބަލި ނުކުރެވޭނެކަން އެމްޑީޕީ މެންބަރުންނަށް އެނގޭނެ ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރަން އެ ޕާޓީން އެންމެ ބޭނުންވާ ސަބަބަކީ އެއީ ކަމަށެވެ.

މިހާތަނަށް ވެސް އެމްއެމްޕީއާރްސީ މައްސަލައިގައި ޝާމިލުވާ އެއްވެސް އެމްޑީޕީ މެންބަރަކު ހައްޔަރު ނުކުރާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީ ލިސްޓުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންނާމެދު ފިޔަވަޅު ނޭޅިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ އެބޭފުޅުން ބޭނުންވާ ގޮތް އެއީ ޑިމޮކްރަސީ ކަމަށް އެބޭފުޅުންނަށް ގަބޫލު ކުރެވުން. އެހެން ވެގެން އެކަން ނުވެގެން އެއުޅެނީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ނޫން ކަމަށެވެ. އަދި އެއީ ނަމުން ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި އެ ޕާޓީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އެ ޕާޓީން ބޭނުންވާ ގޮތަކަށް އަމަލު ކުރަމުންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައިވެސް އައި އެންމެ ކޮރަޕްޓު ސަރުކާރު ކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.

ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ސިފަޔަކީ ގާނޫނު ނަގަހައްޓާ ބެލެހެއްޓުން ކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނަށް އަމަލުކުރަމުންދާތަން ނުފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދަނީ ގާނޫނު އޮތްތަނުގައި ބާއްވާފަ އެބޭފުޅުން ބޭނުންވާ ކަމެއް ބޭނުން ގޮތަކަށް ކުރައްވަމުން ގެންދަވާތަން. ޑިމޮކްރަސީގެ އަނެއް އަސާސަކީ ރައްޔިތުންގެ އަޑުއަހައިގެން ކަންކަން ކުރުން. އެކަމެއް ވެސް އެމްޑީޕީން ކުރާތަނެއް ނުފެނޭ،" އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ރައީސް ޔާމީންއާއެކު "ޑީލް'އެއް ހެއްދެވުމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދާ ބައްދަލުކުރެއްވިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދު ޑރ. ޖަމީލްއާ ބައްދަލު ކުރެއްވި ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

"ރައީސް ނަޝީދު ވަޑައިގަތީ އަލީ އާޒިމްއާއެކުގަ އަލީ އާޒިމްގެ ގެއަށް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ. ރައީސް ޔާމީނެއް ވިދާޅެއް ނުވާނެ ރައީސް ނަޝީދާ ބައްދަލުކުރައްވާ ޑީލްއެއް ހަދާކަށް،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ އެއްވެސް ކަމެއް ވަންހަނާކޮށް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރައްވާ ކަމެއް ކުރައްވާނީ ވަރަށް ފާޅުގައި، ވަރަށް ސާބިތުކަމާއެކީގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ގުޅުވައި އެފަދަ ވާހަކަތައް ފަތުރަމުންދަނީ ރައީސް ޔާމީނަށް ސަޕޯޓުކުރާ މީހުންގެ މެދުގައި އެމަނިކުފާނާ މެދު ނަފްރަތު އުފެއްދުމަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް