ގަވާއިދާ ހިލާފަށް ގޮފި ހަދައިގެން ކޮންގްރެސްއަށް ވަޑައިގަތް ކަމަށް ނަޝީދު ވިދާޅުވުމުން މެންބަރުން ރަތަށް

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެެސްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ ---- ފޮޓޯ: އެމްޑީޕީ

ގަވާއިދާ ހިލާފަށް ގޮފިތައް ހައްދަވައިގެން ބައެއް މެންބަރުން ކޮންގްރެސްއަށް ވަޑައިގަތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ ކޮންގްރެސް ހޫނުވެއްޖެއެވެ.

"މިތަނަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވާއިދާ ހިލާފަށް ހަދައިގެން މިތަނަށް ވަޑައިގެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ," މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ކޮންގްރެސްގައި ބައިވެރިން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އަޑުމަޑުކޮށް ކޮންގްރެސް ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ރިޔާސަތުން އެދުމުން, ހޯލު ތެރޭގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ, އެމްޑީޕީގެ ކޮންގްރެސްއަށް ގޮފިތަކުގެ ރައީސުންގެ ހައިސިއްޔަތުން ބައިވެރިވުން ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

އެ އިސްލާހު އެންމެނަށް އެއްބަސްވެވޭ ގޮތަކަށް ބަދަލު ކޮށްދެއްވުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

ގަވާއިދާ ހިލާފަށް ގޮފި ހައްދަވައިގެން ކޮންގްރެސްގައި ބައިވެރިވިކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ތުހުމަތު ކުރެއްވުމުން ބައެއް މެންބަރުން ވަނީ އެ މެންބަރުންނަށް ލިބުނު ފުރުސަތުގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި އެމްޑީޕީ މިހާހިސާބަށް ގެނެސްދިނުމުގައި އެ ގޮފިތަކުން އަދާކުރި ދައުރު ކުޑަ ނުވާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ ކޮންގްރެސްގައި ގޮފިތަކުގެ ރައީސުންނަށް ބައިވެރިނުވެވޭ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

"ވިސްނާލުން ރަނގަޅު ކަމެއް. އެހެންވެއްޖިއްޔާ ގޮފިތަކުގެ ދައުރަކީ ކޮބައިތޯ. ކޮންކަމެއްތޯ ދާއިރާތަކުން ގޮފިތަކުގައި ކުރަނީ. މީގަ ގޮފިތަކުގެ ރައީސުންގެ ގޮތުގައި ހޮވޭ މީހުންގެ ވަރަށް ބޮޑު ބޭނުމެއް އުންމީދެއް އެއީ ޕާޓީގެ މިކަހަލަ ބޮޑެތި ހަރަކާތްތަކުގައި ބައިވެރިވުން. އެހެންވީމަ މިހާރު މި އޮތް ގޮތަށް ފާސްވެއްޖެއްޔާ ގޮފިތަކުގެ ރައީސުންނަކަށް ނެތް އާދެވޭކަށް," ރައީސް ޞާލިހު ވިދާޅުވިއެވެ.

މިހާރު އިސްލާހު ހުށަހަޅާފައިވާ ގޮތަށް ފާސްވެއްޖެ ނަމަ ގޮފިތަކުގެ ރައީސުންގެ ބަދަލުގައި ކޮންގްރެސްގައި ބައިވެރިވާނެ މީހަކު ހޮވުމަށް އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭނާގެ ހަމައެކަނި މަސްއޫލިއްޔަތަކަށް މަސައްކަތަކަށް ވެގެން ދަނީ ކޮންގްރެސްގައި ބައިވެރިވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ގޮފިތަށް ރަނގަޅަށް ހިންގަން ބޭނުންވަންޔާ ގޮފިތަކުގެ ރައީސުންނަށް މިއަށް ވުރެން ބޮޑަށް ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ގޮތަކަށް ބަދަލު ގެންނަން އެބަޖެހޭ," ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް