މާކިންއަށް ބަލަން އިނުމަށްފަހު، އިރުކޮޅަކުން މިޝްޔާ ހާމަކޮށްލި ވާހަކައަކުން މާކިންއަށް ޝޮކެއް ލިބިގެން ދިޔައެވެ

"މިޝޫއަށް ޔަޤީންތަ؟" މާކިން ސުވާލުކޮށްލީ އެ ހައިރާންކަމުގައި އިނދެއެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރުތައް ފެނިލިއެވެ. މިޝްޔާ ބޯ ޖަހައިލުމަށްފަހު އިސްޖަހައިލިއެވެ. މާކިންގެ ނަޒަރު ހުއްޓުނީ މިޝްޔާގެ ތުރުތުރު އަޅަމުން ދިޔަ އަތަށެވެ. އޭނާ މަޑުމަޑުން އުނގުމަތީ ބާއްވާލެވިފައިވާ މިޝްޔާގެ އަތުގައި ހިފައްޓައިލިއެވެ.

"މާޒީގައި ދޮންބެއަށް ވެސް މިޝޫއަށް ދޭންވީ ވަރަށް ހިމާޔަތް ނުދެވުނު. އެކަމަކު ދެން އެގޮތަށް ކަންތަކެއް ނުވާނެ!" މާކިން ޔަޤީންކަމާއެކު ބުނެލިއެވެ. މިޝްޔާއަށް މާކިންގެ އަޑުގައިވީ ޔަޤީންކަމުން ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ލިބުނުނަމަވެސް އޭނާގެ ހިތުގައި ވަނީ ނޭނގޭ ބިރުވެރިކަމެކެވެ. އެ ހާދިސާ މަތިން އޭނާ ހަނދާން ނައްތައިލާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ އޭނާ މަރުވެދާނެއެވެ.

"މިޝޫ... އާރ ޔޫ އޯކޭ؟" މާކިންސުވާލުކޮށްލިއެވެ. މިޝްޔާ ބޯ ޖަހައިލިނަމަވެސް، އެ މޫނުމަތީގައިވީ އަސަރުތައް މާކިންއަށް ދެނެނަގެނެވުނެވެ. އޭނާ މިޝްޔާގެ ކޮނޑުގައި ހިފާ އޭނާއާ ގާތްކޮށްލިއެވެ. މާޒީގައި ކުރެވުނު ކުށް އޭނާ ދެން ދުވަހަކުވެސް ތަކުރާރެއް ނުކުރާނެއެވެ. މިޝްޔާ ހަމައަކަށް އެޅުމުން އަރާމުކޮށްލުމަށް ބުނުމަށްފަހު މާކިން ކޮޓަރިން ނުކުމެލިއެވެ. އެއަށްފަހު އޭނާ ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. އެމީހާއާ ވާހަކަ ދައްކައި ނިންމާލުމަށްފަހު މާކިންވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނައިރާ މަތިން ހަނދާންވުމާއެކު މާކިން ނައިރާއަށް ގުލައިލިއެވެ. ދެފަހަރަކު ގުޅިފަހުން ނައިރާ ފޯނު ނެގިއެވެ.

"ހަލޯ..." މާކިން ބުނެލިއެވެ. ނައިރާ ވާހަކަ ދެއްކިއިރު އެ އަޑުގައި ހުރި އަސަރުން ނައިރާ ރޮނީކަން ދެނެގަންނަން މާކިންއަށް އުނދަގުލެއް ނުވިއެވެ.

"ނައިރާ... ރޮނީތަ؟" މާކިންއަށް ހާސްކަމާއެކު ސުވާލުކޮށްލެވުނެވެ.

"ނު... ނޫން...." ނައިރާ ދެކޮޅު ހެދި ނަމަވެސް، އެކަން އޭނާއަށް ސިއްރެއް ނުކުރެވުނެވެ.

"ހޭ. އަހަރެން ގާތު ބުނެބަ! މީހަކު އެއްޗެކޭ ކީތަ؟ ނައިރާ... ބޭބީ..." ނައިރާގެ ހަމަހިމޭންކަމުން މާކިންއަށް އުނދަގޫވަމުން ދިޔައެވެ. އޭނާ ގޮވައިލުމުންވެސް ނައިރާ އިތުރު އެއްޗެއް ނުބުނެއެވެ.

"އަހަރެން އެބަ ވަރަށް ކަންބޮޑުވޭ." މާކިން އަނެއްކާވެސް ބުނެލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ދެން މާކިންގެ ކަންފަތުގައި ޖެހުނީ ނައިރާގެ ގިސްލުމުގެ އަޑެވެ. އެއާއެކު އޭނާ އިތުރަށް ހާސްވާގޮތްވިއެވެ.

"އަހަރެން މިދަނީ ނައިރާމެން ގެއަށް. ތިރިއަށް އާދެވޭނެ؟" މާކިން ސުވާލުކޮޮށްލިއެވެ.

"މާކް... އަހަރެން..." ނައިރާ ހުއްޓައިލަން މަސައްކަތްކުރިއެވެ.

"މިދަނީ އިނގޭ... ގުޅީމަ ފައިބާ ތިރިއަށް..." މާކިން އެހެން ބުނެލާފައި ފޯނު ބޭއްވުމަށްފަހު، ކޮޓަރިން ބޭރަށް ނުކުމެލިއެވެ. ސިޑިން ފައިބައިގެން ގެއިން ބޭރަށް ގޮސް ކާރަށް އަރާ ދުއްވައިލިއިރުވެސް އޭނާ ވަނީ ނައިރާއަށް ވީގޮތެއް ނޭނގޭތީ ހާސްވެފައެވެ. ކާރުގެ ސްޕީޑްވެސް އެހެންޏާ ދުއްވާ ވާރަށް ވުރެ ބާރަށް ބަހައްޓައިގެން މާކިން ދުއްވަމުން ދިޔައެވެ. ނައިރާމެން ގެއާ ކައިރިއަށް އާދެވުމުން އޭނާ ނައިރާއަށް ގުޅައިލިއެވެ. ނައިރާ ބުނީ އޭނާ ފައިބަނީ ކަމުގައެވެ. މާކިން ކާރުގައި މަޑުކޮށްލައިގެން އިންދާ ނައިރާ ގެއިން ނުކުމެގެން އެ ދިމާލަށް އަންނަން ފެށިއެވެ. ކާރަށް އަރާ ނައިރާ އިށީނުމާއެކު މާކިން ވަރަށް ފުން ނަޒަރަކުން ނައިރާއަށް ބަލައިލިއެވެ. ނައިރާ އިނީ އިސްޖަހައިލައިގެންނެވެ.

"ނައިރާ... އަހަންނާ ދިމާލަށް ބަލައިލަބަ!" މާކިން އެދުނުނަމަވެސް ނައިރާ އެއިން ގޮތަށް އިނީއެވެ.

އޭނާ މަޑުމަޑުން ނައިރާގެ ދަތްދޮޅީގައި އޭނާގެ ދެ އިނގިލި އަޅުވައިލުމަށްފަހު އިސްއުފުލުވައިލިއެވެ. އެއަށްފަހު އޭނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ނައިރާގެ އެސްފިޔަތަކުގައި އޭރުވެސް ތެތްކަމެއް ހުއްޓެވެ.

"މީހަކު އެއްޗެކޭ ކީތަ؟" މާކިން ސުވާލުކޮށްލުމާއެކު ނައިރާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ގޭތެރޭގައި ކަމެއް ވީތަ؟" މާކިން އަނެއްކާވެސް ސުވާލުކޮށްލިއެވެ. މިފަހަރުވެސް ނައިރާ ދެފަރާތަށް ބޯ ހޫރައިލުން ކަމެއް ނުކުރެއެވެ.

"އަހަންނަށް ކަމެއް ކުރެވުނީތަ؟ އަހަންނަށް ނައިރާއަށް ޓައިމް ނުދެވެނީތަ؟ އައި އެމް ސޮރީ..." މާކިން މާފަށް އެދުމާއެކު ނައިރާ އަނެއްކާވެސް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"މާކް އެއްވެސް ކަމެއް ނުކުރޭ..." ނައިރާ ބުނެލިއެވެ.

"ދެން އެހެންވިއްޔާ ބުނޭ ކިހިނެއްވީ؟ ކިޔައިދިނީމައެއްނު ތި ހިތަށް ވެސް ހަމަޖެހުމެއް ލިބޭނީ..." މާކިން ބުުނެލިއެވެ. އޭނާ ކުޑަކޮށް ދުޅަވެފައިވާ ނައިރާގެ ލޮލުގައި ލޯބިން ފިރުމައިލިއެވެ. ނައިރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ދެލޯ މަރައިލުމަށްފަހު ލޯ ހުޅުވައިލިއެވެ، އެއަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އާއިލާ ރޫޅުނު ހިސާބުން ކަންތައް ވެގެން ދިޔަގޮތާ، މިފަހަރު ކަންތައްތައް ހިނގައިގެން ދިޔަ ގޮތްވެސް ނައިރާ މާކިންއަށް ކިޔައިދިނެވެ.

"މަންމައަށް އަދި ވިސްނޭނެ." މާކިން ބޭނުންވީ ނައިރާ ހިތްހަމަޖައްސުވައިދިނެވެ. މާކިންގެ ހިތްވަރުގެ ބަސްތަކުން ނައިރާއަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

"ދެން މިހެން ތިބޭނީތަ؟" މާކިން ސުވާލުކޮށްލިއެވެ.

"ތިބުނީ؟" ނައިރާއަށް ބުމަ އަރުވައިލެވުނެވެ. އޭނާ ދެލޯ ފުހެލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

"ދެން މިރޭ އާދެވުނީމަ ދުއްވާލާފަ ދޯ ގެއަށް ދާނީ..." މާކިން އެދުނެވެ. ނައިރާ ބޯޖަހައިލިއެވެ.

*****

ހަފްތާއެއް ފަސް

*****

ރިފްއަތު ރިސޯޓުން އައި ގޮތަށް ރާއްޖޭން ބޭރަށް ދިޔުމުން ގޭގައި މާކިންއާއި މިޝްޔާ އެކަނިވިއެވެ. މާކިން އޮފީހަށް ދާން ފެށުމުން މިޝްޔާ މާކިންއަށް ނޭނގި ބޭރަށް ދެއެވެ. އެކަންތައް ބައެއްފަހަރު މާކިންއަށް އެނގޭވެސް މެއެވެ. މިޝްޔާގެ އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައި ނަމަވެސް، އަދިވެސް މިޝްޔާ ޑްރަގް ބޭނުން ކުރުން ނުހުއްޓާތީ މާކިން ކަންބޮޑުވެގެން ނާޒިލްއާ އެ ވާހަކަ ދެއްކިއެވެ. ނާޒިލް ބުނީ ވަގުތު ނާގަނެކަމުގައެވެ.

ޑިއުޓީ ނިންލާފައި ނާޒިލްއަށް ގެއަށް ދެވުނުއިރު، ގަޑިން ރޭގަނޑު އަށެއްޖަހަނީއެވެ. ނަމާދުވެސް ނުކޮށް ހުރުމުން ގެއަށް ގޮސް ފެންވަރާލައިގެން އޭނާ އެންމެ ފުރަތަމަ ނަމާދުކޮށްލިއެވެ. އެއަށްފަހު އެނދުގައި ޖައްސައިލިއެވެ. ފޯނުން އެފްބީއަށް ވަދެލުމާއެކު ސަޖެޝަން ތަކުގެ ތެރެއިން އޭނާއަށް މިޝްޔާގެ ނަން އަޅައިގަތެވެ. އޭނާ އެ ޕްރޮފައިލް ހުޅުވައިލާ އޭގައި ވާ ފޮޓޯއަށް ބަލައިލިއެވެ. ފޮޓޯގައިވާ މިޝްޔާއާ މިހާރުގެ މިޝްޔާއާ އެތައް ހާސްބައެއް ތަފާތުވިނަމަވެސް، ރަނގަޅަށް ބަލައިލުމުން ވަކިކުރަން އެނގެއެވެ. މާ ބޮޑު ވިސްނުމަކާ ނުލައި ބަލައިލާމީހަކަށް ނޭނގޭނެކަން ގައިމެވެ. އެހާވެސް މިޝްޔާ ތަފާތެވެ. ދޮން އަލި ހަންގަނޑާއި ކަޅު ކަޅިއާއި، ބޮޑު ދެލޮލެވެ. ފަން އިސްތަށިގަނޑާއި މަޑުމަޑު ފިޔާތޮށި ކުލައަކަށްދާ ތުންފަތެވެ. އެ ތުންފަތް މަތީގައިވަނީ ޖާދުވީ ހިނިތުންވުމެކެވެ. އަތުން ފިނިފެންމަލެއް ހިފައްޓައިގެން މެއާ ކައިރިކޮށްލައިގެން ފޮޓޯއަށް ހުއްޓިލައިގެން ހީލައިގެން ހުރި ގޮތް ވަރަށް މައުސޫމެވެ.

ނާޒިލްއަށް އެ ފޮޓޯއަށް ބަލަހައްޓައިގެން އެތައް އިރަކު އޮވެވުނެވެ. މިޝްޔާގެ ރީތިކަމަށް އޭނާއަށް ހިތާ ހިތުން ތައުރީފް ކުރެވުނެވެ. އެ އަންހެން ކުއްޖާގެ ސިފަވަނީ މިހާރު އެކީ ކަހަލަ ގޮތަކަށް ގެއްލިފައެވެ. އެ ޙަޔާތުގައި ހިނގީ ކޮންފަދަ ކަންތައްތަކެއް ހެއްޔެވެ؟ އެފަދަ ވިސްނުންތަކެއްގައި ނާޒިލް އިރުކޮޅަކު އޮތުމަށްފަހު، މިޝްޔާއަށް ފްރެންޑް ރިކުއެސްޓެއް ފޮނުވައިލިއެވެ. ކުރެވެނީ ރަނގަޅުކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް ނާޒިލް އެހީ އޭނާގެ ހިތުގެ އަޑެވެ. އެ ހިތުގެ ގޮވުމަށް އިޖާބަ ދިނުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ފޯނު މޭމަތީގައި ބާއްވައިލަމުން ދެލޯ މަރައިލުމުންވެސް އޭނާއަށް ސިފަވީ މިޝްޔާގެ އެ ފޮޓޯގަނޑެވެ. އޭގެ އިރުކޮޅެއްފަހުން ފޯނަށް ނޮޓިފިކޭޝަނެއް އައުމާއެކު އޭނާ އަވަސް އަވަހަށް ފޯނު ހުޅުވައިލާ ބަލައިލިއެވެ. އެއާއެކު ބޭ އިޚްތިޔާރުގައި އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިޝްޔާ އޭނާގެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކުރީއެވެ.

މިޝްޔާ އޭނާ ދެންމެ އެކްސެޕްޓް ކުރި ނާޒިލްގެ ރިކުއެސްޓަށް ބަލަހައްޓައިގެން އޮތެވެ. ނާޒިލްގެ އެ ފިރިހެންވަންތަކަން އެފްބީއަށް ލާފައިވާ ފޮޓޯގަނޑުން އެކަނިވެސް ފެންނަމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު މިޝްޔާ މިރޭ ފޭސްބުކަށް ވަނީ ފޫހިވެގެންނެވެ. މާކިން ވަނީ އޭނާއަށް ފޯނެއް ގަނެދީފައެވެ. މިފަހަރު އެ ފޯނު ނުވިއްކާލާނެކަމަށް މިޝްޔާ މާކިންއަށް ވައުދުވިއެވެ. ނާޒިލް އޭނާއަށް ފްރެންޑް ރިކުއެސްޓެއް ފޮނުވީ ކީއްވެބާއޭ މިޝްޔާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ އެވަގުތު ހިތަށް އައި ގޮތަށް ކަންތައްކޮށްލި ނަމަވެސް، ކޮންމެވެސް ކަހަލަ ނުތަނަކަސްކަމެއް އޭނާގެ ހިތުގައި އުފެދުނެވެ. ނާޒިލްގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އެފަދަ ވިސްނުންތަކެއްގައި އޮއްވާ އޭނާއަށް މެސެންޖާއިން މެސެޖެއް ލިބުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު