ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިންކާރެއް ނުކުރެވޭނެ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުން ގާތު އެހުމަކީ އެކަކަށްވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ރައްޔިތުންނަށް ކަމަށެވެ.

"އެ ރަނގަޅު ގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން،" ނަޝީދުގެ ޓުވީޓުގައިވެއެވެ.

ނަޝީދުގެ ޓުވީޓުގައި އެމްޑީޕީގެ ގިނަ މެމްބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށްވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުން ގާތު އެހުމަކީ އެކަކަށްވެސް އިންކާރު ކުރެވޭނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފާހަގަކޮށްލެވެނީ އަބަދުވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ނަޝީދު ވަނީ އެކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ފިޔަވާ އެހެން ހުރިހާ ސިޔާސީ ލީޑަރުން ދެކޮޅު ހައްދަވައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ބޭނުންފުޅު ވާކަން ރައީސްއަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރަކަށް ވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރެއްވިއެވެ.

މިހާރުވެސް ނަޝީދުގެ މަސައްކަތްޕުޅުތައް ހުންނެވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމުގެ މިސްރާބަށެވެ.

އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މާދަމާ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް ޞާލިހު ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ގޮވާލައްވައިފައެވެ. ރައީސް ވިދާޅުވީ, ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އެފަދަ ވޯޓެއް ނަގައި ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ވެސް ތިލަކޮށްދެއްވާފައެވެ.

އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނަޝީދު ވަނީ އެމްޑީޕީގެ ހުރިހާާ މެމްބަރުންނާއި ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއީލާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަރުލަމާނީ ނިޒާމާ މުޅިން ދެކޮޅުކަން ހާމަކުރައްވާފައެވެ.

ހަމައެއާއެކު އިދިކޮޅު ހުރިހާ ލީޑަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމުގެ ބަދަލުގައި ރިޔާސީ ނިޒާމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

ނަޝީދުގެ ގާތް ބޭބޭފުޅުންނާއި އިދިކޮޅު ލީޑަރުން ވެސް ބަރުލަމާނީ ނިޒާމަށް ދެކޮޅު ހައްދަވާފައިވާއިރު، ބަރުލަމާނީއާ ބެހޭ ބައްދަލުވުމަކަށް އެމަނިކުފާނު ރޭ ވަނީ އެމްޑީޕީގެ ހަރުގެއަށް ވަޑައިގެންފައެވެ.

ނަމަވެސް އޭރު ހަރުގޭގައި އެމަނިކުފާނުގެ ސެކިއުރިޓީން ފިޔަވާ އިތުރު ބަޔަކު ނެތުމުން ސޯޝަލް މީޑިއާ ޕްލެޓްފޯމު ތަކުގައި ވަރަށް ގިނަ ބަޔަކު ވަނީ ނަޝީދުއަށް ފާޑުކިޔައިފައެވެ. އަދި އެއީ ބަރުލަމާނީ ނިޒާމަށް ތާއީދު ނެތް ކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް