ވަކި މުއްދަތެއް ނެތް ގޮތަށް ފީފާއިން އިންޑިއާ ސަސްޕެންޑު ކޮށްފި

އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމު--- ސަން ފޮޓޯ

ތިންވަނަ ފަރާތެއްގެ ނުފޫޒު އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނަށް ފޯރާކަމަށް ބުނެ ފީފާއިން އެ ގައުމު ސަސްޕެންޑު ކޮށްފިއެވެ.

ފީފާއިން އިންޑިއާ ސަސްޕެންޑު ކޮށްފައިމިވަނީ ދާދިފަހުން އެ ގައުމުގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޓުބޯޅަ ފެޑްރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ ހިންގާ ކޮމެޓީގެ ބާރު ކަނޑުވާލައި، އެފްއޭއެ ހިންގުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމިޓީއަކާ ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެއްވެސް ގައުމުއްގެ ފުޓުބޯޅަ ފެޑްރޭޝަން ތެރެއަށް އެ ގައުމުގެ ސަރުކާރުން ބާރު ފޯރުވުމަކީ ފީފާގެ ގަވައިދުގައި މަނާ ކަމެކެވެ.

އިންޑިއާ ސަސްޕެންޑު ކުރިކަން އެންގުމަށް ފީފާއިން ނެރުނު ބާޔާނުގައި ބުނެފައިވަނީ އެ ސަސްޕެންޝަން އުވާލާނީ އެ ގައުމުގެ ފުޓުބޯޅަ ފެޑްރޭޝަންގެ ބާރުތައް އުފުލުމަށް ވަކި ކޮމިޓީއެއް އުފެއްދުމަށް ކުރި އަމުރު ބާތިލުކުރުމުން ކަމަށެވެ.

މީގެއިތުރުން ފީފާއިން ބުނީ އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގައި ފަށަން ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް އެ ގައުމުގައި ނުބާއްވާނެކަމަށެވެ.

އެހެންކަމުން އަވަސް މުސަތަގުބަލެއްގައި އެ މުބާރާތް ބާއްވާނެ ގައުމެއް އިއުލާނު ކުރާނެކަމަށް ފީފާގެ ބަޔާނުުގައި ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ޔޫތު މިނިސްޓްރީ އާ ވާހަކަ ދައްކަމުން އަންނަކަމަށާއި، އެ މައްސަލައިގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް އުންމީދު ކުރާކަމަށް ވެސް ފީފާއިން ބުންޏެވެ.

މިއީ އިންޑިއާގެ ފުޓުބޯޅަ ފެޑްރޭޝާން، އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަންގެ 80 އަހަރަށް ވުރެ ގުނަ ދުވަސްވީ ތާރީހުގައި ފީފާއިން އެ ގައުމު ސަސްޕެންޑު ކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް