ޖީއެސްޓީ ބޮޑުނުކޮށް ފުރަތަމަ މިކަން ކުރޭ!

ސަރުކާރުގެ މައި އޮފީސްތައް ހިންގާ ވެލާނާގޭ-- ސަން ފައިލް ފޮޓޯ

ތިމާމެންނަށް ވެރިކަން ހޯދައި ދިނުމަށް އެހީތެރިވި މީހުންނާއި އެ މީހުންގެ އާއިލާތަކާއި ރައްޓެހިންނަށް އިނާމުގެ ގޮތުގައި އެކިއެކި މަގާމުތައް ދިނުމަކީ ރާއްޖޭގެ ސަގާފަތެވެ. އެގޮތުން ބައެއް މީހުން ދުނިޔޭގެ އަގުބޮޑު ގައުމުތަކުގައި ދިރިއުޅުމަށް އެ ގައުމެއްގެ އެމްބަސީން ވަޒީފާއެއް ދީ އަހަރަކު މިލިއަނުން މުސާރަދެއެވެ. އަނެއް ބަޔެއްގެ ދަރިން ކިޔަވާ ނިމެންދެން އެ ގައުމެއްގައި އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްބަސީއަކުން ވަޒީފާދެއެވެ. އެކިއެކި މިނިސްޓްރީތަކުގައި ވެސް މަސައްކަތެއް ނެތް އެތައް މަގާމެއްގައި މީހުން އެބަތިއްބެވެ. އެންމެ މަގާމެއް ދެ މަގާމެއް ނޫނެވެ. އަދި އެންމެ ކަމެއް ދެ ކަމެއް ވެސް ނޫނެވެ. އެތައް މިލިއަން ރުފިޔާއެއް މިޒާތުގެ ކަންކަމަށް ޓެކްސް ފައިސާއިން އެބަ ހަރަދު ކުރެއެވެ.

ދައުލަތަށް އިތުރު އާމްދަނީއެއް ފަސޭހައިން ހޯދުމަށް ސަރުކާރުގެ މިހާރުގެ ޕްލޭނަކީ ޓެކްސްތަކަށް ބަދަލު ގެނައުމެވެ. އެވެސް އާންމުންނާ އެންމެ ބޮޑަށް ގުޅިފައިވާ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމެވެ. ޓޫރިޒަމްގެ ދާއިރާއިން ނަގާ ޓީޖީއެސްޓީން މިހާރު ނަގަމުން އަންނަނީ 12 ޕަސެންޓެވެ. ޖީއެސްޓީއަށް ނަގަމުން އަންނަނީ ހަ ޕަސެންޓެވެ. ސަރުކާރުން މިހާރު ބޭނުން ވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އަދި މި ބަދަލުތައް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

https://sun.mv/166588

ލޯންތައް ދެއްކުމަށާއި ކޮވިޑްގައި ލިބުނު ގެއްލުމުން އަރައިގަތުމުގެ އިތުރުން ތަރައްގީގެ މަޝްރޫތައް ހިންގުމަށާއި ރައްޔިތުންގެ ވެލްފެއާގެ ކަންކަން ހަމަޖެއްސުމަށް ދައުލަތަށް ފައިސާ ބޭނުންވެއެވެ. އެކަން ކުރަން އެންމެ ފަސޭހަ އެއްގޮތަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމެވެ. ޖީއެސްޓީއަކީ އާންމުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ޓެކްސްއެކެވެ. ގަންނަ ކޮންމެ އެއްޗަކުން މިހާރު ނަގާ ޓެކްސް ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމާއެކު ތަކެތީގެ އަގުތައް އުފުލޭނެއެވެ. އޭގެ އަސަރު ސީދާ ގޮތެއްގައި އާއްމުންނަށް ކުރާނެއެވެ.

ހަރަދުތައް ފޫބެއްދުމަށް ޓެކްސް ބޮޑުކުރުން ނޫން ގޮތެއް ނެތްނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއާއެކު ކުރަން ޖެހޭ ހަމަ އެހާމެ މުހިންމު ކަންކަން އެބަހުއްޓެވެ. ބޭކާރު ހަރަދުތައް ހުއްޓާލުމެވެ. އޭގެ ތެރެއިން ވެސް އެންމެ ބޭކާރު އެއް ހަރަދަކީ ޕާޓީ މީހުންނާއި ގާތް މީހުންނަށް މަގާމުތައް ދީ ދައުލަތުން ކުރަމުން އަންނަ ބޮޑު ހޭދައެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާއަށް ބެލިނަމަވެސް އަދި އެކިއެކި މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކަށް ބެލިނަމަވެސް އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރާ މަގާމުތަކުގައި އެއްވެސް ތަޖުރިބާއެއް ނެތް އަދި ގާބިލު ކަމެއް ނެތް އެތައް ބަޔަކު އެބަތިއްބެވެ. ޕާޓީ މީހާއަށް ވާތީ ނުވަތަ ނުފޫޒު ގަދަ މީހެއްގެ އާއިލާ މީހަކަށް ވާތީ، ނުވަތަ ރައްޓެއްސަކަށް ވާތީ މަގާމު ދީފައެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ މިފަދަ ބޭކާރު ކަންކަމަށް ހަރަދު ކުރުމަކީ އިންސާފެއް ނޫނެވެ.

ފިނޭންސް މިނިސްޓަރު އަމީރު: ޖީއެސްޓީ ބޮޑުކުރަން ވަރަށް އަވަހަށް ހުށަހަޅާނެ -- ސަން ފައިލް ފޮޓޯ

މިއަހަރުގެ ބަޖެޓުގައި ސިޔާސީ 1،045 މަގާމަކަށް މި އަހަރަށް 407،685،241 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެ ހުރިހާ ސިޔާސީ މަގާމަކީ ބޭކާރު މަގާމުތަކެއް ނޫނެވެ. ނަމަވެސް އޭގެ ތެރެއިން ބޮޑު ޕަސެންޓެއް ބޭކާރު މަގާމުތަކުގެ ތެރޭގައި ހިމެނެއެވެ. ކުރާނެ މަސައްކަތެއް ނެތި އެތައް ބަޔަކު މުސާރަ ނަގާލަ ނަގާލައި އެބަތިއްބެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔަން. ނޫނީ ޕާޓީއާއި ސަރުކާރު ޕްރޮމޯޓްކޮށް ވާހަކަ ދައްކާތީ އެބަ ތިބި 25،000 ރުފިޔާއިން މުސާރަ ދީފައި ޑިރެކްޓަރުން ލައިފައި މިނިސްޓްރީތަކުގައި. ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނަށް ބެލިނަމަވެސް ކަމެއް ނުދަންނަ އެތައް ބަޔަކު އެބަތިބި. ދެން މުސާރަ ލިބޭތީ ތިބެނީ. މިއީ ކިހާ ބޮޑު އިސްރާފެއްތޯ މިއީ،" ސަރުކާރުގެ ވަޒީފާތައް އަދާކުރާތާ 20 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ ބޭފުޅަކު މަގާމުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

މިސަރުކާރަށް ބަލާއިރު ކޯލިޝަނަކުން ވެރިކަން ލިބުނީތީ މިބުނާ ޒާތުގެ ބޭކާރު ހަރަދުތައް ކުރަން ޖެހޭވަރު އަދި މާ ބޮޑުވެއެވެ. ކޯލިޝަންގެ ހުރިހާ ޕާޓީތަކެއް ރުއްސުމަށް މަގާމުތައް ބަހާލަން ޖެހެއެވެ. އެހެންކަމުން ޕާޓީގެ މަސައްކަތް ކުރާގޮތަށް މިނިސްޓްރީތަކުން ވަޒީފާ ދީފައި އެބަހުއްޓެވެ. އެ މީހުން ޖެހެނީ މިނިސްޓްރީއަށް ގޮސް ފިންގާ ޖެހުމަށް ފަހު ޕާޓީ އޮފީހަށް ގޮސް މަސައްކަތް ކުރާންށެވެ.

https://sun.mv/161705

މާލީ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ އަދި މިނިވަން މުއައްސަސާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވިގޮތުގައި ރަނގަޅު އިގުތިސާދެއް ބިނާ ކުރަން ބޭނުންވާނަމަ އާމްދަނީ އިތުރު ކުރުމާއެކު ހަރަދުތައް ކުޑަކުރަން ވެސް އިސްކަން ދޭން ޖެހެއެވެ. ހާއްސަކޮށް ބޭކާރުގޮތުގައި ކުރާ ހަރަދުތައް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަރަދުތައް މާ ބޮޑަށް ވެސް އިތުރު. ސިޔާސީ މަގާމުތައް މަދު ކުރަން ޖެހޭ. އެ މަގާމުތަކަށް އެ ކުރާ ހޭދައަކީ އެތައް އުމުރާނީ ތަރައްގީއެއް ގެނެވޭނެ ހަރަދުތަކެއް. ހަމައެކަނި ސިޔާސީ މަންފާއަށް ވިސްނައިގެން ކަން ކުރާނަމަ ރަނގަޅު އިގުތިސާދެއް ބިނާއެއް ނުކުރެވޭނެ،" ފައިނޭންސް ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވާ އެ ބޭފުޅާ ވިދާޅުވިއެވެ.

ސަރުކާރަށް މިފަހަރު ވެސް އަޑުއިވުނީ އައިއެމްއެފްއާއި ވޯލްޑްބެންކުން ޓެކްސް ބޮޑު ކުރަން ދިން ލަފައެވެ. އެއާއެކު ހަރަދުތައް ކުޑަ ކުރުމަށް ދިން ލަފައެއް އަޑެއް ނީވެއެވެ. ހާއްސަކޮށް ސިޔާސީ ގޮތުން ގެއްލުމެއް ލިބިދާނެތީ ސަބްސިޑީ ތަކަށް ބަދަލު ގެންނާކަށް ނުކެރުނެވެ. ފަގީރެއް މުއްސަންޖެއް ބެލުމެއް ނެތި އެންމެނަށް އެއްވަރަކަށް ދެމުން އަންނަ ސަބްސިޑީތަކާއި ވެލްފެއާގެ ކަންކަން ހަމަ މަގަށް އެޅުވުމަކީ ވެސް އައިއެމްއެފް އާއި ވޯލްޑު ބެންކުގެ ގޮވާލުމެކެވެ. އެކަމަކު އެ އަޑެއްވެސް ނީވުނެވެ.

ސިޔާސީ މީހުން ބޭނުންގޮތަކަށް އަދި ސިޔާސީ ފައިދާއަށް އެކަނި ވިސްނައިގެން ކަންކަން ކުރާނަމަ އިގުތިސާދީ ހަމަހަމަ ކަމެއް ވެސް އަދި ހަމަޖެހުމެއް ވެސް ނުގެނެވޭނެއެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސްއިން ލިބޭ އާމްދަނީއިން ގާތް މީހުންނަށް ބޮޑެތި މުސާރައިގެ ގޮތުގައި ދިނުމަކީ އެއްވެސް އިންސާފެއް ނޫނެވެ. ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން މިހާރު ނިންމާފައިވާއިރު އެކަން ކުރުމުގެ ކުރިން މި ފާހަގަ ކުރި އިސްރާފު ހުއްޓާލަން ޖެހެއެވެ. ރައްޔިތުންގެ އަތުން ބޮޑު ޓެކްސް ނަގައިގެން އެ ފައިސާއިން ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަކުން އިގުތިސާދެއް ރަނގަޅެއް ނުވާނެއެވެ.

comment ކޮމެންޓް