ބަރުލަމާނީ ނިޒާމް: ނަޝީދު އެކަނި، އެހެން ހުރިހާ ލީޑަރުން ދެކޮޅު

ރައީސް މުހައްމަދު ނަޝީދު: ބަރުލަމާނީ ނިޒާމެއް ގެންނަން އެމަނިކުފާން ކުރައްވާ މަސައްކަތާ އެހެން ހުރިހާ ލީޑަރުން ދެކޮޅު-- ސަން ގްރެފިކްސް: އަލީ ޝާހީން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމުގެ ހުވަފެން ދެކެވަޑައިގެންނަވާ ބޭފުޅެކެވެ. މީގެ ކުރިންވެސް އެތައް ގޮތަކަށް އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ބޭނުންފުޅު ވާކަން ރައީސްއަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރަކަށް ވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރެއްވިއެވެ.

މިހާރުވެސް ނަޝީދުގެ މަސައްކަތްޕުޅުތައް ހުންނެވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމުގެ މިސްރާބަށެވެ.

އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން އިއްޔެ ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ވެސް ތިލަކޮށްދެއްވާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެގޮތުން މިހާރު އޮތް ގާނޫނު އަސާސީއަށް ބަދަލު ގެނެވި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެނައުމުގެ ހުވަފެން ނަޝީދު ދެކިވަޑައިގެންނަވާއިރު، އެންމެ ބޮޑު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ވޯޓަކުން ފާހެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

"ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމަށް ނުވަނީ މިހާރަށްވުރެވެސް ބޮޑަށް ސިޔާސީ ހަލަބޮލިކަން އުފެދޭނެތީ, ޚަރަދުވެސް ބޮޑުވާނެ. މިހާރު ރާއްޖެ އޮތް ގޮތުން އެލައުއެއް ނުކުރޭ ބަރުލަމާނީ ނިޒާމަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމު ރާއްޖެއަަކަށް "ފިޓެއް" ނޫން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ބާއްވަން ބޭނުންކަމުގައިވާނަމަ ފުރިހަމަ ކުރަން ޖެހޭ ބައިވަރު އިތުރު ކަންކަން އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ބަރުލަމާނީ ނިޒާމުގައި އޮންނަނީ ޕާޓީއެއްގެ ތެރެއިން މަޖިލީހަށް އިންތިހާބުވާ މެންބަރުން ވިޕަށް އަމަލު ކުރަން ޖެހޭ ގޮތަށް ކަމަށާއި އެ ނިޒާމުގައި ޕާޓީން ވަކިވުން ފަދަ ކަންކަން މަނާކުރާ ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެކަން ރާޢްޖޭގައި ކުރިއަށްދާ ގޮތް ތަފާތުކަމަށާއި މަޖިލިސް މެމްބަރުން ވެސް އެކި ފަހަރު އެކި ޕާޓީތަކުގައި ތިބޭއިރު އެގޮތަށް އެކަން ކުރިއަށް ގެންދަން އުނދަގޫތަކާ ކުރިމަތިވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ފަސް އަހަރު ދުވަހަށް އިއްވި ޖަލު ހުކުމް ބާތިލް ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މިހާރު އޮތް ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕޯކްސްޕާސަން އަލީ ޞާލިޙު މިއަދު "ސަން"އަށް ވިދާޅުވީ ޖޭޕީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.

ހަމައެގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅިގެން އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ލަސްވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ އިރުއިރުކޮޅާ ވެރިކަން ބަދަލުވުމެވެ.

ފައިސާގެ ނުފޫޒުން އިރުއިރުކޮޅާ ބޮޑުވަޒީރު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެންވީމަ ދެން ތަރައްގީގެ މަސައްކަތްތައް ލަސްވަމުންދާނީ. އެހެންވީމަ އެއީ އެއްވެސް ހާލެއްގައި ރާއްޖެއަށް ފައިދާހުރި ވެރިކަމުގެ ނިޒާމެއް ނޫން،" ކާނަލް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަަކަތަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ، ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށް ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން ގައުމު ބައިބައިވެ، ރައްޔިތުން ހާލުގައި ޖެހުން ފިޔަވާ އިތުރު އެއްވެސް މޮޅުކަމެއް ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވަނީ ހުރިހާ ބޭފުޅުންގެވެސް ތާއިދު އެކަމަށް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ބަރުލަމާނީ ނިޒާމު ގެނައުމުގެ މަޝްވަރާތައް ޕާޓީގެ ހުރިހާ ފަރާތްތަކާއެކު ވެސް ކުރިއަށް ގެންދަވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ފައްޔާޒު ރޭ "ސަން"އަށް ވިދާޅުވީ އޭނާ އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ރާއްޖެ މާ ކުޑަ ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަރުލަމާނީ ނިޒާމު ގެނައުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް ---

"މިހާރު ރިޔާސީ ނިޒާމުގައިވެސް ރާއްޖޭގެ ވެރިކަން މިއޮއް ދަނީ ކުރިއަށް. މިއީ ޑިކްޓޭޓާޝިޕެއް ނޫން. ބޭނުންވާ ކަމެއް އެބަ ކުރެވޭ. އަނިޔާވެރިއެއް ނޫން. ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު އިމުގެ ތެރޭގައި އޮވޭ. އެހެންވީމަ ގަބޫލެއް ހަމަ ނުކުރެވޭ ބަރުލަމަނީ ނިޒާމެއް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ކޮރަޕްޝަން ފަދަ ކަންކަންވެސް ބަރުލަމާނީ ނިޒާމަށްވުރެ ބޮޑަށް ރިޔާސީ ނިޒާމުގައި ކުޑަ ކުރެވޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި ފައިސާގެ ނުފޫޒުން ވެރިކަން ބަދަލުކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ގިނަގިނައިން ވެރިކަން ބަދަލުވުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅިގެން ކުރެވެމުންދާ ބަހުސްގައި ނަޝީދު ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ބަރުލަމާނީ ނިޒާމަށް ދެކޮޅު ހައްދަވާފައިވާއިރު ނަޝީދު އެކަނި ހުންނަވައިގެން ބަރުލަމާނީ ނިޒާމު ގެނެވިދާނެތޯ ސުވާލު ކުރުމުން، ނަޝީދު ވިދާޅުވީ އެއްވެސް މީހަކަށް އެކަނި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ކުރައްވާ އެއްވެސް ކަމެއް ކުރައްވަނީ ނާކާމިޔާބުވެދާނެ ކަމަށް ހީކޮށްގެން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދޭތެރެއަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ބަހުސެއް ކުރެވޭއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

comment ކޮމެންޓް