އެމްޑީޕީއަށް ވެރިކަން ކުރެވެން އޮތް މަގަކީ ބަރުލަމާނީ ނިޒާމް: ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެމްޑީޕީއަށް ވެރިކަން ކުރެވެން އޮތް މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީގެ ޖަގަހައިގައި ރޭ އެމަނިކުފާނު ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ކުރެވެން އޮތް މަގަކީ ބަރުލަމާނީ ކަމާ މެދު އެ ޕާޓީގެ ކޮންގްރެސްގައި އެއްވެސް މީހަކު ދެބަހެއް ނުވާނެކަމަށެވެ.

"ނިޒާމު ބަދަލުކުރަން އަޅުގަނޑު ހުށަހަޅާ އެންމެ ބޮޑު ސަބަބަކީ ޒިންމާދާރުކަމާއެކީގަ މި މަސައްކަތްކުރާ އަޅުގަނޑުމެންގެ ޕާޓީއަށް ވެރިކަން އޮތުން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ ނިޒާމުގެ ވެރިކަމެއްގައި ސަރުކާރަށް ތާއީދު އޮންނަނީ 25 ވަރަކަށް ޕަސަންޓަށްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރިޔާސީ އިންތިޚާބެއްގައި ރައްޔިތުން އެއްވެސް ޕާޓީއަކަށް 50 ޕަސަންޓުގެ އަޣްލަބިއްޔަތެއް ދީފައިނުވެއެވެ. އަދި 51 ޕަސަންޓުގެ އަޣްލަބިއްޔަތެއް ހޯދުމަށް ކުދި ޕާޓީތަކުގެ ތާއީދު ބޭނުންވާކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ސަރުކާރުގެ 60 ޕަސަންޓު އެ ޕާޓީތަކަށް އެބަދޫކުރޭ ކެބިނެޓްގެ މަގާމުތަކަށް. އެހެންވީމަ ސަރުކާރެއް އުފެދޭއިރު ފުރަތަމަ އެކެއް، ޕީޕީއެމްގެ ޚިޔާލާ ފިކުރުގަ ތިބި އެންމެނެއް ނެތް. އެއީ އާބަދީގެ 45 ޕަސަންޓޭ އަޅުގަނޑު ދެންނެވިން ހިސާބުތަކަށް ބަލާއިރު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރިޔާސީ ނިޒާމުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތައް އުފެއްދުމަށާއި ސިވިލް ސާވިސް އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެއަށް އެންމެ ރަނގަޅުވާނީ ކުޑަ ސަރުކާރެއް އޮވެ ވިޔަފާރިތައް ތަރައްގީ ކޮށް އެ ވިޔަފާރިތަކަށް ބާރުދީގެން އެ ވިޔަފާރިތަކުގައި ވަޒީފާގެ ފުރުސަތު އުފެއްދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ތިލަކޮށްދެއްވައިފިއެވެ.

އެގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެނެވި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންްތިހާބު އެއީ ގާނޫނު އަސާސީ އިސްލާހު ކުރެވިފައިވާ ގޮތަށް ބޭއްވޭ ރިޔާސީ ނިޒާމަކަށްވެ އަދި 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުން މަޖިލީހުގެ އިންތިހާބާ އެކުގައި އަޅުގަނޑުމެންނަަށް ފުރިހަމަ ބަރުލަމާނީ ނިޒާމުގައި މަސައްކަތް ކުރަން ފެށޭނެ،" ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށެހެޅުއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ކުރިން އެމަނިކުފާނަކީ އަބަދުވެސް ފައްޔާޒަށް ފާޅުގައި ފާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އެމަނިކުފާނުގެ ރާގު ބަދަލުވީ ބަރުލަމާނީ ނިޒާމު ގެންނަން ފައްޔާޒުގެ ތާއީދު ހޯދުމަށް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފައްޔާޒާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެކަމަކު ފައްޔާޒު ވިދާޅުވެފައި ވަނީ އެއްއިރެއްގައި ވެސް އޭނާ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެއީ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް