ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އެގޮތުން މިހާރު އޮތް ގާނޫނު އަސާސީއަށް ބަދަލު ގެނެވި، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ، ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން ގައުމު ބައިބައިވެ، ރައްޔިތުން ހާލުގައި ޖެހުން ފިޔަވާ އިތުރު އެއްވެސް މޮޅުކަމެއް ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ މީގެ ކުރިން ވެސް ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ، އެކަމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނަަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މި މަހުގެ 19ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ.

މިދިޔަ އަހަރު ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމަށް ޓަކައި އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި އެކަމަކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެއް އޮންނާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުުވައިވަނީ ވެރިކަމުގެ ނިޒާމު ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ލީޑަރުން ވާހަކަ ދައްކަވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށެވެ.

comment ކޮމެންޓް