ޒުބައިރު އިސްތިއުފާ ދިނުމުން ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަނީ

ސިވިލް ކޯޓު--

ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަން ބޭނުން ވެގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ 13:00އާ ހަމައަށެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު، ލިވިން އެލަވަންސުގެ ގޮތުގައި މަހަކު ލިބޭ 15،000 ރުފިޔާ ލިބެއެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާ ލިބޭނެއެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމުން މިދިޔަ މަހު، އިސްތިއުފާދެއްވި ޒުބައިރު މުހައްމަދު ވަނީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައެެވެ.

އެގޮތުން މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގަ އާއި ދާއިރާ އިސް މެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައި ވެސް ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް ޒުބައިރު އައްޔަންކުރީ 2015 ވަނަ އަހަރު ތެރޭގައެވެ.

comment ކޮމެންޓް