ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަރުލަމާނީ ނިޒާމެއް އެކަށީގެނެއް ނުވޭ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް --- ސަން ފޮޓޯ / އަހްމަދު ސައީދު

ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެކަށީގެން ނުވާކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިރޭ "ސަން"އަށް ވިދާޅުވީ ފެށުނީއްސުރެ ވެސް އޭނާ ތާއީދު ކުރައްވާ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ.

"މިހާރު ރިޔާސީ ނިޒާމުގައިވެސް ރާއްޖޭގެ ވެރިކަން މިއޮއް ދަނީ ކުރިއަށް. މިއީ ޑިކްޓޭޓާޝިޕެއް ނޫން. ބޭނުންވާ ކަމެއް އެބަ ކުރެވޭ. އަނިޔާވެރިއެއް ނޫން. ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު އިމުގެ ތެރޭގައި އޮވޭ. އެހެންވީމަ ގަބޫލެއް ހަމަ ނުކުރެވޭ ބަރުލަމަނީ ނިޒާމެއް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ކޮރަޕްޝަން ފަދަ ކަންކަންވެސް ބަރުލަމާނީ ނިޒާމަށްވުރެ ބޮޑަށް ރިޔާސީ ނިޒާމުގައި ކުޑަ ކުރެވޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި ފައިސާގެ ނުފޫޒުން ވެރިކަން ބަދަލުކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ގިނަގިނައިން ވެރިކަން ބަދަލުވުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް އެހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވަނިކޮށެވެ.

މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ތިލަކޮށްދެއްވާފައެވެ.

އެގޮތުން މިހާރު އޮތް ގާނޫނު އަސާސީއަށް ބަދަލު ގެނެވި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިއަދުގެ ޕްރެސްގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުފައެވެ. ޚާއްސަކޮށް ފައްޔާޒްގެ އެއްބާރުލާއި ތާއީދު ވަރަށް ބޮޑަށް ބޭނުންވާކަމަށާއި އެކާމާ ގުޅިގެން ފައްޔާޒާއެކު ދައްކަން ޖެހޭ ވާހަކަ ދައްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދަކީ އަބަދުވެސް ފައްޔާޒުއާ ދެކޮޅު ބޭފުޅެކެވެ. ނަމަވެސް ދާދިފަހުން ނަޝީދު ވަނީ މިހާރު އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ކަންތައް ކުރެއްވުނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކުއްލިއަކަށް ފައްޔާޒަށް ތާއީދު ކުރައްވަން ނަޝީދު ނިންމެވީ ބަރުލަމާނީ ނިޒާމް ގެނައުމަށް ފައްޔާޒާއި އޭނާގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަށް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

comment ކޮމެންޓް