ހާޓްއެޓޭކެއް ޖެހިގެން ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް ނިޔާވެއްޖެ

ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް، އަލީ ވަސީމް ހުސައިން

ހާޓް އެޓޭކެއް ޖެހިގެން ފުވައްމުލަކު ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް، އަލީ ވަސީމް ހުސައިން މިއަދު ނިޔާވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ވަސީމްގެ އާއިލާ މީހަކު ބުނީ ހާޓްއެޓޭކް ޖެހުނީ މެންދުރު ކެއުމަށް ތައްޔާރުވަނިކޮށްކަމަށެވެ.

"އެކެއް ޖަހާ އެހާއިރު ގެއަށް އައިއްސަ އެހި ދަރިފުޅު ކޮބައިހެއްޔޭވެސް،" އޭނާ ބުންޏެވެ.

އޭނާ ބުނީ ވަސީމް ނޭވާލާން އުނދަގޫވެގެން އުޅޭ އަޑު އިވިގެން އޭނާ ކައިރިއަށް ދިޔައިރު އޮތީ ވެއްޓިފައިކަމަށެވެ.

"އަޅުގަނޑުމެން ގޭގަ ސީޕީއާރު ދިން އިރުވެސް ކުޑަކޮށް ރެސްޕޮންޑު ކުރޭ. ކޮންފާމް އެއް ނުވޭ ސީދާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފަކަމެއް ވަނީކީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ވަސީމް ރޯގާޖެހިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާކަމަށެވެ. އަދި ވަސީމް ހިތުގެ މައްސަލައެއްގައި މީގެ ކުރިން އެންޖިއޯޕްލާސްޓީ ހަދައިފަވާކަަމަށް ވެސް އޭނާ ބުންޏެވެ.

ވަސީމް ފުނާޑު ކައުންސިލްގެ ރައީސް ކަމަށް އައްޔަން ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

އޭނާ ވަނީ ޓޫރިޒަމް ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައެވެ.

comment ކޮމެންޓް