މިއަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ދެ ރެއަކަށް ބަހާލީ ދަރިވަރުން ގިނަވީމަ: އެޑިއުކޭޝަން މިނިސްޓްރީ

އޭ ލެެވެލްގެ ޓޮޕް ޓެންގައި ހިމެނުނު ދަރިވަރަކަށް ރައީސް ސޯލިހް އިނާމު އަރުވަނީ--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިދިޔަ އަހަރުގެ އޯލެވެލް އަދި އޭ ލެވެލް ހެދި ކުދިންގެ ތެރެއިން ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުން ދެ ރެއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެއްސީ އިނާމު ލިބޭ ދަރިވަރުން ގިނަވީމައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އެ އެވޯޑު ހާސިލްކުރި ދަރިވަރުން ގިނަ ކަމަށެވެ.

"އަދި މިއަހަރު ނިންމާފައި ވަނީ އޯލެވެލް އަދި އޭލެވެލް ހެދި ދަރިވަރުންނަށް އެއްކޮށް އެވޯޑު ދޭން،" އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މި އެވޯޑާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައެވެ.

އެގޮތުން ގިނަބައެއްގެ ކަންބޮޑުވުމަކީ އެވޯޑު ދޭން ހަފުތާއަކަށް ވުމުން އޯލެވެލް އިން ގަދަ ދިހައެއްގައި ހިމެނި މިހާރު އޭލެވެލްހަދާ ދަރިވަރުން ރަސްމިއްޔާތަށް ޔުނީފޯމުގައި ހާޒިރުވާންޖެހޭކަން އެންގުމެވެ.

އެވޯޑު ލިބޭ ދަރިވަރަކު "ސަން"އާ ވާހަކަދައްމުން ބުނީ ހަމައެކަނި މިއަހަރު އެހެން ކަންތައްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭކަމަށެވެ.

"ގިނަ ބެލެނިވެރިން މިހާރު ކުދިންނަށް ހެދުން ފަހާފަ ހުރީވެސް. އަޅުގަނޑުމެން ސްކޫލުގަ ކުރި މަސައްކަތް އަގު ވަޒަންކުރާއިރު އެވޯޑު ބަލާދާއިރު ރެޕްރެޒެންޓް ކޮށްދޭންޖެހެނީ އޭލެވެލް ހަދާ ކޮލެޖް،" އެވޯޑު ލިބޭ ދަރިވަރަކު ބުންޏެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ޔުނީފޯމުލުމަށް އެންގީ ހަރަދު ކުޑަކުރުމުގެ ގޮތުންކަމަށެވެ.

"ނަމަވެސް ދަރިވަރުން ބޭނުން އޮޕްޝަންއެއް ނެގުމުގެ އިހުތިޔާރު އޮންނާނެ،" އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް