ބްރިޖުގެ މަސައްކަތް ކުރިއަށް ދާތީ، މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ މޯލްޑިވްސް ޖާނަލް

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުކުރުން މަނާކޮށްފިއެވެ.

ޓްރާސްޕޯޓު މިނިސްޓްރީން ބުނީ ވިލިމާލެ އާއި މާލެއާ ދެމެދު އޮންނަ ކަނޑުއޮޅީގައި ބްރިޖް އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖައްސާފައި ވާތީ، އެ މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން އެ ކަނޑުއޮޅިން ދަތުރު ކުރުން މަނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދެކުނުގެ އަތޮޅުތަކުން ގާދޫކޯ، ހުރަސްކޮށް އަންނަ އުޅަނދުފަހަރަށް މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖު ސަރަހައްދުން ދަތުރުފަތުރު ކުރުމަށް ޓަކައި އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް