މަޖީދީމަގުގައި ޕާކުކުރުން މަނާކޮށްފި

އެމްޓީސީސީގެ މިނީ ބަސްތައް --- ފޮޓޯ/ އެމްޓީސީސީ

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މަޖީދީ މަގުގައި އެއްވެސް ސަރަޚައްދެއްގައި ޕާކު ކުރުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މަޖީދީ މަގުގެ ދެ ފަރާތުގައި ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގުތައް މިހާރު ވަނީ ދަމައިފައެވެ. އަދި އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެނގުމަށް "ނޯ ޕާކިން" ކޯން ވެސް ފުލުހުން މިހާރު ވަނީ ބަހައްޓައިފައެވެ.

މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ކުރިން ޕާކު ކުރެވުނު ނަމަވެސް އާރުޓީއެލްގެ ދަށުން މާލޭގައި ފަށާ މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މާލޭގެ ބޮޑެތި މަގުތަކުގެ ގިނަ ޕާކިން ޒޯންތަކެއް ނެގުމަށް އެމްޓީސީސީ އިން ވަނީ މާލޭ ސިޓީ ކައުންސިލުގައި އެދިފައެވެ.

ނަމަވެސް ޕާކު ކުރާނެ އިތުރު ސަރަޚައްދެއް ރައްޔިތުންނަށް ހަމަޖައްސައި ނުދެވެނީސް ޕާކިން ޒޯންތައް ނުނެގޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އެމްޓީސީސީއަށް އެންގިއެވެ.

އޭގެ ފަހުން ސަރުކާރުން ޕާކު ކުރާނެ ސަރަޚައްދުތަކެއް ހަމަޖައްސައިދިނުމުން އެމްޓީސީސީއިން ބޭނުންވާ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުން ޕާކިންތައް ނެގުމަށް ސިޓީ ކައުންސިލުން ވަނީ އެއްބަސްވެފައެވެ.

މިނީ ބަހުގެ ޚިދުމަތްތައް ފަށަން އެ މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ޕާކިން ޒޯން ހަދަން ހަމަޖެއްސި ބިންތަކުގެ ތެރޭގައި ހިމެނެނީ ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގެ ކައިރިން ތަނަކާއި ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެކެވެ.

އާރުޓީއެލް މިނީ ބަހުގެ ޚިދުމަތް ރާއްޖެތެރެއެކޭ އެއްގޮތަށް މާލޭގައި ވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފަށަން އޮތް ނަމަވެސް ބަސް ދަތުރުތައް ހަމަ އެކަނި ފަށާފައިވަނީ އަތޮޅު ތެރޭގައި އެކަންޏެވެ.

comment ކޮމެންޓް