އިންޑިއާ ހައި ކޮމިޝަން ހުޅުމާލެއަށް

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން މާލޭން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަން ބަދަލުކޮށްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގެ ގޯޅި ހަތަރެއްގައި ހުންނަ ލޮޓް ނަންބަރު 11499، އިމާރާތަށެވެ.

މިއަދާ ހިސާބަށް އިންޑިއާ ހައިކޮމިޝަން ހުރީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގައެވެ.

މީގެ ކުރިން އިންޑިއާ ހައި ކޮމިޝަނުން ވަނީ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވާ ކަމަށް ބުނެފައެވެ.

ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދިނުމަށް ސަރުކާރުން ހަމަޖައްސައިދީފައިވާއިރު، އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެއެވެ.

އިންޑިއާގެ އެމްބަސީ އަޅަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިން ބިމުގައި ބިންގާ އެޅީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް އެ އިމާރާތް އަދި ނިމިފައެއް ނުވެއެވެ.

އާ އިންޑިއާ އެންބަސީ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

comment ކޮމެންޓް