އޮކްޓޫބަރު 3 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

ރައީސް އޮފީސް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީ މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށެވެ.

ވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން މިއަހަރުގެ އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާ ކަމަށެވެ. އަދި އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު، ޓޫރިޒަމް މިނިސްޓްރީއާއި މަޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގައި އަދި ރާވަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން އެކި ގޮތްގޮތުން ޚިދުމަތްކުރި އަދި އެހީތެރިވި 50 ފަރާތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން ވަނީ އެވޯޑު ދީފައެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ވަކިވަކި ފަރުދުންނާއި ރިސޯޓުތައް ހިންގަވާ ބޭފުޅުންނާއި ޓުއާ ގައިޑުންނާއި ފަތުރުވެރިން ރާއްޖެ ގެނައުމުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ވިޔާފަރިތައް އެކި ގޮތްގޮތަށް ހިންގާ ފަރާތްތައް ހިމެނެއެވެ.

comment ކޮމެންޓް