މީރާ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނެގި މީހާ އަދި ނުހޯދޭ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނެގި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ ފާއިތުވި ހަފްތާގެ ހޯމަ ދުވަހުގެ ރޭ އެ އޮތޯރިޓީގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަގެއް ވަދެފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އޭނާ ވަގަށް ގެންގޮސްފައިވަނީ މުވައްޒަފެއްގެ މޭޒު ކަބަޑުގައި ބަހައްޓާފައި ހުރި 25 ރުފިޔާ ކަމަށް ފަތުޙުﷲ ވިދާޅުވިއެވެ.

"އިތުރު ޑޮކިއުމެންޓެއް ވެސް އަދި ލެޕްޓޮޕެއް އެއްޗެއް ވެސް ނެތް ގެންގޮސްފައެއް. އެ 25 ރުފިޔާ ނެގީ،" ފަތުޙުﷲ ވިދާޅުވިއެވެ.

ފަތުޙުﷲ ވިދާޅުވިގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ފައިސާތައް މީރާއިން ވަރަށް ރަނގަޅަށް ބަލަހައްޓާތީ ވަގަކު ވަނަސް އެތަކެތި ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަގުގެ ހަރަކާތްތައް ސީސީޓީވީއަށް އަރާފައިވާ ކަމަށެވެ.

comment ކޮމެންޓް