އިންޑިއާ: ދިވެހިންނާ އަބަދުވެސް އެންމެ ގާތުގައި

ޖޫން 8، 2019: ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅު ތަކާއި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނުތާ 75 އަހަރު ފުރުން މިއަދު ފާހަގަ ކުރަމުން އަންނަ އިންޑިއާއަކީ ދިވެހީންގެ އެންމެ ޒަމާންވީ އެކުވެރިޔާއެވެ. އެ ގައުމު ދިވެހީންނަށް މުހިންމު ވަނީ އެއްގޮތަކުން ނުވަތަ ދެގޮތަކުން ނޫނެވެ. މި ކުޑަކުޑަ ދިވެހި ރާއްޖެއާ އެއް ކަނޑެއް ހިއްސާ ކުރާ އިންޑިއާގެ ހަމަޖެހުމާއި ސަލާމަތަކީ މި ގައުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި އިންޑިއާއަށް ކުރިމަތިވާނެ ކޮންމެ ނުރައްކަލަކީ މި ރާއްޖެއަށް ވެސް އޮތް ނުރައްކަލެކެވެ. ސަބަބަކީ މި ދެ ގައުމު އުފެދިފައި އޮތް ހިސާބާއި ސަގާފަތުގެ އެއްގޮތް ސިފަތަކާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްކަމާއި އެއްގައުމުން އަނެއްގައުމުގެ އެހީއަށް ބޭނުން ވެފައި އޮތް މިންވަރެވެ.

މާޒީއަށް ބެލި ނަމަވެސް އަދި މިއަދަށް ބެލިނަމަވެސް ރާއްޖެއަށް އެހީތެރި ކަމެއް ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަ އަތްދިއްކޮށްލާ ގައުމަކީ އިންޑިއާއެވެ. ސްރީލަންކާގެ ތަމަޅަ ޓައިގަރުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެ އަރައި ދިން ޓެރަރިސްޓް ހަމަލާގައި ވެސް ރާއްޖެ ސަލާމަތް ކުރުމަށް އެހީތެރިވެ ދިނީ އެ ގައުމުންނެވެ. އެތައް ދިވެހިންނެއް ޝަހީދުކޮށްލައި މުޅި ގައުމުގައި ބިރުވެރިކަން އުފެއްދުމަށް ފަހު ފިލައިގެން ދާން ޓައިގަރުން އާގު ބޯޓެއްގައި ފުރައިގެން ދަނިކޮށް އެ ބޯޓް ހުއްޓުވައި ކުށްވެރިން ހައްޔަރު ކޮށް ދިނީ އިންޑިއާއިންނެވެ. އަދި އޭގެ އިތުރުން ރާއްޖެއަށް އެފަދަ ދެވަނަ ހަމަލާއެއް އަތުވެދާނެތީ ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބެދިނެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ބިނާ ކޮށްދީފައިވާ އައިޖީއެމްއެޗް-- ސަން ފޮޓޯ

އޭގެ އިތުރުން ރާއްޖޭގެ އުމުރާނީ ތަރައްގީއާއި މީހުން ބިނާ ކުރުމުގައި ވެސް އިންޑިއާއަކީ މުހިންމު ބައިވެރިއެކެވެ. ސިއްހީ އެކަށޭނަ ހިދުމަތެއް ރާއްޖޭގައި ނެތް ދުވަހު، މަރުކަޒީ ހޮސްޕިޓަލެއް ރާއްޖެއަށް އެގައުމުން ހަދިޔާ ކުރުން ދިވެހިން ބަލައިގަތީ ޝުކުރުވެރި ހިތަކާއެކުއެވެ. އަދިވެސް ދިވެހީންގެ މައި ހޮސްޕިޓަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އައިޖީއެމްއެޗްއަކީ 1995 ވަނަ އަހަރު އިންޑިއާ ސަރުކާރުން ދިވެހިންނަށް ދިން ހިލޭ އެހީއެކެވެ. ހޮސްޕިޓަލް އިމާރާތް ކޮށްދިނުމުގެ އިތުރުން ވަސީލަތްތައް ފުރިހަމަ ކޮށްދިނުމަށް ވެސް އެ ގައުމުން ވަނީ ގިނަ އެހީތަކެއް ވެދީފައެވެ. އޭގެ އިތުރުން ޕޮލިޓެކްނިކާއި ފެކަލްޓީ އޮތް ޓޫރިޒަމް ސްޓަޑީސްގެ އިމާރާތަކީ ވެސް އިންޑިއާގެ އެހީއެވެ. އައްޑޫގައި ގާއިމު ކޮށްފައިވާ ޒަމާނީ ޕޮލިސް އެކަޑެމީ އަކީ ވެސް އިންޑިއާގެ އެހީއެވެ. އޭގެ އިތުރުން އެކި ދާއިރާތަކަށް މީހުން ބިނާ ކުރުމަށް، ތަމްރީނާއި ތައުލީމް ދިނުމަށް ވެސް އެގައުމުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

މިހާރަށް ބެލިނަމަވެސް ރާއްޖޭގައި ހިންގަމުން އަންނަ ބޮޑެތި ގިނަ މަޝްރޫތަކަކީ އިންޑިއާގެ އެހީތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގަތުމުން އެ ދަތުރުފުޅުގައި އެ ގައުމުން ވަނީ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަމުގެ ޕެކޭޖެއް އިއުލާންކޮށްފައެވެ. އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރު 1،000 ސްކޮލަރޝިޕް ވެސް ހުށަހަޅާފައެވެ. އެ މާލީ އެހީތެރިކަމުގެ ތެރެއިން 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ހަމަޖައްސައިދީ، ފަހުން އެ އަދަދު 900 މިލިއަން ޑޮލަރަށް އިތުރުކޮށް، އޭގެ ދަށުން މަޝްރޫއުތައް ހިންގަން މިހާރު ވަނީ ފަށައިފައެވެ. އޭގެ އިތުރުން އެލްއޯސީގެ ދަށުން ދިން 400 މިލިއަން ޑޮލަރާއި ހިލޭ އެހީގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރާއެކު ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ގެންދެއެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ އެހެން ޕްރޮޖެކްޓްތަކަށް ބަލާއިރު އައްޑޫސިޓީގެ މަގުތައް ހެދުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމާއި ލ. ގަން ކެންސަރު ހޮސްޕިޓަލް ފަދަ ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއުތައް ހިމެނެއެވެ. ކޮވިޑުން އަރައިގަތުމަށް ވެސް ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިން ގައުމަކީ ވެސް އިންޑިއާއެވެ. އެގައުމުން ވަނީ އެތައް ލައްކަ ޑޯޒް ވެކްސިނެއް ހިލޭ މި ގައުމަށް ދީފައެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

ދެގައުމުގެ ރައްޔިތުންގެ ގުޅުމަކީ ވެސް ފާހަގަ ކޮށްލަން ޖެހޭ މުހިންމު ކަމެކެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ ބޭފުޅުންނާއި ސްކޫލްތަކުގެ ޓީޗަރުންނަށް ބެލި ނަމަވެސް އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބެއެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ފަތުރުވެރި ކަމަށް ބެލި ނަމަވެސް އިންޑިއާއަކީ މުހިންމު ބައިވެރިއެކެވެ. ދެހާސް ވިހި ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ އިންޑިއާއެވެ. މިއަހަރު ޖުލައި މަހުގެ ފުރަތަމަ ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު އެހާތަނަށް އައި ނުވަ ލައްކަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިންޑިއާގެ ރައްޔިތުންނެވެ. އެގޮތުން އިންޑިއާއިން 123،687 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ.

ގުޅުން ދަމަހައްޓަން ޖެހޭ

ރާއްޖެއާ އެންމެ އަވައްޓެރި އިންޑިއާގެ ގުޅުމަކީ ވަކި ބޭފުޅަކު ރައީސްގެ މަގާމުގައި ހުންނެވީތީ އޮތް ގުޅުމެއް ނޫނެވެ. އަދި އެ ގުޅުމަކީ ވަކި ބޭފުޅަކު ރައީސް ކަމަށް ވަޑައިގަތުމުން ނިމެން ޖެހޭނެ ގުޅުމެއް ވެސް ނޫނެވެ. މިއީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގުޅުމެކެވެ. އެހެންކަމުން އެ ގުޅުން ދަމަހައްޓަން ޖެހެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިގޮތުގައި އިންޑިއާއަކީ ރާއްޖޭގެ ހަގީގީ ރަހުމެއްތެރިއެއްކަމަށާއި އެ ގައުމުން ރާއްޖެއަށް ދޭ ދިފާއީ އެއްބާރުލުމަށް ޝުކުރު ހައްގެވެ.

ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއް ނެތި ދޭ އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާކަމަށެވެ.

އެމަނިކުފާނު ވަނީ ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ހަގީގީ ރަޙްމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމާއި މި ސަރަޙައްދުގެ ޞުލްޙައާއި ތަރައްޤީއަށް ދެގައުމުންވެސް ގެންގުޅޭ ތަޞައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެއްވެސް ގައުމަކާ ޒާތީކޮށް ދިމާ ކޮށްލައިގެން އުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ހާއްސަކޮށް އިންޑިއާފަދަ ދިވެހީންނަށް މުހިންމު ގައުމަކާ ދިމާކޮށްލާކަށް ނުވާނެއެވެ. ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މި ދެ ގައުމުގެ ގުޅުން ރަނގަޅަށް އޮތުން މުހިންމެވެ. އިންޑިއާގެ މިނިވަން ދުވަހު ދިވެހީން ހަނދާން ކުރަންވީ ކަމަކީ ދެ ގައުމުގެ ގުޅުން މުހިންމު ކަމެވެ. އިންޑިއާގެ އެހީތެރިކަން ގަބޫލު ކުރަންވީ ޝުކުރުވެރި ހިތަކާއެކުއެވެ.

comment ކޮމެންޓް