ގޮތަބަޔަ ހުންނެވީ ތައިލެންޑްގައި، އޭނާއަށް ސިޔާސީ އެއްވެސް ކަމެއް ނުކުރެއްވޭނެ: ތައި ސަރުކާރު

ގޮތަބަޔަ ބެންކޮކް އެއާޕޯޓްގައި

ބެންކޮކް (13 އޮގަސްޓް 2022): ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ތައިލެންޑަށް ވަޑައިގެންފި ކަމަށާއި ނަމަވެސް އޭނާ ތައިލެންޑްގައި ހުންނަވާނީ ވަގުތީގޮތުން ކަމަށް އެގައުމުގެ ބޮޑުވަޒީރު ޕްރަޔުތް ޗާންއޮޗާ ވިދާޅުވެއްޖެއެވެ.

ގޮތަބަޔަ ބެންކޮކަށް ވަޑައިގެންނެވުމާ ގުޅިގެން ޗާން އޮޗާ ވިދާޅުވީ ތައި ސަރުކާރުގެ ހިމާޔަތަށް އެދި ގޮތަބަޔަ ހުށަހަޅުއްވާފައި ނުވާކަމަށާއި ތައިލެންޑްގައި އޭނާ ހުންނަވާ މުއްދަތުގައި ސިޔާސީ އެއްވެސް ކަމެއް ނުކުރެއްވޭނެކަން ގޮތަބަޔަ އަށް އަންގާފައިވާނެ ކަމަށެވެ.

ގޮތަބަޔަ މިމަހުގެ 11 ވަނަ ދުވަހު ސިންގަޕޫރުން ފުރާވަޑައިގެންނެވިކަން ސިންގަޕޫރުގެ އިމިގްރޭޝަނުންވަނީ ކަށަވަރުކޮށްދީފައެވެ. އެއަށްފަހު ތައިލެންޑްގެ ޚާރިޖީ ވުޒާރާއިންވަނީ 90 ދުވަހުގެ ވިސާއެއްގައި އެގައުމަށް ގޮތަބަޔަ ވަޑައިގެންނެވިކަން ކަށަވަރުކޮށްދީފައެވެ.

ތައި ޚާރިޖީ ވުޒާރާ ބުނާގޮތުން ގޮތަބަޔަ ތައިލެންޑަށް ވަޑައިގަތުމަށް ބޭނުންވާ ވިސާދިނީ ސްރީލަންކާ ސަރުކާރުގެވެސް އެދުމުގެ މަތިންނެވެ. މިދިޔަ ޖުލައިމަހުގެ ކުރީކޮޅު ގޮތަބަޔަ އާ ދެކޮޅަށް ސްރީލަންކާގެ ރައްޔިތުން އުތުރިއަރައި އޭނާގެ އޮފީހާއި ރިޔާސީ ގަނޑުވަރަށް ރައްޔިތުން ވަދެގަތުމުން ސިފައިންގެ އެހީތެރިކަމާއެކު ރިޔާސީ ގަނޑުވަރުން ނުކުމެވަޑައިގެން ސްރީލަންކާގެ އެތެރޭގައި ގޮތަބަޔަ ހުންނެވީ ފިއްލަވައިގެން ސިފައިންގެ މަރުކަޒެއްގައެވެ.

މިދިޔަ ޖުލައި މަހުގެ މެދެއްހާ ހިސާބު އަނެއްކާ ސްރީލަންކާއިން ފިއްލެވުމަށްފަހު ގޮތަބަޔަ ސިއްރިޔާތުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރެއެއްގެ ދަންވަރު އަސްކަރީ މަތިންދާ ބޯޓެއްގައި ކުއްލި ގޮތަކަށް ދިވެހިރާއްޖެއަށެވެ. ގޮތަބަޔަ ދިވެހިރާއްޖޭން ފުރާވަޑައިގަތުމާ ހަމައަށް އެކަންވެސް އޮތީ ސިއްރު ކުރެވިފައެވެ. ދިވެހިރާއްޖޭން ފުރާވަޑައިގެން އޭނާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

ސިންގަޕޫރުން ގޮތަބަޔައަށް ދިން 14 ދުވަހުގެ ވިސާ ހަމަވުމަށްފަހު ދެވަނަ ފަހަރަށް ދިން 14 ދުވަހުގެ އިތުރު ވިސާގެ މުއްދަތު މިމަހުގެ 11 ވަނަ ދުވަހު ހަމަވުމުގެ ކުރިން ގޮތަބަޔަ ވަނީ ތައިލެންޑުން ވިސާ ހޯއްދަވައިގެން ތައިލެންޑަށް ވަޑައިގެންފައެވެ.

ރިޕޯޓްތައް ބުނާގޮތުން ގޮތަބަޔަ ބޭނުންވަނީ އެނބުރި ސްރީލަންކާއަށް ވަޑައިގަތުމަށެވެ. ސްރީލަންކާގައި އަދިވެސް އޮތީ ގޮތަބަޔަގެ ޕާޓީއަށް ނިސްބަތްވާ ސަރުކާރެކެވެ. އެސަރުކާރަށް ގޮތަބަޔަ ގެ ބާރާއި ނުފޫޒު ހިނގާނެއެވެ. ނަމަވެސް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ގޮތަބަޔަ މިދުވަސްވަރު އެނބުރި ސްރީލަންކާއަށް ވަޑައިގަތުން ބުއްދިވެރި ނޫންކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް