މުދައްރިސުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް މަގު ދައްކާބައެއް: ޚުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީޗަރުންނަކީ ދަރިވަރުން އުނގެނުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެ، ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް މަގު ދައްކާބައެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މުދައްރިސުން ކުރައްވަނީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ. އަދި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެދުރުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށް، ދަރިވަރުންނަށް ރިވެތި ނަމޫނާ ދެއްކުމަށް މިއަދުގެ ޚުތުބާގައި މުދައްރިސުންނަށް ގޮވާލިއެވެ.

ކޮލެޖު ޔުނިވާސިޓީތަކަށް ފޮނުވާ އުނގަންނައި ދިނުމުގެ އަމާޒުގެ ތެރޭގައި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ހަރުދަނާ ކުރުމާއި، ކުރިމަތިވާ މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުން ހިމެނޭކަމަށް ޚުތުބާގައި ބުންޏެވެ.

"ވީމާ، ވޭތުވެ ދިޔަ އަހަރަށްވުރެ މަތީ ފެންވަރުތަކެއް ދަރިވަރުންނަށް ހާސިލުކޮށްދެެވޭތޯ ތިޔަ ބެލެނިވެރިން ހީވާގިކަމާއެކު މަސައްކަތް ކޮށްދޭށެވެ. ގަޑި ނުޖެހި ދަރިން ސުކޫލަށް ފޮނުވުމަށް ހާއްސަ ސަމާލުކަމެއް ދޭށެ،" ޚުތުބާގައި ބެލެނިވެރިންނާ މުޚާތަބުކޮށް ބުންޏެވެ.

ޚުތުބާގައި ބުނީ ދަރީންނަކީ ބައިންބަފައިންނަށް ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. އެހެންކަމުން އެކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށްފިނަމަ އެކުދީންގެ ހެޔޮ ދުޢާގެ މަންފާ މައިންބަފައިންނަށް ކުރާނެކަމަށް ޚުތުބާގައި ބުންޏެވެ.

ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް ދުނިޔޭގެ އޮއިވަރާއި ވެއްޓަށް ހޭލުންތެރިކޮށް އެ ކުދިން ބިނާކުރާ ތަނަކީ މަދަރުސާއެވެ. އެހެންކަމުން މަދަރުސާއިން އެ މުހިންމު ދައުރު ފުރިހަމައަށް އަދާކޮށްފިނަމަ މުސްތަގުބަލް އުޖާލާވާނެކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

"މި ބުރަ މަސައްކަތް ކުރެވޭނީ މަދަރުސާތަކުގެ ވެރިންނާއި، މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެންނެވެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް