ގިޞާޞް ހިފުމަށް ތާއީދުކުރަން، ނަމަވެސް އެކަން ތަންފީޒުކުރުމަށް ހުރަސްތަކެއް އެބަހުރި: ރައީސް ޔާމީން

ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރެއްވުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަރުގެ އަދަބު ދިނުމަކީ އަބަދުވެސް ގަބޫލުކުރައްވާ އަދި ތާއީދުވެސް ކުރައްވަ ކަމެއް ކަމަށާއި ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރުމަށް ދިމާވާ ބައިވަރު ހުރަސްތަކެއް އެބަހުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް މި ވެރިކަމުގައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ފުރަތަމަ ފަހަރަށް ރޭ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ގިނަ އިރުތަކަކަށް ދެމިގެން ދިޔަ ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މަރުގެ އަދަބާއި ގުޅިގެން އެމަނިކުފާނުގެ ވިސްނުން އަދިވެސް ބަދަލުނުވާ ކަމަށާއި އަބަދުވެސް އެކަން ތަންފީޒުކުރުމަށް ތާއީދުކުރައްވާ ކަމަށެވެ.

ނަމަވެސް މަރުގެ އަދަބު ދިނުމަކީ އެއްވެސް ރައީސަކަށް ކުރައްވަން ފަސޭހަފުޅު ކަމެއް ނޫން ކަމަށާއި އެއީ ވެރިއެއްގެ ކޮނޑުގައި އެޅޭނެ އެންމެ ބޮޑު ޒިންމާގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

"މަރުގެ އަދަބު ތަންފީޒު ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ. ގާނޫނުތަކާއި ފަނޑިޔާރުންގެ ވިސްނުމާއި ފަނޑިޔާރުން ޕްރެކްޓިސް ކުރައްވާ ގޮތްތަކަށް ބަދަލުތައް ގެންނަން ޖެހޭ. ފަސްދޮޅަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ނުކޮށް އޮތް ކަމެއް ކުރާއިރުގައި ވަރަށް ގިނަ އިޖުރާއީ ކަންތައްތަކެއް ވެސް ފުރިހަމަ ވާން ޖެހޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މަރަށް މަރު ހިފަން ބަލާއިރު ރާއްޖޭގެ ޝަރުއީ ނިޒާމު އޮންނަ ގޮތާމެދު އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

އެގޮތުން ރާއްޖޭގައި ތަހުގީގުތައް މިހާރު ކުރެވޭ ގޮތާއި ރާއްޖޭގައި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އޮތްކަމާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަރުއީ މަރުހަލާ ފެށޭ ހިސާބަކީ ތަހުގީގު ކަމަށްވާއިރު، އެ ތަހުގީގު ފޭރާން މިހާރު އޮތް މިންވަރަށް ދަށް ކަމުގައިވާނަމަ ފަނޑިޔާރުން މައްސަލަ ނިންމާނެ ގޮތަކާމެދުވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މަރުގެ ހުކުމް އިއްވުމަށް ފަހުގައި ވެސް ސުޕްރީމް ކޯޓުން އެކި ފަހަރު މަތިން އެ ނިންމުމަށް ބަދަލު ގެންނަތަން މިހާރު ވެސް ފެންނަމުންދާ ކަމަށާއި އެއީ އެކުރި ހުކުމާ މެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ދިއުމަށް މެދުވެރިވާ ސަބަބެއް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުނުކޮށް، މަރުގެ އަދަބު ނުދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކާގައި މަރުގެ އަދަބު ދިނުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ނުކޮށް ދޫކޮށްލި ކަމެއް ނޫން ކަމަށް ފާހަގަކުރެވިއެވެ.

ހަމައެއާއެކު މަރުގެ އަދަބު ތަންފީޒުކުރުމަށް ވީ ތައްޔާރީތަކަކީ ވަކި މިނިސްޓަރަކަށް އެކަނި އޭގެ ކްރެޑިޓް ނެނގޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ އޭރުގެ މުޅި ކެބިނެޓުގެ ނިންމެވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް