މާލޭ ކޮމާޝަލް ހާބަރުގައި ހުރި ކޮންޓެއިންރުތަކަކުން ކެމިކަލް ލީކުވާތީ އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު އެމެއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 03:30 ހާއިރުކަމަށެވެ. އަދި އެ ހާދިސާ ރިޕޯޓުކުރުމާ އެކު އެފްއާރުއެސްގެ ހަޒްމެޓް ޓީމެއް އެ ސަރަހައްދަށް ގޮސް ކޮންޓޭނަރުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް ވިދާޅުވީ ކޮމާޝަލް ހާބަރުގައި ހުރި ކޮންޓެރިނަރުތަކަކުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓެއިނަރުތަކުން ދުންއަރަން ފެށުމުންކަމަށެވެ. އަދި ކެމިކަލާ ގުޅުންހުރި ހާލަތްތަކުގައި އެ ކުންފުނީގައި އަމަލުކުރުމުން އަންނަ އުސޫލަކީ އަބަދުވެސް އެމްއެންޑީއެފަށް އެކަން ރިޕޯޓުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
" މި ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާވެފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.