އުރީދޫ ކްލަބް ޕްރިމިއާ ލައުންޖަށް ބަަދަލު ގެނެސް، ރަސްމީކޮށް ހުޅުވައިފި

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީގޮތުން ހުޅުވައިދެއްވީ އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ--- ފޮޓޯ/ އެންވައިރަމެންޓް މިނިސްޓްރީ

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.

ހ. މާދޫގައި ހަދާފައިވާ އެ ލައުންޖް ހުޅުވައި ދެއްވީ އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

އުރީދޫއިން ބުނީ ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފްކުރި ހިސާބުން ފެށިގެން އެކުންފުނިން ދަނީ ޕްރިމިއާ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ކްލަބް ޕްރިމިއާ ލައުންޖަށް ގެނައި އަޕްގްރޭޑާއެކު އުރީދޫގެ ޕްރީމިއާ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި، އެ ކަސްޓަމަރަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތްތަކާއެކު ހިތްހަމަޖެހޭ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއާ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވޭނެކަން ފާހަގަކޮށް އުރީދޫއިން ބުނީ ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބާޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވޭނެ ކަމަށެވެ.

ހަމައެއާއެކު، ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް ފަސޭހަކަމާއެކު ޚިޔާރު ކުރެވޭނެކަމަށް އުރީދޫއިން ބުންޏެވެ.

އެ ލައުންޖު ހުޅުވުމަށް ބޭއްވި ހަފުލާގައި މިނިސްޓަރު ޝައުނާ ވަނީ އުރީދޫއިން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

"އުރީދޫގެ އާ ކެމްޕޭން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ، އުރީދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ އީޖާދީ ޚިދުމަތްތަކާއި، ރާއްޖެއަށް ގެނެސްދޭ ޓެކްނޮލޮޖީއާއި، މި ބްރޭންޑާއެކު ކަސްޓަމަރުންނަށް ލިބިފައިވާ ތަޖުރިބާތައް، މެދުކެނޑުމެއްނެތި އަޕްގްރޭޑް ކުރުމަށް މި ޓީމުން ކުރަމުންދާ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް. މި ފުރުސަތުގައި އުރީދޫ ޓީމަށް މަރުހަބާ ދަންނަވާ އިތުރު ކުރިއެރުމަށް އެދެން،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

އެ ހަފުލާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ "އަޕްގްރޭޑް ޔޯ ވޯލްޑް" ކެމްޕޭނުން ރަމްޒުކޮށްދެނީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އެ ކުންފުނިން ދޭ ހާއްސަ އަހައްމިއްޔަތުކަން ކަމަށެވެ.

"މި ވައުދާ އެއްގޮތަށް، އަޅުގަނޑުމެންގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަޕްގްރޭޑް ކޮށްފައިވާ ކްލަބް ޕްރިމިއަ ލައުންޖް ރަސްމީކޮށް ހުޅުވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާ އަށް އިންޤިލާބީ ބަދަލެއް ގެނެސް، ކްލަބް ޕްރިމިއަ މެމްބަރުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަ އެކްސްޕީރިއަންސް އިތުރު ހަރުފަތަކަށް ގެންދިއުމުގައި އަޅުގަނޑުމެންގެ ޓީމުން އޮތީ ވަރުގަދަ އަޒުމެއްގައި،" ޚާލިދު ވިދާޅުވިއެވެ.

އުރީދޫއިން ދަނީ ކްލަބް ޕްރިމިއާ ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެތައް މަސައްކަތްތަކެއް ކުރަމުން ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން ފަހުގެ އައު ބްރޭންޑްތަކާ ޕާޓްނަރުވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދޭ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ބްރޭންޑްތަކުގެ ތެރޭގައި ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާން ހިމެނޭ ކަމަށް އުރީދޫއިން ބުންޏެވެ. އަދި އޭގެ އިތުރުން ވެސް އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭކަން އެ ކުންފުނިން ފާހަގަކުރިއެވެ.

އުރީދޫއިން ބުނީ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް، އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސްގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމަށެވެ. އަދި ޕްރައޯރިޓީ ޕާސް މެމްބަޝިޕާ އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް އެ ލައުންޖްތަކުން ޚިދުމަތް ހޯދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ ކްލަބް ޕްރިމިއާ ލައުންޖުން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ރޭގަނޑު ދިހައެއްގެ ނިޔަލަށް ޚިދުމަތް ލިބޭނެއެވެ.

comment ކޮމެންޓް