މިނީ ބަހުގެ ޚިދުމަތް ފެށުމަށް ފަނޑިޔާރު މަގު، އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފި

މާލެގެ ފަނޑިޔާރު މަގު -- ފޮޓޯ/ ސޯޝަލް މީޑިއާ

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމަށް ޓަކައި ފަނޑިޔާރު މަގު، އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފިއެވެ.

ފަނޑިޔާރު މަގު، އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލު ކުރީ އިއްޔެއިން ފަށައިގެންނެވެ. މި ގެނައި ބަދަލާއެކު އެމަގުން މިހާރު ދުއްވޭނީ ހުޅަނގުން އިރަށެވެ.

ސިޓީ ކައުންސިލްގެ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު އަޙްމުދު ޒަމީރު "ސަން"އަށް ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފެށުމުގެ ކުރިން މަޖީދީ މަގުން ސައިކަލްތައް ހުސްކުރުމަށް ރައީސް އޮފީހުން ސިޓީ ކައުންސިލަށް އަންނގާފައިވާ ކަމަށެވެ.

"ސަރުކާރުން މިނީ ބަހުގެ ޕްރޮގްރާމް، މިމަހުގެ ވިހީގެ ކުރިން ފައްޓާއިރު، މަޖީދީ މަގާއި ބައެއް މަގުތައް އެއްކޮށް ހުސްކުރަން އެބަ ޖެހޭ. އަދި އެއްފަޅި ހުސްކުރަންޖެހޭ މަގުތަކެއް ވެސް އެބަހުރި. އޭގެ ތެރެއިން މަޖީދީ މަގުގައި ހުރި ހުރިހާ ސައިލް ޕާކިންއެއް ފަނޑިޔާރު މަގަށް ބަދަލު ކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައި،" ރަމީޒް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ތެރޭގައި ހިމަނައިގެން މާލޭގައި މިނީ މަހުގެ ޚިދުމަތް ފަށާއިރު، ބަސް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގާއި އަމީނީ މަގާއި އަދި ފަރީދީ މަގުގެ އިތުރުން އޯކިޑް މަގުންނެވެ.

މިނީ ބަހުގެ ޚިދުމަތަށް ޖުމްލަ 36 ބަސް ވަނީ ގެނެސްފައިވާއިރު، އޭގެ ތެރެއިން މާލޭގައި މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ ޖުމުލަ 12 ބަސް ބޭނުންކޮށްގެންނެވެ.

މީހުންނާއި ދުއްވާ އެއްޗެހި، ގިނަވުމުގެ ސަބަބުން ފުރި ބާރުވެފައިވާ މާލޭގެ ބޮޑެތި މަގުތަކުގައި ހަދާފައި ހުރި ޕާކިން ޒޯންތައް ނެގުމަށްފަހު، އެ ތަންތަނުގައި ބަސް ސްޓޮޕްތައް ހަދަން ނިންމާފައިވާއިރު، އާއްމު ރައްޔިތުންގެ ވެހިކަލްތައް ޕާކު ކުރެވޭނެ ޖާގައެއް ނުދައްކައި އެކަން ކުރަމުން އަންނާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

comment ކޮމެންޓް