އެމްޕީއެލްގެ ޚަރަދުގައި މަތީ ތައުލީމުގެ ހަތް ފުރުސަތެއް ދެނީ

"ކޯޕަރޭޓް ސްކޮލަޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ޚަރަދުކޮށްގެން މަތީ ތައުލީމުގެ ހަތް ސްކޮލަޝިޕެއް ދިނުމަށް ނިންމާފައިވާކަން އެކުންފުނިން އިއުލާނުކޮށްފިއެވެ.

އެ ހަތް ސްކޮލަޝިޕަކީވެސް އެމްޕީއެލްއާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާ ގުޅިގެން ދޭ ސްކޮލަޝިޕްތަކެވެ. އެގޮތުން މިއަދު އެ ކުންފުންޏާއި މިނިސްޓްރީން ވަނީ "ކޯޕަރޭޓް ސްކޮލަޝިޕް"ގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަލީ ޝާހިދުއެވެ. އަދި ހަޔާ އެޑިއުކޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.

އެ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރެއްގެ މަތީ ސާނަވީ އިމްތިހާނުތަކުގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެވެސް އެއް ދަރިވަރަކަށް އެމްޕީއެލްއާ ގުޅޭ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދެވޭނެއެވެ.

އެމްޕީއެލްއިން ބުނީ އެ ކޯޕަރޭޓް ސްކޮލަޝިޕް މީގެ ފަހުން ކޮންމެ އަހަރެއްގައިވެސް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ ސްކޮލަޝިޕަށް އެމްޕީއެލްއިން ފަންޑު ކުރާއިރު ސްކޮލަޝިޕް އިއުލާނުކުރުމާއި ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް އެވޯޑު ކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ ހަޔާ އެޑިއުކޭޝަނުންނެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ ޒުވާނުންނަށް ތައުލީމާއި ތަމްރީނު އަދި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެކުންފުނިން އަބަދުވެސް އިސްކަންދޭ ކަމަށެވެ.

ހަމައެއާއެކު، އެފަދަ ފުރުސަތުތައް ޒުވާނުންނަށް ތަނަވަސްކޮށްދިނުމަކީ މީހުން ބިނާ ކުރުމަށް އެމްޕީއެލްއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ސޮއިކުރި ކޯޕަރޭޓް ސްކޮލިޝަޕްގެ އެއްބަސްވުމުގެ އިތުރުން މި އަހަރުގެ ތެރޭގައި އިތުރު ހަ ސްކޮލަޝިޕްގެ ފުރުސަތު އެމްޕީއެލްއިން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

އެ ހަ ފުރުސަތުގެ ތެރޭގައި ހިމެނެނީ ޕޯޓް އޮޕަރޭޝަންސް ދާއިރާ އާއި ފުރުސަތާއި ސޭފްޓީގެ ދާއިރާ އާއި ފައިނޭންސްގެ ދާއިރާ އަދި އިންޖިނިއަރިންގެ އެކި ދާއިރާތަކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވަނީ ސްކޮލާޝިޕްގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޓަކައި އެމްޕީއެލްއިންދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް