ޒަމާނީ މަސްވެރިކަމުގައި ބޭނުންކުރާ އޮއިވާލި ކަނދުފަތި

އޮޔާދާ އޮއިވާލި ކަނދުފަތީގައި ހަރުކޮށްފައިހުންނަ ސޯނާރ އަދި ޓްރެކިންގ ޑިވައިސް--

ކަނޑުތެރޭ އޮޔާދާ ތަފާތު އެކިބާވަތުގެ ތަކެތީގެ ކައިރިއަށް މަސް ޖަމާވެ އެއާއެކުގައި މަސް ދަތުރުކުރާކަން، އެއީ މަސްވެރިކަން ވަރަށްކުރީއްސުރެ ދަންނަކަމެކެވެ. މެޑިޓެރޭނިއަން، ދެކުނު އޭޝިއާ އަދި އިރުމަތީ އަދި ހުޅަނގު ޕެސިފިކުގައި މިފަދަ އޮޔާދާތަކެތީގެ ކައިރިން މަސްވެރިކަންކުރާތާ އެތައްސަތޭކަ އަހަރެއް ވެފައިވެއެވެ. ބެލެވޭގޮތުގައި ބައެއް ހިސާބުތަކުގައި މިހެން މަސްވެރިކަންކުރާތާ ހާހެއްހާއަހަރުވެސް ވެދާނެއެވެ. މިގޮތަށް މަސް އަވަލާ، އެއާއެކު މަސް ދަތުރުކުރާ އެއްޗެހީގެތެރޭގައި އޮޔާދާ ހުއިގަނޑު، ކުނިބުނި، ގަސްގަނޑު އަދި ބޮޑެތި މަސް (ފެހުރިހި) ހިމެނެއެވެ. މިފަދަ ތަކެތީގެ ކައިރިން އާއްމުކޮށް ހިފާ މަހުގެ ތެރޭގައި ހިމެނެނީ ކަނޑުމަހުގެ (ޓޫނާ) ބާވަތްތައް، ފިޔަލަ، މާނިޔާމަސް، ކުރުމަސް، ހިބަރު އަދި ބޮޑެތި ފަރުތޮޅިއެވެ. ރާއްޖޭގައިވެސް ކަނޑުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަނޑުތެރޭ އޮޔާދާ އޮއިވާލި ކައިރިން މަސްބޭނުމަކީ ވަރަށް ކާމިޔާބު ކަމެއްގޮތުގައި ފާހަގަކުރެއެވެ.

ކަނޑުތެރޭގައި އޮޔާދާ ތަކެތި މަދުވުމުން ބައެއް މަސްވެރިން އެމީހުންގެ މަސްވެރިކަން ކާމިޔާބު ކުރުމަށް އޮޔާދާތަކެތި ކަނޑަށް ދޫކުރެއެވެ. އަނެއްބައި މަސްވެރިން މަސްއަވަލެއްވުމަށް ތަކެތި ތައްޔާރުކޮށް (ކަނދުފަތި) ނަގިލީގެ އެހީގައި އެގައުމުތަކުގެ އައްސޭރި ފަށުގައި ހަރުކުރަންފެށިއެވެ. މިގޮތުން އެންމެފުރަތަމަ ނަގިލިލައިގެން ކަނދުފަތި ހަރުކުރެވުނީ 17 ވަނަ ގަރުނުގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑުގައެވެ. އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު ފިލިޕީންސް އަދި އިންޑޮނޭޝިއާ ސަރަހައްދުގައެވެ. އެ ދުވަސްވަރު މިފަދަ ކަނދުފަތިތައް އަޅާފައި ހުންނަނީ އައްސޭރިފަށާ ވަރަށްކައިރި ތިލަ ހިސާބުތަކުގައެވެ. އަދި މަސްވެރިކަމުގައި ބޭނުންކުރަމުންއައީ ކުދި އުޅަނދުފަހަރެވެ. މަސްވެރިކަން ބިނާވެފައިއޮތީ އަމިއްލަ ބޭނުމަށާއި މަސްވެރި މުޖުތަމައުތަކުގެ ފަރުދުން ކެއުމަށް މަސްވެރިކަން ކުރުމަށެވެ. ނަމަވެސް ދުނިއެ ތަރައްގީވެ ޓްކްނޮލޮޖީގެ ރޮނގުން ހޯދި ކުރިއެރުންތަކާއެކު މިހާރު ވަރަށްފުން (2000 އަދި 3000 މީޓަރު ފުން) ސަރަހައްދުތަކުގައި މިފަދަ ކަނދުފަތި ހަރުކުރެއެވެ. ދިވެހިރާއްޖޭގައި ކަނދުފަތީގެ މަސްވެރިކަން ތައާރަފުކުރެވުނީ 1981 ގައެވެ. އަދި އޭރުކުރެވުނު ދިރާސާތަކުން ކަނދުފަތީގެ މަސްވެރިކަމަކީ ވަރަށް ކާމިޔާބު މަސްވެރިކަމެއްކަން އެގުނެއެވެ. އެހެންވެ އިސާހިތަކު ރާއްޖޭގެ ސަރަހައްދުގައި ބޭނުންކުރާ ކަނދުފަތިތައް އިތުރުކުރެވުނެވެ. މިހާރު ރާއްޖޭގައި 60 ވަރަކަށް ކަނދުފަތި މަސްވެރިކަން ކުރުމަށް މާކަނޑުގައި އަޅާފައި ވެއެވެ.

ރާއްޖޭގައި އަޅާ އޮއިވާލި ކަނދުފަތި

މަސްވެރިކަން ކުރުމަށް ދެބާވަތެއްގެ އޮއިވާލި ކަނދުފަތި (ފިޝް އެގްރިގޭޓިންގ ޑިވައިސް) ބޭނުންކުރެއެވެ. އެއީ ނަގިލިލައި ހަރުކޮށްފައި ހުންނަގޮތަށް އަޅާފައިހުންނަ އޮއިވާލި ކަނދުފަތި (އެންކަރޑް ފިޝް އެގްރިގޭޓިންގ ޑިވައިސް) އާއި ކަނޑުތެރޭގައި އޮޔާދާގޮތަށް ދޫކޮށްފައި ހުންނަ އޮއިވާލި ކަނދުފަތި (ޑްރިޕްޓިންގ ފިޝް އެގްރިގޭޓިންގ ޑިވައިސް) އެވެ. މަސްވަރިކަން ކުރުމުގައި ބޭނުންކުރާ އޮއިވާލި ކަނދުފަތީގެ ބާވަތް ބިނާވެފައި އޮންނަނީ މަސްވެރިކަންކުރަން ބޭނުންކުރާ އާލާތްތަކަށާއި އެސަރަހައްދުގައި ކުރާ މަސްވެރިކަމުގެ ބާވަތްތަކަށެވެ. މަސްވެރިކަން ފުޅާވެ ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުން (އެކްސްކުލޫސިވް އެކޮނޮމިކް ޒޯން – އީއީޒެޑް) ބޭރު މާކަނޑުގައި މަސްވެރިން ހަރަކާތްތެރިވާން ފެށުމާވިދިގެން އޮޔާދާ އޮއިވާލި ކަނދުފަތި ބޭނުންކުރުން ފުޅާވިއެވެ. ދުނިއޭގެ އެކިހިސާބުތަކަށް ބަލާއިރު އޮއިވާލި ކަނދުފަތިތަކުގެ ކައިރިން މަސްހިފުމަށް ބޭނުންކުރާ އާލާތްތަކުގެ ތެރޭގައި ބޮޑުދާ (ޕާރސް ސެއިން)، ކަނޑުތެރޭ ދަމާދާ (ޓްރޯލްނެޓް)، ލޭނު(ލޯންގލައިން)، ދޮށި (ޕޯލްއެންޑްލައިން)، ވަދުނަނު (ޓްރޮލް ލައިން) އަދި އަތުނަނު (ހޭންޑް ލައިން) ހިމެނެއެވެ.

ނަގިލިލައިފައި ހުންނަ އޮއިވާލި ކަނދުފަތި

ނަގިލިލައި އެއްތަނެއްގައި އޮންނަގޮތަށް އަޅާ އޮއިވާލި ކަނދުފަތިތަކުގައި ފެންމަތީގައި ނުވަތަ ފެނުތެރޭގައި (ފްލޯޓްވާގޮތަށް) އޮންނަ ބައެއް އޮވެއެވެ. މިއީ ބޮޑުބޮއެއް ފަދަ ފެންމަތީ އޮންނަޒާތުގެ އެއްޗެކެވެ. ނަގިލިލައިފައި އޮންނަ އޮއިވާލި ކަނދުފަތީގައި ހިމެނެނީ ފެންމަތީ އޮންނަ ބޮއެއް، ވަލެއް އަދި ނަގިއްޔެކެވެ. ބައެއް ގައުމުތަކުގެ މަސްވެރިން ފެންމަތީއޮންނަބައިގެ ހިޔަނި ބޮޑުކުރުމަށް ވަލުގައި ތަފާތުތަކެތި ހަރުކުރެއެވެ. ބައެއް ފަހަރު ފެންމަތީ އޮންނަބައި ތައްޔާރުކުރުމަށް ގަސްގަހުގެ ފަލައޮފިގަނޑު އަދި އޮނުފަދަތަކެތި ބޭނުންކޮށް ވަލުން އައްސައިގެން ކަނދުފަތި ހަދައެވެ. އަނެއް ބައިފަހަރު ދަގަނޑުން، އެލުމިނިއަމުން ނުވަތަ ފައިބަރގްލާސް ބޭނުންކޮށްގެން މިފަދަ ބޮއެ ތައްޔާރުކުރެއެވެ. ނަގިލީގެގޮތުގައި ބޮޑެތި ވެލިބަސްތާ، ކޮންކުރީޓު އަޅާގައިހުންނަ ޓައަރު ތާނގީ އަދި ކޮނކްރިޓް ބޮލޮކްސް ފަދަ ތަކެތި ބޭނުންކުރެއެވެ. އެކިގައުމުތަކުގައި މިފަދަ ކަނދުފަތިތައް ތައްޔާރުކޮށް ކަނދުފަތި އަޅަނީ އެކި ފަރާތްތަކުންނެވެ. ރާއްޖޭގައި ކަނދުފަތި އެޅުމުގެ ހުރިހާކަމެއް ރާވާހިންގާ އަދި ހަރަދުކުރަނީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުންނެވެ. އެހެން ބައެއްގައުމުތަކުގައި ނަގިލިލައިފާ ހުންނަ ކަނދުފަތިތައް އަޅާ ބަލަހައްޓަނީ މަސްވެރިން، މަސްވެރިކަންކުރާ ކުންފުނިތަކުން ނުވަތަ މަސްގަންނަ ފަރާތްތަކުންނެވެ. މިފަދަ ގައުމުތަކުގައި ކަނދުފަތިތައް ބޭނުންކުރަނީ ހަމައެކަނި އެކަނދުފަތި ގާއިމުކުރި ފަރާތަކުންނެވެ. ކަނދުފަތި އޮންނަ ސަރަހައްދު (ޕޮސިޝަން) އެގެނީވެސް ހަމައެކަނި އެކަނދުފަތި އެޅިފަރާތްތަކަށާއި އެފަރާތްތަކުގެ މަސްވެރިންނަށެވެ.

ނަގިލީގެ ގޮތުގައި ބޭނުން ކުރާ ކޮންކްރީޓް ބްލޮކް

އޮޔާދާގޮތަށް ދޫކުރާ އޮއިވާލި ކަނދުފަތި

މާކަނޑުތެރެއަށް އޮޔާދާގޮތައް ދޫކޮށްލާފައި ހުންނަ އޮއިވާލިކަނދުފަތި ތައްޔާރުކުރުމުގައި ފެންމަތީއޮންނަ (ފްލޯޓްވާ) އެކިބާވަތުގެ ތަކެތި ބޭނުންކުރެއެވެ. މީގެތެރޭގައި އެންމެ އާއްމުކޮށް ބޭނުންކުރަނީ އޮނުން އަދި ގަސްގަހުގެ ފަލައަފިތައް ބޭނުންކޮށްގެން ހަދާ ކަނދުފަތިތަކެވެ. ޕެސިފިކް ކަނޑުގެ ސަރަހައްދުތަކުގައި އާއްމުކޮށް ބޭނުންކުރާ މިފަދަ ކަނދުފަތިތަކުގައި މަސް އަވަލެއްވުމަށް ކަނދުފަތި ވަށައިގެން ފަން އެލުވާފައި ހުރެއެވެ. ބައެއްސަރަހައްދުތަކުގައި ޕްލާސްޓިކު ބޮއެ ބޭނުންކޮށްގެން މިފަދަ ކަނދުފަތި ތައްޔާރުކޮށްފައި ހުރެއެވެ. މިގޮތަށް ތައްޔާރުކޮށްފައި ހުންނަ ކަނދުފަތި ދެފެންދޭތެރޭގައި ހުންނަގޮތަށް ދޫކޮށްފައި ހުރެއެވެ. އެހެންހުރުމުން ރާޅުގެ ސަބަބުން ކަނދުފައްޗަށް ލިބޭ ގެއްލުންކުޑަވެ ކަނދުފަތީގެ އުމުރު ދިގުވެއެވެ. އަދި މީގެއިތުރުން ކަނދުފަތީގައި މަސް އަވަލާވަރު އަވަސްވެ ކަނދުފަތިކައިރި ޖަމާވާ މަހުގެ މިންވަރުވެސް އިތުރުވެއެވެ.

މިޒަމާނުގައި ތައްޔާރުކޮށްފައިހުންނަ އޮޔާދާ ކަނދުފަތިތަކުގައި އެކިބާވަތުގެ ޒަމާނީޓެކްނޮލޮޖީގެ އާލާތްތައް ހަރުކޮށްފައި ހުރެއެވެ. މީގެތެރޭގައި ސޯނާރ – ފިޝްފައިންޑަރ އަދި ކަނދުފަތި އޮންނަ ސަރަހައްދު – ޖީޕީއެސް ޕޮސިޝަން (ސެޓަލައިޓް މެދުވެރިކޮށް) ދެނެގަންނާނެ ޓްރެކިންގ ޑިވައިސް ހުރެއެވެ. ފިޝްފައިންޑަރގެ އެހީގައި ކަނދުފަތި ކައިރީގައި ހުންނަ މަހުގެ މިންވަރު އަންދާޒާ ކުރެއެވެ. އަދި ޓްރެކިންގ ޑިވައިޒްގެ އެހީގައި ކަނދުފަތި އޮންނަ ސަރަހައްދު ދެނެގަނެ މަސްވެރިކަންކުރާ އުޅަނދު އެސަރަހައްދައް ދެއެވެ. ކަނދުފަތި ދޫކުރި މަސްބޯޓު އަބަދުވެސްދާނީ ސެޓަލައިޓްގެ އެހީގައި ކަނދުފަތީގެ ހާލަތު ބަލަމުންނެވެ. މަސްވެރިކަން ކުރުމުގައި މިފަދަ ޒަމާނީ ކަނދުފަތިތައް އެންމެގިނައިން ބޭނުންކުރަނީ ބޮޑުދަލުގެ މަސްވެރިކަން ކުރާ ބޯޓުފަހަރެވެ. އިންޑިއާކަނޑުގައި މިފަދަ މަސްވެރިކަން އެންމެ ފުޅާކޮށް ކުރަނީ ސްޕެއިން އަދި ޕުރާންސުގެ މަސްވެރިންނެވެ. މިބޯޓުފަހަރުން ދޫކުރާ އޮޔާދާ ކަނދުފަތިތައް ރާއްޖޭގެ ސަރަހައްދުން ފެނެއެވެ. އަދި ދިވެހި މަސްވެރިން މިކަނދުފަތި ތަކުގައި ހުންނަތަކެތި ނަގައިގެން ރަށްރަށަށް ގެނެއެވެ. އިންޑިއާކަނޑުގައި އެނމެގިނައިން ކަނޑުމަހުގެ މަސްހިފަނީ މިފަދަ ކަނދުފަތިތަކުގެ އެހީގައެވެ. މިފަދަ އާލާތްތަކުގެ އެހީގައި ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިހުރި ކަނދުފަތިތަކުގައި މަސް ހުންނަމިންވަރު ބަލައިލެވިދާނެއެވެ.

comment ކޮމެންޓް