އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޝިއާއުގެ ޤާތިލަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އަނިޔާވެރި ގޮތަކަށް، މާލޭ ސިޓީގައި މަރާލާފައިވާ ޝިއާއު މުޙައްމަދު ސައީދާއި އާއިލާއަށް އިންސާފު ހޯދައިދީ، އޭނާގެ ޤާތިލަށް އެއްވެސް ހަމްދަރުދީއެއްނެތި، ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.

ރޭ މަރާލާފައި ވަނީ ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދު، 22، އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އަނިޔާވެރިކަން އެންމެ ބޮޑު އެއް މަރުގެ ހާދިސާއެވެ. އެގޮތުން ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އޭނާގެ އަތާއި، ފައިގެ އިތުރުން ކަރު ވެސް ވަނީ ބުރިކޮށްލާފައެވެ.

ރާއްޖޭގެ ގިނަ ބަޔަކަށް ކުއްލި ސިހުމެއް ގެނުވި، މި އަނިޔާވެރި މަރާ ގުޅިގެން ޕީޕީއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެއްވެސް ރަހުމެއް ނެތި އަނިޔާވެރި ގޮތަކަށް ޒުވާން އަންހެން ކުއްޖަކު މަރާލާފައިވާ މައްސަލައިގެ ކަންބޮޑުވުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފާޅު ކުރަނީ ނުހަނު އަސަރާއެކު ކަމަށެވެ. އަދި މަރާލާފައިވާ ޝިއާއު މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށާއި ރަޙްމަތްތެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެ ރަޙުމުކުޑަ ލާއިންސާނީ ޢަމަލު ހިންގި ފަރާތާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި، ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދާ، ތަހުގީގު އަވަސްކުރުމަށް ގޮވާލަމެވެ. އަދި އެފަދަ ރަހުމްކުޑަ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކާމެދު އެއްވެސް ހަމްދަރުދީއެއްނެތި ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ އަނިޔާވެރިކަމާއެކު މަރާލެވިފައިވާ ޝިއާއު މުޙައްމަދުގެ އާއިލާ އާއި ރަޙުމަތްތެރިނަށް ކުރިމަތިވެފައިމިވާ ފުން ހިތާމައިގައި އެ ކޯލިޝަނުން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ.

އެގޮތުން އާއިލާއަށާއި ރަހުމަތްތެރިންނަށް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކޯލިޝަންގެ ލީޑާޝިޕާއި ސެނެޓާއި ސްޓިއަރިން ކޮމިޓިތަކާއި އާންމު މެންބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް