ޢާޝޫރާ ދުވަހުގެ ރޯދައަކީ ކޮބާ؟

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޢާޝޫރާ (عاشوراء) ދުވަހަކީ ކޮބާ؟ އެއީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މި ހިނގާ 1444 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަސް މީލާދީ ކަލަންޑަރުން ދިމާވަނީ މި (2022 ވަނަ) އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހާއެވެ.

އެދުވަހު ރޯދަ ހިފުމުގެ ޙުކުމް: އެދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ގިނަ ސަވާބު ލިބޭނެ ކަމެކެވެ. އިބުނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތްއިރު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފާތަން އެކަލޭގެފާނު ދެކިވަޑައިގެން، އެއީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. މިއީ މާތް ދުވަހެކެވެ. މިއީ މާތް ﷲ ބަނީ އިސްރާއީލުގެ މީހުން، އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހެވެ. އެހެންކަމުން، މޫސާގެފާނު ވަނީ އެދުވަހު ރޯދަ ހިއްޕަވާފައެވެ. ދެން އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނަށް ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." މިހެން ހަދީސް ކުރައްވައި، އިތުރު އެކަލޭގެފާނު އެދުވަހުގެ ރޯދަ ހިއްޕެވިއެވެ. އަދި އެދުވަހުގެ ރޯދަ ހިފުމަށް (މުސްލިމުންނަށް) އަމުރު ކުރެއްވިއެވެ.(ބުޚާރީ: 1865)

އެ ރޯދައިގެ މާތްކަން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "... وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ"(މުސްލިމް: 1162) "... އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ."

އެ ރޯދަ ހިފުން އެންމެ މޮޅު އިތުރުވެގެންވާ ގޮތް: ޢާޝޫރާ ދުވަހުގެ ކުރީ ދުވަހާ ގުޅުވައިގެން ރޯދަ ހިފުން. (އެއީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހާ ދެ ދުވަހު ރޯދަ ހިފުމެވެ.) މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދަ ހިއްޕެވުމަށްފަހު، ދެން އަންނަ އަހަރު އެކަލޭގެފާނު ދުނިޔޭގައި ހުންނެވިނަމަ، 9 ވަނަ ދުވަހުގެ ރޯދަވެސް ހިއްޕަވާހުށީމޭ ހަދީސްކުރެއްވިއެވެ.(މުސްލިމް: 1134)

10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދަ ހިފުން ކިހިނެއް؟ އެގޮތަށްވެސް ރޯދަ ހިފިދާނެކަމަށް ބައެއް އިލްމުވެރިން ވިދާޅުވެފައިވެއެވެ. ނަމަވެސް، މިގޮތަށް، ޢާޝޫރާ ދުވަހުގެ ފަހަތުން 11 ވަނަ ދުވަސް ގުޅުވައިގެން ރޯދަ ހިފުމަށް އައިސްފައިވާ ހަދީސްތައް ޟަޢީފުކަމަށް، ހަދީސް ދިރާސާކުރައްވާ ޢިލްމުވެރިން ވިދާޅުވެއެވެ. "އެންމެ ޞައްޙަވެގެންވަނީ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ."(ފަތުޙުލްބާރީ: 4/245)

ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފުން: ޙަނަފީ މަޒުހަބުގައިވާގޮތުން، ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފުން މަކުރޫހަވެގެން ވެއެވެ. އެއީ އަހުލު ކިތާބީންނާ ޚިލާފުވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވާ ބަސްފުޅުގެ މައްޗަށް ބައްލަވާފައެވެ. މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ ޔަހޫދީން ރޯދަ ހިފާ އުޅޭ ދުވަހެކެވެ. ނަމަވެސް ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފިދާނެކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ.(اللجنة الدائمة للبحوث العلمية والإفتاء: 11/401)

ޢާޝޫރާ ދުވަހު ރޯދަ ނުހިފުނު މީހާއަށް އެ ރޯދަ ޤަޟާ ކުރެވޭނެތަ؟ ނަވާފިލު (އެބަހީ: ސުންނަތް އަޅުކަންތައް) ދެބަޔަކަށް ބެހެއެވެ. އެއީ ސަބަބެއް ލިބިގެންވާ އަޅުކަމާއި ސަބަބެއް ލިބިގެން ނުވާ އަޅުކަމެވެ. ސަބަބެއް ލިބިގެންވާ އަޅުކަމާ ގުޅިފައިވާ ސަބަބު ފިލައިދިއުމާއެކު، އެ އަޅުކަމުގެ މަޝްރޫޢިއްޔަތު (އެވަގުތަށް) ފިލައިދާނެއެވެ. މިސާލަކަށް: މިސްކިތަށް ވަނުމާއެކު ކުރަންޖެހޭ ދެރަކުޢަތުގެ ސުންނަތަކީ މިސްކިތަށް އަރާމީހާ އިށީނުމުގެ ކުރިން ކުރަން ޖެހޭ ނަމާދެކެވެ. އެ ނަމާދު ނުކޮށް އިށީނުމުން އޭނާގެ މައްޗަށް އެކަން ފާއިތުވާނެއެވެ. އަލުން އެ ނަމާދު އިއާދަ ކުރުމެއްނުވެއެވެ. ހަމަ އެގޮތަށް އަރަފާތު ދުވަހުގެ ރޯދައާއި ޢާޝޫރާ ދުވަހުގެ ރޯދަވެސް، އެ ދެދުވަސް ފާއިތުވުމުން އޭގެ މަޝްރޫޢިއްޔަތު (އެ އަހަރަށް) އެ ނިމުނީއެވެ. އެދުވަހުގައި ރޯދަ ނުހިފުނު މީހާ އެ ރޯދަ ޤަޟާ ކުރިޔަސް ރޯދަ ހިފިކަމަކަށް ނުވާނެއެވެ. އެއީ ބަލިވުމާއި ޙައިޟު ނިފާސްވުން ފަދަ އުޒުރެއްގެ ސަބަބުން ފާއިތުވީނަމަވެސް މެއެވެ.[مجموع فتاوى - محمد بن صالح العثيمين- رحمه الله (20/43)]

ވާޖިބު ރޯދައެއް ހިފަންޖެހިފައި އޮއްވައި، ޢާޝޫރާ ދުވަހުގެ ރޯދަ ހިފިދާނެތަ؟ ވާޖިބު ރޯދަ ހުއްޓައި އެ ރޯދަތައް ނުހިފައި، ސުންނަތް ރޯދަ ހިފުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައި ވެއެވެ. މިކަމުގައި ޢިލްމުވެރިންގެ ދަލީލުތަކާއި މުނާޤަޝާތައް ނުހިމަނައި ދޫކޮށްލަމެވެ. މާލިކީންނާއި ބައެއް ޝާފިޢީން ވިދާޅުވާގޮތުގައި، ޤަޟާކުރަން ޖެހޭ ރަމަޟާން މަހުގެ ރޯދަ ހުއްޓައި އެ ރޯދަ ޤަޟާ ނުކޮށް ސުންނަތް ރޯދަ ހިފުން މަކުރޫހަވާނެއެވެ. އަދި ޙަންބަލީ މަޒުހަބުގައި ވާގޮތުން މިގޮތަށް ރޯދަ ހިފުން ޙަރާމްވާނެއެވެ. ނަމަވެސް، ޙަނަފީންނާއި ޝާފިޢީންގެ ފަހުގެ ބައެއް ޢިލްމުވެރިންނާއި އަދި ޙަންބަލީންގެ އެއްރިވާޔަތުގައިވާ ގޮތުން؛ ޤަޟާ ކުރަންޖެހޭ ރޯދަ ނުވަތަ ކައްފާރާ ރޯދަ ފަދަ ވާޖިބު ރޯދަ ހުއްޓައި، އެ ރޯދަތައް ނުހިފާވެސް ސުންނަތް ރޯދަ ހިފިދާނެއެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ. ކަންމިހެން އޮތް ނަމަވެސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެންމެ މޮޅު އިތުރުވެގެންވަނީ އެންމެ ފުރަތަމަ ވާޖިބު ރޯދަ ހިފުމެވެ. އެއީ އޭނާގެ މައްޗަށް އޮތް ޝަރުޢީ ޒިންމާ ބަރީއަކުރުމަށްޓަކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް