އައްޑޫން އަނެއްކާ ވެސް ސީލްއެއް ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫއިން ފެނުން ސީލް --- ފޮޓޯ/ ސޯޝަލްމީޑިއާ

އައްޑޫ ސިޓީ ފުއްޓަރު ފަރާތުން އަނެއްކާވެސް ސީލްއެއް ފެނިއްޖެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުވެސް އައްޑޫ ސިޓީ ހިތަދޫން ވަނީ ސީލްއެއް ފެނިފައެވެ. ނަމަވެސް އެ ދުވަހު ސީލް ފެނިފައިވަނީ ހިތަދޫގެ މޫދަށް އެރޭ ސަރަހައްދުންނެވެ.

ސީލް ފެނުނު ޚަބަރު ލިބުމުން ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކައުންސިލުން ބުންޏެވެ.

ނަމަވެސް އޭރު އެ ސީލް އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ހިތަދޫ ބޭރުމަތި ދާއިރާގެ ކައުންސިލަރު މަރިޔަމް ސައީދާ ވިދާޅުވީ ހިތަދޫ ފުއްޓަރު ފަރާތުން މިއަދު ފެނުން ސީލް ފެނިފައިވަނީ ތިނެއް ޖަހަން އުޅެނިކޮށް ކަމަށެވެ. އަދިވެސް އެ ސަރަހައްދުގައި އެ ސީލް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ ސަރަހައްދުގައި އެއްވެސް ބަޔަކު ހަރަކާތްތެރިއެއް ނުވޭ،" މަރިޔަމް ސައީދާ ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފެނުނު ސީލްއާ ގުޅިގެން، އެންވައިމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، އެފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް އައްޑޫއިން ސީލެއް ފެނިފައިވެއެވެ.

comment ކޮމެންޓް