"މިޝޫއަށް އެނގެއެއްނު އެއީ..." އެ ހިސާބަށް ބުނެފައި ދުރުބަލައިލަމުން މާކިން ދޫކޮށްލީ ފުން ނޭވާއެކެވެ. ނިތުގައި އަތް ޖައްސައިލަމުން އޭނާ މިޝްޔާއާ ދުރަށް ހިނގައިގަތެވެ. މާކިންއަށް ގޮވައިލަން އުޅުމަށްފަހުވެސް، މިޝްޔާ މަޑުޖެހުނެވެ. އޭނާ އުޅޭ ގޮތް ރަނގަޅަށް އެނގިހުރެވެސް މާކިން ދުވަހަކުވެސް ރުޅިއައިސްގެން ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް، މިއަދު ފުރަތަމަ ފަހަރަށް މާކިން ރުޅިއައުމުން މިޝްޔާ ދެރަވިއެވެ. ކުރެވުނީ ކުށެއްކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އެ ކެވެލިކޮޅު އޭނާ ވިއްކާލައިގެން ނުވާނެއެވެ.

މާކިން ދިޔަ ދިމާލަށް ބަލަހައްޓައިގެން މިޝްޔާއަށް އެތައް އިރަކު ހުރެވުނެވެ. ކޮންމެވެސް ވަރަކަށް ކަރުނަތައް އޭނާގެ ލޮލު ތެރެއަށް ޖަމާވުމާއެކު އޭނާއަށް އަތުގެ ނުފުށުން ދެލޯ ފުހެލެވުނެވެ.

*****

ރޭގަނޑު އަށެއް ޖަހާއިރު މާކިން ގެއަށް އައިއިރު، މިޝްޔާ ހުރީ ރީތިވެގެންނެވެ. މާކިން ފެނުމާއެކު ވެސް މިޝްޔާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާއަށް އިސްޖަހައިލެވުނެވެ. މިޝްޔާއަށް ބަލައިލުމަށްފަހު، މާކިން ބުނީ އޭނާއާއެކު އައުމަށެވެ. އިތުރު އެއްވެސް ވާހަކައެއް މާކިން ނުދައްކައެވެ. އެކަމުން މިޝްޔާ އިތުރަށް ދެރަވާގޮތްވިއެވެ. ކާރަށް އެރުމަށްފަހު، މާކިން އިތުރު އެއްޗެއް ނުބުނެ ކާރު ދުއްވައިލިއެވެ. މިޝްޔާ މާކިންއަށް ބަލަހައްޓައިގެން އިނުމަށްފަހު، ލޯގަނޑުން ބޭރު ބަލައިލިއެވެ.

"ސޮރީ..." އެތައް އިރަކު އެހެން އިނުމަށްފަހު، އެންމެ ފަހުން މިޝްޔާ މާފަށް އެދުމުން ވެސް މާކިން އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމުން މިޝްޔާއަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ.

"މި އާދެވުނީ..." ހޮސްޕިޓަލަށް އައިސް ޕާކިން އޭރިޔާގައި ކާރު ޕާކުކޮށްލުމަށްފަހު، މާކިން ބުނެލިއެވެ. މިޝްޔާ މާކިންއަށް ބަލައިލުމަށްފަހު ކާރުން ފޭބިއެވެ. އެއަށްފަހު މާކިންއާއެކު ހޮސްޕިޓަލާ ދިމާލަށް ހިނގައިގަތެވެ. ސައިކޭޓްރީ ޑިޕާރޓްމެންޓާ ދިމާލަށް ދެމީހުން ހިނގަމުންދިޔައިރު ވެސް މިޝްޔާއަށް އިރުކޮޅަކާ މާކިންއާ ދިމާލަށް ބަލައިލެވެއެވެ. އެހެންނަމަވެސް މާކިން އެންމެ ފަހަރަކުވެސް އޭނާއާ ދިމާލަށް ބަލައެއް ނުލައެވެ.

ޑިޕާރޓްމެންޓަށް ވަންނަމުން މާކިން ނާޒިލްއަށް ގުޅައިލިއެވެ. މާކިން ހަމަ ގުޅުމާއެކު ނާޒިލް ފޯނު ނެގިއެވެ.

"ކޮބާ؟ އަހަރެން މިހުރީ ހޮސްޕިޓަލްގައި..." މާކިން ބުނެލިއެވެ.

"އާނ. އޯކޭ އާދޭ އަހަރެންގެ ރޫމަށް." ނާޒިލް އެހެން ބުނެލުމާއެކު، މާކިން ފޯނު ބާއްވާފައި މިޝްޔާއަށް ބަލައިލިއެވެ.

"ހިނގާ..." އެހެން ބުނެފައި މާކިން ހިނގައިގަތެވެ. އޭނާ ގޮސް ނާޒިލްގެ ކޮޓަރިއަށް މިޝްޔާ ގޮވައިގެން ވަނެވެ.

"ހޭ މާކް. ހައި މިޝްޔާ..." ފަހަރަކު މީހަކަށް ބަލައިލަމުން ނާޒިލް ގޮނޑިން ތެދުވެލިއެވެ.

"ނިމުނީމަ އަހަންނަށް ގުޅައިލާ އިނގޭ..." މާކިން ނާޒިލްއަށް ބަލައިލުމަށްފަހު، އެހެން ބުނެލާފައި މިޝްޔާއަށް ބަލައިވެސް ނުލާ ދިޔުމުންނާ މިޝްޔާގެ މޫނުމަތީގައިވީ އަސަރުތަކުން ކަމެއް ގޯސްވެއްޖެކަމުގައި ޔަޤީންކުރެވުނެވެ. މާކިން ހުރީ ހިތްހަމަ ނުޖެހިފައިކަން ނާޒިލްއަށް ޔަޤީން ކުރެވުނެވެ. އޭނާ ފުން ނަަރަކުން މިޝްޔާއަށް ބަލައިލިއެެވެ. މިޝްޔާ އިސްޖަހައިލިއެވެ.

"ސޯފާއަށް ދޯ ދާނީ..." ނާޒިލް ބުނެލިއެވެ. މިޝްޔާވެސް ގޮސް ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ އިސްޖަހައިލިއެވެ. ކުރިމަތީގައި ހުރި ސޯފާގައި އިށީންނަމުން ނާޒިލް މިޝްޔާއާ ވާހަކަ ދެއްކިއެވެ.

"މިޝްޔާ ކިހިނެއް؟" ނާޒިލް އެހެން އަހައިލުމާއެކު، މިޝްޔާއަށް ރޮވެން ފެށުނެވެ. މިޝްޔާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރެއަށް ވެރިވާކަށް ގިނަ އިރެއް ނުނެގިއެވެ.

"މިޝްޔާ... ކަމެއް ދިމާވީތަ؟" ނާޒިލް އަނެއްކާވެސް އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ. ދެ އަތުން މޫނު ފޮރުވައިލުމާއެކު، މިޝްޔާ ގިސްލަމުން ވާހަކަ ދައްކަން ފެށިއެވެ.

"އެންމެންވެސް އަހަރެން ދެކެ ރުޅިއާދޭ. އެކަކުވެސް ލޯތްބެއް ނުވޭ..." މިޝްޔާ ބުނެލިއެވެ.

"މިޝްޔާ ދެކެ ލޯބިވާ ބައިވަރު މީހުން ތިބޭ... މިޝްޔާގެ ދޮންބެވެސް..." ނާޒިލް މަޑުމަޑުން ބުނެލިއެވެ.

"ދޮންބެވެސް އަހަރެން ދެކެ ރުޅި އައިސްފި. ބައްޕަ ގޮތަށް." މިޝްޔާ އަނެއްކާވެސް ބުނެލިއެވެ. އެއަޑުގައި ވަނީ ޝަކުވާއެވެ. ގިސްލަމުން މިޝްޔާ އަނެއްކާވެސް ވާހަަކަ ފެށިއެވެ.

"މަންމަ ނިޔާވީމަ އަހަރެން... އަހަރެން މުޅިން އެކަނިވެއްޖެ. އަހަރެން ކައިރީގައި ހުރި މީހަކީ ހަމަ އެކަނި ދޮންބެ. ދޮންބެވެސް އަހަރެން ދޫކޮށްލާފައި ބޭރަށް ދިޔުމުން އަހަރެން އެކީ އެކަނިވި. ބައްޕަ... ބައްޕަގެ ފަރާތުން އަހަންނަށް..." އެހާ ހިސާބަށް ބުނެފައި މިޝްޔާ ހުއްޓައިލިއެވެ. ބައްޕަގެ ފަރާތުން އޭނާއަށް ލޯތްބާ އަޅައިލުން ނުލިބުނު ވާހަކަ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އެކަނިވެރިކަމުގައި އޭނާ ޣަރަގުވަމުން ދިޔަކަން ރިފްއަތަށް ނޭނގުނީ ހެއްޔެވެ؟ ނޫނީ އެނގެން ބޭނުން ނުވަނީ ހެއްޔެވެ؟ އެންމެ ފުރަތަމަ މިޝްޔާ ކިޔަވަން ދާން ބޭނުންވެެގެން އެ ވާހަކަ ދެއްކުމުންވެސް ރިފްއަތުގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. އަންހެން ކުއްޖަކު އެކަނި ބޭރަށް ފޮނުވުމަކީ ރަނގަޅުކަމެއް ނޫނޭ ރިފްއަތު ބުނި ހަނދާން އޭނާ އަދިވެސް ވެއެވެ. އަންހެން ކުއްޖަކަށް ވުމީ އޭނާގެ ހުވަފެންތަކަށް އޮތް ހުރަހެއްކަމުގައި އެންމެ ފުރަތަމަ އިޙްސާސްވީ ވެސް އެދުވަހުއެވެ. ބައްޕައެއްގެ ފަރާތުން ބޭނުންވާ އަޅައިލުމުގެ އިތުރުން އެއްބާރުލުން ނުލިބުން ވެގެން ދިޔައީ މިޝްޔާގެ ދުނިޔެ އެ ފުށް މިފުށަށް ޖެހުނު ކަމަކަށެވެ. ރިފްއަތު ބުނީ ރާއްޖޭގައި ކިޔެވޭ ދާއިރާއަކުން ކުރިއަށް ދިޔުމަށެވެ. މިޝްޔާ ރާއްޖޭން ބޭރަށް ނުފޮނުވެން ނެތް ކަމުގައެވެ. ރިފްއަތު އެ ޖަވާބު ދިނުމުން މިޝްޔާ އެހީތެރިކަމަށް އެދުނީ މާކިންގެ ފަރާތުންނެވެ. ބައްޕައާ އެންމެ ފަހަރަކު ވާހަކަ ދައްކައިލުމަށް މިޝްޔާ އެދުނެވެ. މިޝްޔާއަށް ބަލައިލަމުން މާކިން ބުނީ އެއީ ބައްޕަގެ އެންމެ ފަހުގެ ނިންމުން ކަމުގައެވެ. އެ ދުވަހު މިޝްޔާ ރުއިވަރު އެކަަކަށްވެސް އިޙްސާސްއެއް ނުކުރެވޭނެއެވެ. ހިތުގައި ވި ޒަޚަމްތަކުގައި މީހަކު ވިކައިގަތްފަދަ އިޙްސާސްއެއް މިޝްޔާއަށް ކުރެވުނެވެ. މިޝްޔާ އެންމެ ބޭނުންވީ އެ މާހައުލާ ދުރަށް ދާން ނަމަވެސް، އެކަމަށްވެސް އޭނާއަށް ހުއްދައެއް ނުލިބުނެވެ. މަންމަ ހުރި ނަމައޭ މިޝްޔާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ.

"މިޝްޔާ..." މިޝްޔާ ވިސްނުމަކަށް ގެއްލިފައި އިންނަން ފެށުމުން ނާޒިލް މިޝްޔާއަށް ގޮވައިލިއެވެ.

"އަނ.. އާނ... ކީކޭ؟" މިޝްޔާއަށް ސިހިފައި ބުނެވުނެވެ.

"މިޝްޔާ އަހަންނާ ހިއްސާކުރަން ބޭނުންވާ ވާހަކައެއް އެބައޮތްތަ؟" ނާޒިލް ސުވާލުކޮށްލިއެވެ.

"އަަހަރެން ކިހިނެއް ކިޔައިދޭނީ." މިޝްޔާއަށް ބުނެވުނެވެ. އޭނާއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ކޮންމެހެން ނާޒިލްއަށް އިއްވުމުގެ ގަސްތަކު ނޫނެވެ. މިޝްޔާގެ އެ ޖަވާބުން ވެސް ނާޒިލްއަށް ޔަޤީންވީ އެއްކަމެކެވެ. މިޝްޔާ އެތައް ކަންތައްތަކެއް ސިއްރުކުރަމުން ދާކަމެވެ.

"މިހާރުން މިހާރަށް ކިޔައިދޭކަށް ނުޖެހޭނެޔޭ. މިޝްޔާއަށް ފެނުނީމަ ހަމަ ކިޔައިދޭންވީ... " ނާޒިލް ބުނެލިއެވެ.

"އަހަންނަށް އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބޭ. އެންމެނަށްވެސް މުހިންމުވީ އެހެން މީހުން ދެކޭނެ ގޮތް. އެހެން މީހުންގެ ވިސްނުން. އެންމެ ފަހަރަކުވެސް އެއްވެސް މީހަކަށް ނޭނގުނު އަހަރެންގެ ހިތުގައި ހިނގާނެ އިޙްސާސްތަކެއް. އަހަންނަކީ އަންހެން ކުއްޖަކަށް ވުމަކީ ކުށެެއްތަ؟ އެންމެ ކައިރީގައި ތިބި މީހުންވެސް އެ ދުވަހު އަހަރެންގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް. އަހަރެން ދިރިއުޅުމާ މެދު ކުރިމަތިލާނީ ކިހިނެއްކަމެއް އެ ދުވަހު ނޭނގުނު. އެހެންނަމަވެސް، މަޖުބޫރުވީ ހުރިހާ ހިތާމައެއް ފަރުދާކޮށްލުމަށް. ހިމާޔަތް ދޭން ތިބި މީހުންވެސް އެ ދުވަހު އަހަންނާ ދޭތެރޭ ކަންތައް ކުރީ އެގޮތަށް. ދުވަހަކުވެސް އެ ދުވަސް ހަނދާނެއް ނުނެތޭނެ. މިއަދުވެސް... މަންމަ ހުރިނަމަ... ބައްޕައަށް މުހިންމުވަނީ ބައްޕަގެ ވިޔަފާރި. ދޮންބެއަށް ވެސް އެ ދުވަހު އަހަރެންގެ ހައްޤުގަ އެއްވެސް ބަހެއް ބުނާކަށް ނުކެރުނު." މިޝްޔާއަށް އަނެއްކާވެސް ގިސްލެވެން ފެށިއެވެ. ވާހަކަ ކުރިއަށް ނުގެންދެވި އޭނާ ހުއްޓައިލިއެވެ. ކިތަންމެ ދުރުން ވާހަކަ ގެންދިޔަނަމަވެސް، ނާޒިލްއަށް ބައިވަރު ކަންތައް އެނގިގެން ދިޔައެވެ. މިޝްޔާ ތަޙައްމަލް ކުރަމުންދަނީ އާދައިގެ ކަމެއް ނޫންކަން ނާޒިލްއަށް ޔަޤީންވިއެވެ.

"މިޝްޔާ... އަހަރެން ސުވާލެއް ކޮށްލަންތަ؟" ނާޒިލް އަހައިލިއެވެ. މިޝްޔާ ބޯ ޖަހައިލިއެވެ. މާކިން ކަންތައް ކުރި ގޮތުން ވެސް އޭނާ ވަނީ އިންތިހާ ދެރަވެފައެވެ. އެކަމުގެ ސަބަބުން އޭނާއަށް މިރޭ އެހިތުގެ ޙާލު ކޮންމެވެސް ވަރަކަށް ކިޔައިދެވިއްޖެއެވެ. އެ ހާވަރަށް ކިޔައިދެވުމުންވެސް ހިތަށް ކޮންމެވެސް ވަރަކަށް ލުއިވިކަން މިޝްޔާއަށް އިޙްސާސްވިއެވެ.

"މިހާރު މިޝްޔާއަށް ވާ އުނދަގޫތައް ކިޔައިދީބަލަ..." ނާޒިލް ސުވާލުކޮށްލިއެވެ.

"ނޭނގެ. ކިޔައިދޭކަށް ނޭނގެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ ޑްރަގާ ނުލާ އަހަންނަށް ނޫޅެވޭނެކަން." މިޝްޔާއަށް ބުނެވުނެވެ.

"ކޮންމެ މީހަކަށް ވެސް ކަމެއް ކުރެވޭނީ ހިތްވަރާ އެކު މަސައްކަތް ކޮށްގެން. ކިތަންމެ އުނދަގޫކަމެއް ނަމަވެސް، މަސައްކަތް ކުރީމަ އެކަމެއް ވާނެ. މިޝްޔާއަށްވެސް ވާނެ. ކީއްވެ ނުވާންވީ؟" ނާޒިލް ބުނެލިއެވެ.

"ބޭނުމެއް ވެސް ނޫން މިހާރަކު. އަހަންނަށް ހެޔޮ." މިޝްޔާ އެހެން ބުނެލި ނަމަވެސް، އެއީ މިޝްޔާގެ ހިތުގެ އަޑިން ބުނި ބުނުމެއް ނޫންކަން ނާޒިލްއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އެކަމާ ބެހޭގޮތުން އިތުރަށް ވާހަކައެއް ނުދައްކައެވެ. މިޝްޔާއާ ވާހަކަ ދައްކައިލާފައި ނާޒިލް ބޭސް ސިޓީ ލިޔެލަ ދީފައި މާކިންއަށް ގުޅައިލިއެވެ. މާކިން އެތެރެއަށް ވަނީ އިރުކޮޅެއްފަހުންނެވެ.

"މާކް... މީ ބޭސް ސިޓީ..." ނާޒިލް މާކިން އަތަށް ބޭސް ސިޓީ ދިނުމުން މާކިން މިޝްޔާއަށް ބަލައިލިއެވެ. އެ ދެލޮލަށް ބަލައިލުމާއެކު މިޝްޔާ ރޮއިފައި ހުރިކަން ދެނެގަންނާކަށް އޭނާއަކަށް އުނދަގުލެއް ނުވިއެވެ. އެ ދެލޮލުގައި ވީ ރިހުން ފެނި މާކިން ދެރަވި ނަމަވެސް، އޭނާ އެހާ އަވަހަށް އެކަންތައް ދައްކާކަށް ބޭނުމެއް ނުވިއެވެ. މިޝްޔާއަށް ކުރެވުނީ ބޮޑު ކުށެއްކަން އޭނާ މިޝްޔާއަށް އިޙްސާސް ކޮށްދޭން ބޭނުންވިއެވެ.

ބޭސްސިޓީ ހިފައިގެން ފާމަސީއަށް ގޮސް ބޭސް ނަގައިގެން މާކިން ޕާކިން އޭރިޔާއަށް ހިނގައިގަތުމުން މިޝްޔާވެސް މާކިންގެ ފަހަތުން ހިނގައިގަތެވެ. އޭނާ މާކިންއަށް ގޮވައިލުމުން މާކިން "ހޫމް" އޭ ބުނެލިއެވެ. އެެ އަޑުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ކާރާ ހިސާބަށް ގޮސްފައި މިޝްޔާ ހުއްޓުނެވެ. އޭނާ ތަންކޮޅެއް ބާރަށް މާކިންއަށް ގޮވައިލިއެވެ.

"ދޮންބޭ..."

މާކިން އެނބުރިލުމަށްފަހު މިޝްޔާއަށް ބަލައިިލިއެވެ. އޭނާ އެއްޗެއް ބުނަން އުޅުނުވަގުތު އެއްފަރާތުގައި ހުރި ކާރެއްގެ ފުރަގަހުން ނުކުތް ދެ ޒުވާނަކު މިޝްޔާއާ ދިމާލަށް ދާން ފެށިއެވެ. އެ ދެޒުވާނުން ތިބި ގޮތުން އެއީ ރަނގަޅު ބައެއް ނޫންކަން މާކިންއަށް ދެނަގަނެވުނެވެ. ބޯ ދިގުކޮށްފައިވާއިރު އަތުގައިވެސް އެއްޗެހި އަޅާފައިވެއެވެ.

"މިޝޫ..." މާކިންއަށް ގޮވައިލެވުނެވެ. އެމީހުން ފެނުމާއެކު މިޝްޔާއަށް ފަހަތަށް އެއް ފިޔަވަޅު އަޅައިލެވުނެވެ. މާކިންވެސް އެ ދިމާލަށް ގޮސް މިޝްޔާގެ ކައިރީގައި މަޑުކޮށްލިއެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރި އަސަރުތަކުން މާކިންވެސް ޖެހިލުންވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު