މަމްސް އެންޖީއޯގެ "ބެކް ޓު ސްކޫލް 2022" ޕްރޮގުރާމަށް ދިރާގުން އެހީ ފޯރުކޮށްދީފި

ދިރާގުން ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން--- ފޮޓޯ/ ދިރާގު

މަމްސް އެންޖީއޯއިން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް 2022" ޕްރޮގްރާމްގެ ދަށުން އެ އެންޖީއޯގެ ކެއާ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް އާއިލާތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރާގުން ވަނީ ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ދީފައެވެ.

އެ ޕޮރޮގްރާމްގެ ދަށުން މަމްސް އެންޖީއޯއިން ދަނީ އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުންނެވެ.

"ބެކް ޓު ސްކޫލް 2022"އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއެކު މިއަހަރު މަމްސް އެންޖީއޯއިން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖް ބަހާފައެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެންމެ އެހީތެރިކަން ބޭނުންވެފައިވައި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. އޭގެތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.

ދިރާގުން ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އަހަރުގެ ދިރާސީ އައު އަހަރު ފަށާފައިވަނީ 92،000އަށް ވުރެ ގިނަ ދަރިވަރުންނާއެކުގައެވެ.

comment ކޮމެންޓް