އައު އަހަރުގެ ފުރަތަމަ ކިލާސް ... ހާސްވާނަމަ މިހެން ހަދާ

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިގު ޗުއްޓީއަކަށް ފަހު އަނެއްކާވެސް ދަރިވަރުންނާ ކުރިމަތިލާން ޖެހުނީއެވެ. ފާއިތުވެ ދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މުދައްރިސުން މި އަހަރު އަލަށް ކުރަން ރާވާފައިވާ ކިތަންމެ ކަމެއް ހުންނާނެކަން ޔަގީނެވެ. ކިޔަވައިދިނުމުގައި ގެންގުޅޭނެ އުކުޅުތަކާއި ކާމިޔާބުކަމާއެކު ފިލާވަޅުތައް ކުރިއަށް ގެންދިއުމުގައި ބޭނުންކުރާނެ އައު ހުނަރުތަކެވެ. ދަރިވަރުންގެ ސަމާލުކަން ހޯދައިގަތުމާއި އުނގެނުމަށް ރަނގަޅު ވެއްޓެއް ގާއިމު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކެވެ. ބަސްނާހާ ކުދިން ރަމަތަ ކުރަން ހަދާނެ ގޮތްތަކާއި ދިރާސީ އަހަރުގެ ފުރަތަމަ ކިލާހުގެ ބައްދަލުވުން ކާމިޔާބު ކުރުމަށްޓަކައި ކަންތައް ކުރާނެ ގޮތްތަކެވެ.

އައު އަހަރުގެ ކިޔެވުން ފެށި ދަރިވަރުންނާ ކުރިމަތިލުމަށްޓަކައި މުދައްރިސުންވާ ތައްޔާރީތަކުގެ ތެރެއިން، ފުރަތަމަ ކިލާހުގެ ބައްދަލުވުން ކާމިޔާބު ކުރުމަށްޓަކައި ފުރިހަމައަށް ތައްޔާރު ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ތަރުބަވީ އިލްމުވެރިން ވިދާޅުވެއެވެ. ހަގީގަތުގައި މި ބައްދަލުވުމަކީ އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އުނގެނުމާއި އުނގަންނައި ދިނުމުގެ މާހައުލުގައި ކަންތައްތައް ވެގެންދާނެ ގޮތުގެ ތަސައްވުރު އެކަށައަޅައިލެވޭ ބައްދަލުވުމެވެ.

ތަރުބަވީ އަދި ނަފްސާނީ އިލްމުގެ ޕްރޮފެސަރެއްކަމަށްވާ ޑރ. ނެފެލްކޭމްޕް (Knefelkamp) ކުރައްވާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އަހަރުގެ ކިޔެވުން ފެށި ދަރިވަރުންނާ ބައްދަލުވާ ފުރަތަމަ ކިލާހުގައި، ދަރިވަރުންނާއި މުދައްރިސުންވެސް އެއްބަޔަކު އަނެއް ބަޔަކާ ވަރަށް ގާތް ގުޅުމެއް އުފައްދަން ބޭނުންވެއެވެ. ނަމަވެސް (ފުރަތަމަ ކިލާހުގައި) ދެފަރާތުންވެސް މި ގުޅުން އުފައްދަން މަސައްކަތް ކުރާކަން (އެތަނުން) އެއްވެސް ބަޔަކަށް އެނގިފައެއް ނޯވެއެވެ. މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި އޮންނަންޖެހޭ ގުޅުން އުފައްދަން ނޭނގޭނަމަ ނަތީޖާއަކަށްވަނީ، އުނގެނުމާއި އުނގަންނައި ދިނުމުގެ މޭވާ އެކަށީގެންވާ ގޮތުގައި ހާސިލު ނުކުރެވުމެވެ.

ފުރަތަމަ ކިލާހުގެ ބައްދަލުވުމަކީ އީޖާބީ (ޕޮޒިޓިވް) ބައްދަލުވުމަކަށް ހެދުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ތަރުބަވީ އިލްމުވެރިންނާއި އުނގަންނައި ދިނުމުގެ ތަޖުރިބާކާރުން ހުށަހަޅުއްވައިދެއްވާފައިވެއެވެ. މިގޮތުން ތަރުބަވީ އަދި ނަފްސާނީ އިލްމުވެރިއެއްކަމަށްވާ ޑރ. ޑެވިސް ބާބަރާ ގްރޮސް (2009) އާއި އެނޫންވެސް ބައެއް ބޭފުޅުން ބަޔާންކުރައްވާފައިވާ މުހިއްމު ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.

1. ދަރިވަރުންނާ ކުރިމަތިލުމަށްޓަކައި ތައްޔާރުވާންޖެހޭ ވަރަށްވުރެ ބޮޑަށް ތައްޔާރުވާށެވެ.
2. ފުރަތަމަ ކިލާސް ހާޒިރުނުވެ ދޫކޮށްނުލާށެވެ.
3. ގަޑިއަށް ކިލާސް ފަށައި، ގަޑިއަށް ނިންމަން ސަމާލުކަން ދޭންވާނެއެވެ.
4. ކިލާހަށް ވަނުމާއެކު ދަރިވަރުންނަށް ސަލާމް ކުރާށެވެ.
5. ހުރިހާ ކުދިންނަށް ބައިވެރިވެވޭ ކަހަލަ މަސައްކަތެއް ކުރިއަށް ގެންދާށެވެ. މިއީ އާއްމު މައުލޫމާތު އެއްކުރެވޭ ކަހަލަ ކުޑަ މަސައްކަތަކަށް ހެދުން ރަނގަޅެވެ.
6. އާދައިގެ ގޮތަކަށް ވާހަކަ ދެއްކުމުން ފައްޓާށެވެ.
7. އަމިއްލަ ތައާރަފެއް ދިނުން ވަރަށް މުހިއްމެވެ. އެހެންނަމަވެސް މާ ދިގުނުކުރައްޗެވެ.
8. ދިމާވެފައިވާ ކޮންމެވެސް މުހިއްމު ކަމެއްގެ ވާހަކަ ކިޔައިދޭށެވެ. އެހެން މީހަކަށް ދިމާވެފައިވާ ކަމެއްވިޔަސް އެންމެ ރަނގަޅެވެ. ނުވަތަ ފަހުގެ ކަމަކާބެހޭ އާ މައުލޫމާތެއް ދޭށެވެ. މީގެ ބޭނުމަކީ ދަރިވަރުންނާ މުދައްރިސާ ދެމެދުގައި މުއާމަލާތުކުރަން ފެށުމުގެ ފުރަތަމަ ފާލަން ގާއިމު ކުރުމެވެ.
9. ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ރާވާލާފައިވާ ގޮތުގެ އާއްމު ތައާރުފެއް ދަރިވަރުންނަށް ދޭށެވެ. އިމްތިހާނު ކުރެވޭނެ ގޮތްތަކާއި، މާކުސް ދެވޭނެ ގޮތާއި، ފިލާވަޅުތައް ބަހައިލެވިފައިވާ ގޮތްވެސް ކިޔައިދެވިދާނެއެވެ.
10. ދަރިވަރުންގެ މައުލޫމާތު އެއްބަޔަކު އަނެއްބަޔަކާ ހިއްސާ ކުރުމަށް ފުރުސަތު ދޭށެވެ.
11. ވީހާވެސް ސާފުކޮށް، ދަރިވަރުންނަށް ފަހުމުވާނޭފަދަ ގޮތަކަށް ވާހަކަ ދައްކާށެވެ. ދަރިވަރުންނާ އެކަށީގެންނުވާ ބަސްތަކާއި ޖުމުލަތައް ބޭނުން ނުކުރާށެވެ.
12. ދަރިވަރުންނާ މުއާމަލާތުކުރުމުގައި، ވާހަކަ ދެއްކުމާއެކު ހަށިގަނޑުގެ ހަރަކާތްތައް ބޭނުން ކުރާށެވެ. އެހެންނަމެވެސް މިކަމުގައި އިމުން ބޭރުނުވާށެވެ.
13. މުދައްރިސްގެ ފަރާތުން ދަރިވަރުން ބޭނުންވާ ކަންކަން ސާފުކޮށް އޮޅުން ފިލުވުމަށް ފުރުސަތު ދޭށެވެ.
14. އުނގަންނައިދިނުމުގައި ބޭނުންކުރާ "ތްރީ އާރު" (3R) އުކުޅު ބޭނުންކުރާށެވެ. އެއީ: ރިޕީޓް (ތަކުރާރުކޮށް ކިޔައި ދިނުން) ، ރެސްޕޯންޑް (އަޑުއަހައި ޖަވާބު ދިނުން) ، ރީއިންފޯސް (އިތުރު ހިތްވަރު ދިނުން) އެވެ.
15. ޖެހިލުންވުމާއި ހާސްވެ ފިނިވުމަކީ އަލަށް ކިޔަވައިދޭން ފަށާ މުދައްރިސުންނަށް ދިމާވުން ގާތް ކަމެކެވެ. ވީމާ، ސާބިތުކަމާއެކު ހުރިކަން ދެއްކުމަށްޓަކައި ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރާށެވެ. ފުރުސަތު އޮތްނަމަ، ކިލާސް ފެށުމުގެ ކުރިން ދަރިވަރުންގެ ގާތަށް ގޮސް (ނުރަސްމީކޮށް) ވާހަކަ ދައްކައި ހަދައިލުމުންވެސް އެކަމަށް ހައްލެއް ލިބިދާނެއެވެ. މުދައްރިސްގެ ހަރަކާތްތައް ދަރިވަރުން ދެނެގަންނަމުންދާނެކަން ހަނދާނުގައި ބަހައްޓާށެވެ.

ޗުއްޓީއަށްފަހު ދަރިވަރުންގެ ކުރިމައްޗަށް ނިކުތުމަކީ ބައެއް މުދައްރިސުން ކޮންމެ އަހަރަކު ތަކުރާރުކޮށް ކުރާ ކަމެކެވެ. ނަމަވެސް މެދުކެނޑުމަކަށްފަހު ދަރިވަރުންގެ ކުރިމައްޗަށް ނިކުންނަ ފުރަތަމަ ފަހަރު، މުދައްރިސާއި ދަރިވަރުންގެ ކިބައިގައިވެސް ހިސާބެއްގެ ހިތް ނުތަނަވަސްކަމެއް ނުވަތަ ހާސްކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން، ކުރަން ހިތު އަޅައިގެން ދިޔަ ކަންތައްތައް ހަނދާން ނެތުން ނުވަތަ އެ ކަންތައްތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވި "މާޔޫސީ" ހިތަކާއެކު ކިލާހުން ނިކުންނަން ޖެހޭތަންވެސް އާދެއެވެ. އެހެންނަމަވެސް ހަނދާން ކުރަންވީ ކަމަކީ ދަރިވަރުންގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކަން ޖެހިފައިވާ ފަރާތަކީ މުދައްރިސް ކަމެވެ. އެއީ އަމިއްލަ ހާސްކަން ނައްތައިލުމާއެކު، ދަރިވަރުންގެ ހުރިހާ ހާސްކަމަކާއި ހިތް ނުތަނަވަސްކަމެއް ފިލުވައިލަދިނުމުގެ މަސްއޫލިއްޔަތު ހަވާލު ވެވިފައިވާ ފަރާތްކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް