ޝަރުތުތަކަކާއެކު ޝެއިހް ނިޝާން ބަންދުން ދޫކޮށްލައިފި

އައްޝައިޚް އާދަމް ނިޝާން --- ފޮޓޯ/ އަވަސް

ޔޯގާ ޑޭ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ޝަރުތުތަކަކާއެކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ޝެއިހް ނިޝާންގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން އެދުނީ އިތުރު 15 ދުވަހަށް އޭނާ ބަންދުކޮށް ދިނުމަށެވެ.

ނަމަވެސް ގާޒީ ވަނީ ޝަރުތުތަކަކާއެކު ޝެއިހް ނިޝާން ބަންދުން ދޫކޮށްލަން އަމުރު ކޮށްފައެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ފުލުހުންނަށް ނޭންގި މާލެ ސަރަހައްދުން ބޭރަށް ނުދިއުމަށާއި ދިރިއުޅޭ ގެއާއި ގުޅޭނެ ނަމްބަރު ފުލުހުންނަށް ދިނުމުގެ އިތުރުން އެއްވެސް ކުށެއް ނުކުރުން ހިމެނެއެވެ.

ގަލޮޅު ދަނޑުގައި ބައިނަލްގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ނިޝާން ހައްޔަރު ކޮށްފައި ވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހައިފައެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ޝެއިހް ފަޒްލޫން މުޙައްމަދާއި އިތުރު ބައިވެރިން ވެސް މިފަހުން ކޯޓުން ވަނީ މިނިވަން ކޮށްފައެވެ.

އެ ދުވަހުގެ އިހްތިޖާޖަށްފަހު ޝައިޚް ނިޝާން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް އެ ހަރަކާތް ގެންދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް އެ ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭ ކެކި އޭނާގެ އިރުޝާދަށް ތަބާނުވެ ގަލޮޅު ދަނޑު ތެރެއަށް ވަދެގަތީ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އެކަން ކޮންޓްރޯލު ނުކުރެވުމުން އެ ހަރަކާތް ނިންމާލީ ކަމަށް އިއުލާނު ކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާނެ ކަމަށެެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް