ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމާ އަޑުއެހުން ސިއްރު ކޮށްފި

ހ.ޝީރީންވިލާގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލް، 22: އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ވަނީ ސިއްރު ކޮށްފައި ---

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް އަންހެނެއް ފެނުނު މައްސަލައިގައި ހައްޔަރުކުރި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރު ކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 00:30 ހާއިރު އެ ހާދިސާ ހިނގި ތަނުންނެވެ. ނަމަވެސް ހައްޔަރު ކުރީ ކާކު ކަމެއް އަދި އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ.

ނަމަވެސް 'ސަން'އަށް ކަށަވަރުވެފައިވާ ގޮތުގައި އެ އަނިޔާވެރި މަރާ ގުޅިގެން ރޭ ފުލުހުން ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ ޝާހިލްއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބާއްވަން ހަމަޖެހިފައިވާ އަޑުއެހުން ވަނީ ސިއްރު ކޮށްފައެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު 'ސަން' އަށް ވިދާޅުވީ, ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރު ކޮށްފައިވަނީ ފުލުހުން އެގޮތަށް އެދުމުން ކަމަށެވެ.

އެ އަޑުއެހުން ކުރިއަށް ގެންދާނީ އޮންލައިން ކޮށެވެ. ޝާހިލް ހައްޔަރު ކޮށްގެން ރޭ އެންމެ ފުރަތަމަ ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އަދި ފަހުން އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި އަނިޔާވެރި ގޮތަކަށް ރޭ މަރާލާފައިވަނީ ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދެވެ.

އޭނާގެ ހަށިގަނޑު ރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން މައުލޫމާތު ދިން ގޮތުން އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

އެހެން ކަމުން ބެލެވެނީ ޝިއާއުގެ ހަށިގަނޑުގެ ގުނަވަންތައް ވަނީ ވަކިކޮށްފައި ކަމަށެވެ.

comment ކޮމެންޓް