އާ ހިތްވަރާއި އާ އަޒުމަކާއެކު ދިރާސީ އާ އަހަރަށް މަރުހަބާ ކިޔައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ ދިރާސީ އާ އަހަރު 92،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

އަހަރުގެ މެދު ތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރިފަހުން، ބޮޑު ބަންދަކަށް ފަހު އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފަށާ މިއީ ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން ބެލެނިވެރިންނާއި ކުދިންގެ ނުތަނަވަސް ކަމެއް ހުރި ނަމަވެސް މިއަހަރުގެ ދިރާސީ އާ އަހަރު މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަށާފައި ވަނީ އާ އުޒުމަކާއި އާ އުއްމީދުތަކަކާއެކުއެވެ.

އާ ދިރާސީ އަހަރަށް މަރުހަބާ ކީއިރު، ރާއްޖޭގެ 217 ސުކޫލެއްގައި މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

މިއަދު ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ބޭނުންވާ ހުރިހާ ކަމެއް ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އަމީނިއްޔާ ސުކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ އެސެމްބްލީގައި ރައީސް ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަންވާނީ ހިތްހަމަޖެހުމާއެކު މުޅިން އާ އަޒުމަކާއެކު ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަޚްލާޤީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި، އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ބާއްވާ ހާއްސަ އެސެމްބްލީއެއް މިއަދު މެންދުރުފަހު މަޖީދިއްޔާ ސުކޫލުގައިވެސް އޮންނާނެއެވެ. އެ އެސެމްބުލީގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް