މެސީގެ ޖާދުވީ ގޯލަކާއެކު، ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ފްރާންސް ލީގުގައި ރޭ މެސި ގޯލިޖަހަނީ---

ފްރެންޗް ލީގު ވަންގައި ކްލާމޮންޓް ފޫޓް އަތުން ފަސޭހަކަމާއެކު ޕީއެސްޖީ މޮޅުވެއްޖެއެވެ.

ކްލާމޮންޓްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 5-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން ޕީއެސްޖީން ވަނީ ކްލާމޮންޓްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން، މެޗުގެ ނުވަވަނަ މިނެޓުގައި ޕީއެސްޖީގެ ނޭމާ ޖޫނިއާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

އެ ގޯލަކީ ޕީއެސްޖީގެ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އެހީތެރިކަމާއެކު ނޭމާ ޖެހި ގޯލެކެވެ.

މީގެއިތުރުން މެޗުގެ 26ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު ޕީއެސްޖީގެ އަޝްރަފް ހަކީމީ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ކައުންޓާ އެޓޭކުގައި ނޭމާ، މެސީ އަދި ހަކީމީ ޕާސްޖަހަމުން، ކުރިއަށް އަރައި ނޭމާ ދިން ޕާހުގެ ބޭނުން ހިފައިގެން ގޯލުގެ މަތީ ކަނަށް ޖަހައިދިން ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ތިން ވަނަ ގޯލު ވެސް ޖަހައިފައެވެ. އެ ގޯލަކީ 38 ވަނަ މިނެޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި، އެ ޓީމުގެ މާކޯނިއޯސް ކާމިޔާބުކޮށްދިން ގޯލެކެވެ.

މެޗުގެ 80ވަނަ މިނެޓުގައި މެސީ ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ވެސް ނޭމާގެ އެހީތެރިކަމާއެކު، ގޯލުގެ ތިރީ ކަނަށް ޖެހި ގޯލެކެވެ.

މެޗު ނިމުމުގެ ކުރިން މެސީ ވަނީ އޭނާ ރީތި ގޯލެއް ޖަހައި، އެ ގޯލުގެ ޖާދޫގައި ފުޓުބޯޅަ ބަލާ ގިނަ ބަޔަކު ޖައްސާފައެވެ. އެ ގޯލަކީ މެޗުގެ 86 ވަނަ މިނެޓުގައި ބައިސްކަލް ކިކަކުން އޭނާ ޖަހައިފައިވާ ރީތި ގޯލެކެވެ.

މިހާތަނަށް މި ސީޒަންގައި ލީގު ވަންގެ ތިން މެޗު ކުޅެވުނުއިރު ތާވަލްގެ އެއްވަނައިގައި އޮތީ އެ މުބާރާތުގެ 10 އަހަރު ޗެމްޕިއަންކަން ހޯދައިފައިވާ ޕީއެެސްޖީއެވެ.

comment ކޮމެންޓް