މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު މަރާލައިފި

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ވެހިކަލަށް އަރުވަނީ --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހ.ޝީރީންވިލާގޭ 9ވަނަ ފަންގިލާގައެވެ. އެ ގެ ހުންނަނީ ޗީބޯ ކެފޭ ހުންނަ، ބުރެވިމަގުގައެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ހައްޔަރުކުރި އިރު ހުރީ ޕީޕީއީ ކިޓުގައި ކަމަށް އެ ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން ބުނެއެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ވެހިކަލެއްގައި އެ ސަރަހައްދުން ގެންގޮސްފައެވެ.

އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ.ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22 އެވެ. އަދި މަރާލާފައި އޮއްވާ ފެނުނީ ޏ.ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދެވެ.

އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 00:30 އެހާއިރުއެވެ.

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮތް އަންހެނަކު ވަނީ ފެނިފައި ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ޝިއާއުގެ ހަށިގަނޑު ފުލުހުން މިހާރު ވަނީ އައިޖީއެމްއެޗުގެ އެމްބިއުލާންސަކަށް އަރުވައިގެން ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އެގޮތުން، އޭނާގެ އަތާއި، ފައި އެއްކޮށް ބުރިކޮށްލާފައިވާއިރު، ކަރަށް ވެސް ވަނީ ފުން ހަމަލާތަކެއް ދީފައެވެ.

comment ކޮމެންޓް