ބޯންމައުތު އަދި ނިއުކާސަލް ވެސް ލީގު ފެށީ މޮޅަކުން

ބޯންމައުތު ގޯލްޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އިނގިރޭސި ޕްރިމިއާ ލީގުގައި އޭފްސީ ބޯމްމައުތު އަދި ނިއުކާސަލް ޔުނައިޓެޑުން އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އާ ސީޒަން މޮޅަކުން ފަށައިފިއެވެ.

މިރޭ ބޯންމައުތު އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި މޮޅަށް ކުޅެ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ އެސްޓަން ވިލާއިންނެވެ. ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފައި ބޯންމައުތުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުގެ ދެވަނަ މިނެޓުގެ ތެރޭގައި ބޯންމައުތުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެސްޓަން ވިލާގެ ޑިފެންސް ލައިންގެ ކެލީއަށް ހެދުނު ގޯހެއްގެ ބޭނުންހިފައި ޖެފާސަން ލާމާ ޖެހި ގޯލެކެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ އެ ޓީމުގެ ދަވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ކެލީ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި ކިއެފާ މޫއީ ޖަހަދިން ގޯލެކެވެ.

ފޮރެސްޓް އަދި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން---

މިރޭ ނިއުކާސަލް ޔުނައިޓެޑް އަމިއްލަ ދަނޑުގައި މި ސީޒަނަށް އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ނިއުކާސަލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ގޯލު ފެނިފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ނިއުކާސަލްގެ ފެބައަން ސްކާ ކާމިޔާބުކޮށްދިން ގޯލެކެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ކަލުމް ވިލްސަން ވަނީ ގޯލެއްޖަހައި ނިއުކާސަލްއަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެ ގޯލު އޭނާ ޖަހައިފައިވަނީ ޖޮއިލިންޓަންގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް