ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް

ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރުގެ ބަންދުގެ މުއްދަތު އަނެއްކާވެސް ހަތް ދުވަހަށް އިތުރުކޮށްފިއެވެ.

ބަންގްލަދޭޝްގެ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓައި ހައްޔަރުކޮށްގެން އޭނާ ގެންދިޔައީ އެއަތޮޅު ރަސްދޫއަަށެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދާ މެދު ގޮތެެއް ނިންމީ ރަސްދޫ ކޯޓުންނެވެ. އެ ކޯޓުން ހަތް ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރިއެވެ.

އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރު ހަތް ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އަލަމްގީރް އާ އެކު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަަނީ އާންމުވެފައެވެ. އެ ވީޑިއޯއިން އޭނާ ވަރަށް ސާފުކޮށް ފެނެއެވެ. އެކަމަކު ކޯޓަށް ގެންދިޔުމުން ނާޒިމް ސައްތާރު ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެ އިންކާރުކޮށްފައެވެ.

ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ޖިނައީ އިޖުރާއަތުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި އެއީ ދީނީގޮތުން ހަރުކަށި ފިކުރުމުގެ މީހުން ރުއްސަން ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ކަމަށް "ސަން"އަށް ވަނީ އެނިފައެވެ.

comment ކޮމެންޓް