ނަޝީދު އުޅުއްވަނީ ރައީސް ޞާލިހު ބްލެކްމެއިލް ކުރަން ކަމަށް ތުހުމަތުކޮށް މައްސަލަ ފުލުހަށް

ރައީސް ސޯލިހާއި ރައީސް ނަޝީދު ---- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބްލެކްމެއިލް ކުރަން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހްގީގް ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރައީސް ޞާލިހް އަންހެން ކުއްޖަކާ އެކު ޒިނޭކުރާ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ބުނެ ސާބިތު ނުހިފޭ އިލްޒާމް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ބޮލުގައި އަޅުވާފައެވެ. އެ ފޮޓޯތައް ހާމަކޮށްދޭން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އެދުމުން އެކަމެއް ވެސް އެމަނިކުފާނަކަށް ނުކުރެއްވުނެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސަލީމް (މާޒް ސަލީމް) އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި މާޒް ސަލީމް ވިދާޅުވީ, ރައީސް ނަޝީދު އެ ވިދާޅުވާ ޒާތުގެ ފޮޓޯއެއް އެއްވެސް މީހެއްގެ އަތުގައި ހުރުމަކީ ކުށެއް ކަމަށެވެ. އަދި ރާއްޖޭގެ ވަލިއްޔުލް އަމުރާ ގުޅުވައި އެ ފަދަ ފޮޓޯތަކެއް ހުރި ކަމަށް ބުނުމަކީ ކުޑަ ކަމެއް ނޫން ކަމަށް ވެސް އޭނާގެ ސިޓީގައި ވަނީވެއެވެ.

އެހެންކަމުން ރައީސް ނަޝީދު އެ ވިދާޅުވާ ޒާތުގެ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި ހުރިކަން ކަށަވަރު ކުރުމަކީ ފުލުހުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ދޮގު ހައްދަވައިގެން އެ ފަދަ ވާހަކަ އެއް ދެއްކެވި ނަމަ އެމަނިކުފާނަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ވަނީ ރައީސުލްޖުމްހޫރިއްޔާ ބްލެކްމެއިލް ކޮށްފައިކަން ރާއްޖޭގެ އެންމެހައި ރައްޔިތުން ގަބޫލުކުރޭ," މާޒް ސަލީމްގެ ސިޓީގައި ވެއެވެ.

ބްލެކްމެއިލް ކުރުމަކީ ކުށެއްކަން ފާހަގަކުރައްވައި މާޒް ސަލީމްގެ ސިޓީގައި ވަނީ އެފަދަ މައްސަލަތައް ތަހުގީގުކޮށް އޭގެ ތެދު ދޮގު ރައްޔިތުންނާ ހާމަކުރުމުގެ ހަމަ އެކަނި ގާނޫނީ ބާރު އޮތީ ފުލުހުންގެ އަތް މަތީގައި ކަމަށެވެ.

މިފަދަ ބޮޑު ތުހުމަތެއް ރައީސް ނަޝީދު ކުރައްވާފައިވަނިކޮށް ރޭ އިނގިރޭވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް އެމަނިކުފާނުގެ ފޯނު ފޭރިގެންފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އާއިލާ އާ ހަވާލާދީ އީވާ ވިދާޅުވީ އެމަނިކުފާނު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ފޯނު ޖަހައިގެން ދުވެ، ފިލީ ކަމަށެވެ.

comment ކޮމެންޓް