އަދީބު ހަވާލުކުރި އެއް މިލިއަން ރުފިޔާ ޔާމީނަށް ދިނިން: އޮއިއްޓޭ

މުޙައްމަދު ޙުސައިން (އޮއިއްޓޭ) ރައީސް ޔާމީނަށް އެއް މިލިއަން ރުފިޔާ ދިން ކަމަށް ވަނީ ކޯޓުގައި ބުނެފައި --- ފޮޓޯ: ޕޮލިސް

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހަވާލުކުރެއްވި އެއް މިލިއަން ރުފިޔާ, ކުރީގެ ރައީސް އަބްދުالله ޔާމީންއާ ހަވާލު ކުރި ކަމަށް, މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފިއެވެ.

އަދީބުގެ ކުރީގެ ޑްރައިވަރު އޮއިއްޓޭ އެހެން ބުނެފައިވަނީ ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގައި ހެކިބަސް ދެމުންނެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އޮއިއްޓޭ ބައިވެރިވެފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ހުންނަވައިގެންނެވެ. އެކަމަށް އިއުތިރާޒުކޮށް ދިފާއުން ރައީސް ޔާމީންގެ ވަކީލުން ވަނީ އޭނާ ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް ތަކުރާރުކޮށް އެދިފައެވެ.

ނަމަވެސް އޮއިއްޓޭ ދިރުއުޅެމުންދަނީ އިނގިރޭވިލާތުގައި ކަމަށާއި އޮންލައިންކޮށް ހެކިބަސް ނެގުމަށް ގާނުނު ހުރަސް ނާޅާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ޝަރީއަތުން ވެސް ނިންމީ އޮންލައިންކޮށް އޮއިއްޓޭގެ ހެކިބަސް ނެގުމަށެވެ.

ރައީސް ޔާމީނަށް އެއް މިލިއަން ރުފިޔާ ދިން

އަދީބްގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް އޭނާ ހަވާލުކުރާ އެހިނިހެން ކަންތައްތައް ވެސް ކޮށްދޭ ކަމަށް އޮއިއްޓޭ ބުންޏެވެ. އެގޮތުން ވިޔަފާރިވެރިން އަދީބަށް ހަވާލު ކުރަން ހުންނަ ފައިސާ އެ މީހުންގެ އަތުން ނަގައިގެން އަދީބް ބުނާ ގޮތަކަށް އެ ފައިސާ ބަހާ ހަދާފައިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގޮތުން އަދީބު ދަތުރަކަށް ފުރަމުން އެއް މިލިއަން ރުފިޔާ ހަވާލުކޮށް ރައީސް ޔާމީނަށް 'ވަން' ހަވާލު ކޮށްދިނުމަށް އެދުނު ކަމަށް އޮއިއްޓޭ ބުންޏެވެ.

އެއް މިލިއަން ރުފިޔާގެ ތެރެއިން ފުރަތަމަ އެއް ލައްކަ ރުފިޔާ ރައީސް ޔާމީންއާ ހަވާލު ކުރުމުން އެމަނިކުފާނުގެ މޫނުމަތިން ނުތަނަވަސް ކަން ފެނުނު ކަން ފާހަގަކޮށް އެކަން އަދީބަށް ދެންނެވި ކަމަށް އޮއިއްޓޭ ބުންޏެވެ.

"އަދީބު ބުނީ ކޮތަޅު އެއްކޮށް ހަވާލުކުރާށޭ. ދެން ބާކީއިން ނުވަ ލައްކަ ރުފިޔާ އަނެއްކާ ވެސް ރައީސް ޔާމީންއާ ގުޅާފައި ގޮސް ހަވާލުކުރިން," އޮއިއްޓޭ ކިޔައިދިނެވެ.

އެ ވާހަކަތައް އޮއިއްޓޭ ކިޔައިދޭން ފެށުމާއި އެކު ދިފާއުން ވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. އަދި ދައުލަތުން މަސައްކަތް ކުރަމުން ދަނީ ރައީސް ޔާމީން ފަޞީހަތް ކުރުންކަން ފާހަގަކޮށް އޮއިއްޓޭ އަކީ މި މައްސަލައާ ގުޅުން ނެތް ހެކިވެރި އެއް ކަމަށް ދިފާއުން ތަކުރާރުކޮށް ފާހަގަކުރިއެވެ.

ނަމަވެސް ދިފާއުގެ އިއުތިރާޒްތައް ޝަރީއަތުން ބަލައި ނުގަތުމާ އެކު އޮއިއްޓޭ ވަނީ އެ ވާހަކަތައް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.

ދައުލަތުން ހުށަހަޅާފައިވަނީ ރިސްވަތު ހިފުން އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާކަން ފާހަގަކޮށް ޕީޖީގެ ވަކީލް ވިދާޅުވީ, އޮއިއްޓޭ ހާޒިރުކޮށްފައިވަނީ ރިސްވަތުގެ ފައިސާއާ ގުޅުންހުރި ކަންތައްތަކެއް ސާބިތު ކުރުމަށް ކަމަށެވެ.

"ހެކިވެރިޔާ ހުށަހަޅާފައި މިވަނީ އެއީ އަހްމަދު އަދީބް އަބްދުލްޣަފޫރާ ގުޅިގެން ނުވަތަ އަދީބް އަންގާ ގޮތަކަށް މި މައްސަލައިގައި ދައުވާ ލިބޭ އަބްދުالله ޔާމީނަށް ފައިސާ ހަވާލުކުރާ ކަން ނުވަތަ ހަވާލުކޮށްފައިވާ ކަން ސާބިތު ކުރުމަށްޓަކައި," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ވ. އާރުގެ މައްސަލައާ އޮއިއްޓޭއާ ސީދާ ގުޅުން ނެތް ނަމަވެސް ހެއްކެއްގެ ގޮތުގައި އޭނާ ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ވާގިޔާތަކެއް ސާބިތުކުރުމަށްޓަކައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ހަތަރު މީހެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އެއީ ހުސް ފުލުހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފޮރެންސިކް ރިޕޯޓްތައް ތައްޔާރުކޮށްފައިވާ ފުލުހުންނެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله ޒިޔަތު ވެސް ހިމެނެއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މީގެ ކުރިން ބައެއް މީހުން ރާއްޖެ ދޫކޮށް ފިލާފައިވާތީ އެ މީހުން ހޯދުމަށް ރެޑް ނޯޓިސް ނެރުނެއެވެ. އޭގެ ތެރޭގައި އޮއިއްޓޭ ހިމެނުނު ނަމަވެސް ފަހުން ވަނީ އޭނާ ހޯދުމަށް ނެރުނު ރެޑް ނޯޓިސް ބާތިލް ކޮށްފައެވެ.

comment ކޮމެންޓް