ހިނދުކޮޅަކަށްވެސް ދުރުވެވެން ނެތީތަ؟

ފޮޓޯ: ފްލުއެންޓްޔޫ.ކޮމް

އާއްމު ދިރިއުޅުމުގެ ކަންކަމުގައި ހެޔޮ ނުބައި ވަކިކުރަން އެނގުމުގެ ކުޅަދާނަކަމަކީ އިންސާނާގެ ފިތުރަތުގައި ލައްވަވާފައިވާ ޚާއްޞަ ސިފައެކެވެ. އިލްމު ހާސިލުކޮށްގެން ހުންނަ މީހާއާއި ނުކިޔަވާ ޖާހިލު މީހާވެސް ބުއްދި ސަލާމަތުން ހުރިނަމަ މިބުނި ކުޅަދާނަކަން އެމީހެއްގެ ކިބައިގައި ހުންނާނެއެވެ.(ބަލަދު: 10) އެހެންކަމުން، އެވެނިކަމެއް ރަނގަޅޭ މިވެނިކަމެއް ގޯހޭ ބުނެދޭން މީހަކު ނެތަސް، އެމީހެއްގެ އަމިއްލަ ވިސްނުމުން އެފަދަ ކަންކަން ދެނެގަނެވޭނެއެވެ. ﷲ ތަޢާލާ، 'ބުއްދީގެ އަހުލުވެރިން' ގެ ނަމުން އިންސާނާއާ މުޚާޠަބު ކުރައްވާފައިވަނީ ސަބަބެއް ނެތިއެއްނޫނެވެ. ޤުރުއާނުގައި އަންގަވާފައިވާ ފަދައިން، ގިނަ ތަކެތީގެ މައްޗަށް އިންސާނާ މާތް ކުރެއްވުމުގައި ހިމެނޭ އެއްކަމަކީ އޭނާއަށް ދެއްވަވާފައިވާ 'ބުއްދީގެ ނިއުމަތް' ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ.

އިންސާނާއަކީ ބުއްދީގެ ނިއުމަތުން މަތިވެރިކުރައްވާފައިވާ ފަރާތެއްކަން ޔަގީނެވެ. ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީއަށް ދެވި ހިފާފައިވާ ބައެއް މީހުންގެ އަމަލުތަކަށް ބަލައިލުމުން..... ބުއްދި ވެރި ފަރާތަކީ އިންސާނާތޯ ނުވަތަ އޭނާ ބޭނުންކުރާ ގެޖެޓުތައްތޯއާ މެދު ސުވާލު އުފެދޭތަން އާދެއެވެ. އެ ތަކެތި ވަނީ އޭނާގެ ބާރުގެ ދަށުގައިތޯ ނުވަތަ އޭނާވަނީ އެތަކެތީގެ ބާރުގެ ދަށުގައިތޯ އަހާލެވޭތަން އާދެއެވެ. ގެންގުޅޭ މޯބައިލު ފޯނަށް ބަލައިލަމާ ހެއްޔެވެ. ގިނަ ފަސޭހަތަކެއް ލިއްބައިދޭ މި ވަސީލަތް ބޭނުންކުރުމުގައި ބައެއްމީހުންގެ އަމަލުތައް ވަރަށް ގޯހެވެ. އެއީ ހިނދުކޮޅަކަށްވެސް އެއާ ދުރުވެވެން ނެތް އެއްޗެއްކަމަށް ދެކި އެއަށް އަޅުދާސްތުވާތަން އެބަ ފެނެއެވެ. އާނއެކެވެ. އެއީ ފޯނުގެ މައްސަލައެއްނޫނެވެ. ބުއްދީގެ އަހުލުވެރި، އިންސާނާގެ ހުރި ނޭއްގާނީ ކަމެވެ.

ނަމާދަށް މިސްކިތަށް ގޮސް އުޅޭ ވަގުތުގައިވެސް ފޯނުން ސަލާމަތް ނުވެވިގެން އުޅޭ މީހުން މަދެއްނޫނެވެ. މި ފާހަގަ ކުރަނީ ފޯނުން ބަލައިގެން ޤުރުއާން ކިޔަވައި ޒިކުރުކޮށް ހަދާ މީހުންގެ ވާހަކައެއްނޫނެވެ. ގުޅައިގެން ވާހަކަ ދެއްކުމާއި މެސެޖުކުރުމާއި މުނިފޫހި ފިލުވުމުގެ މަންސަތައް ބޭނުންކޮށް އުޅޭ މީހުންގެ ވާހަކައެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްމުނާސަބަތަކީ ހުކުރު ނަމާދުގެ ޖަމާއަތެވެ. އެ މަތިވެރި ޖަމާއަތަށް ހާޒިރުވެ ތިބެ ފޯނާ 'ކުޅުން' އެއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކޭމީހުން އެބަ އުޅެއެވެ. މީގެތެރޭގައި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންވެސް ހިމެނެއެވެ. އަދި ކަންބޮޑުވާންޖެހޭ ދަރަޖައަށް މިކަން ގޯސްވަމުންދާ ކަމުގެ ހެކިތައް އެބަ ފެނެއެވެ. އެއްދުވަހެއްގައި ހިނގި ތިންހާދިސާއެވެ. ޚުޠުބާ ކިޔަމުން ދިޔަ އިރު، ވައިބާ ބަލަން މީހަކު އިނެވެ. ނަމާދު ފަށަން ﷲ އަކްބަރު ގޮވައިލި ވަގުތު ސަފުގައި ހުރެގެން މީހަކު ފޯނުން ވާހަކަ ދެއްކިއެވެ. ހަމަ އެމީހާ، ނަމާދުކޮށް ނިމި ސަލާން ހަމަ ދިނުމާއެކު، ސަފުގައި އެ އިންތާ އިނދެ ފޯނުން ވާހަކަ ދެއްކިއެވެ. އެއްރެއެއްގެ އިޝާ ނަމާދު ނިންމައި ސަލާންދިން ތަނުންވެސް ހަމަ މިފަދަ މަންޒަރެއް ފެނުނެވެ. ނަމާދުކޮށް ނިމިގެން ފޯނު ބޭނުންކުރުމަކީ މަނާ ކަމެއްނޫނެވެ. އެހެނަސް ބުނެވިދިޔަފަދަ ގޮތަކަށް އެކަން ކުރުން އެއީ މިސްކިތުގެ އަދަބާ ޚިލާފު، މަލާމާތް ލިބެނިވި ކަމެކެވެ. ވީމާ، އެހައި މުހިއްމު ކަމެއްނަމަ ސަފުން ތެދުވެގެން ދުރަށް ޖެހިލާފައި ނުވަތަ މިސްކިތުން ބޭރަށް ނިކުމެލާފައި އެކަމެއް ކޮށްލުމީ އެންމެ އެދެވިގެންވާ ގޮތެވެ.

ހުކުރު ޚުޠުބާ ކިޔަމުންދާއިރު އެއަށް ސަމާލުވެ ކަނުލައި އަޑުއެހުމަކީ ހުކުރަށްދާ މީހުންނަށް ލާޒިމު ކަމެކެވެ. އެވަގުތުގައި ކައިރީގައި އިން މީހަކު ވާހަކަ ދައްކާނަމަ އޭނާއާ ދިމާލަށް 'ވާހަކަ ނުދައްކާށޭ' ބުނުންވެސް ހުއްދަނުވާނެކަމަށް އަންގަވާފައިވަނީ އެހެންވެގެންނެވެ.(متفق عليه) އެހެންކަމަށްވާއިރު އިމާމު މީހާ ޚުޠުބާ ކިޔަމުންދާއިރު ފޯނާ ކުޅެން އިނުމަކީ މި އަމުރުފުޅާ ޚިލާފު ކަމެކެވެ. އެއީ ޚުޠުބާއަށް ދޭންޖެހޭ ސަމާލުކަން ނުދެވި އެހެން ކަމެއްގައި މަޝްޣޫލުވެވޭތީއެވެ.

ގަބޫލުކުރަން ދަތި އެހެން މަންޒަރެކެވެ. ބެލެނިވެރިއަކާއެކު ހުކުރަށް ގޮސް އިން ކުޑަ ކުއްޖަކު (އޭނާއާއެކުގައި އިން މީހާގެ) ފޯނު ނަގައިގެން ގޭމު ކުޅެން އިންތަން ފެނި ހައިރާން ވިއެވެ. އެއީ ޚުޠުބާ ކިޔަމުން ދިޔަ ވަގުތެވެ. ޚުޠުބާ ނިމެންދެންވެސް އެކުއްޖާ އިނީ ކުޅޭށެވެ. ބެލެނިވެރިޔާ އެކަމާ އަޅައިލި މަންޒަރެއް ނުދެކެމެވެ.

ވެހިކަލު ދުއްވަމުން ފޯނާ ކުޅޭމީހުންގެ އަދަދު ވަރަށް ބޮޑަށް ގިނަކަން، މަގުމަތީގައި އުޅޭ މީކަށްވިއްޔާ ފާހަގަ ކުރެވޭނެއެވެ. ހަނި ގޯޅިތަކާއި ފުޅާ މަގުތަކާއި ހައިވޭގައިވެސް މިކަން އާއްމެވެ. މާލޭ ސަރަހައްދަށް ބަލާއިރު، މާލެ-ހުޅުމާލެ ދެމެދުގައިވާ ހައިވޭގެ ހަނި ހިސާބުތަކަށް މަޑުކޮށްލައިގެން ފޯނާ ކުޅެން ތިބޭ މީހުންވެސް ފެންނާނެއެވެ. އެއީ ހައިވޭއަކަށް ބަލާއިރު އެކަށީގެންވާ ވަރަށް ވުރެ ހަނި ހިސާބުތައް ހުންނަ މަގެއްކަމުން، އެގޮތަށް މަޑުކޮށްގެން ތިބޭ މީހުންނާ މުޑިނާރާ ކިރިޔާ ސަލާމަތްވާ ފަހަރުވެސް އާދެއެވެ. ފޯނުން ވާހަކަ ދައްކަމުން ދުއްވާ މީހުންނާއި މެސެޖު ކިޔަމުން ނުވަތަ މެސެޖު ފޮނުވަމުން ދުއްވާ މީހުންގެ ކިބައިން އެހެންމީހުން އަމިއްލައަށް ސަލާމަތްކަން ހޯދަންޖެހޭ ހާލަތްތައް ގިނަވެއްޖެއެވެ. އެގޮތަށް ދުއްވާ މީހާއަށް އޭނާގެ އަމިއްލަ ފުރާނަ މުހިއްމު ނުވާ ފަދައިން، އަނެކާގެ ފުރާނަޔާމެދުވެސް އެމީހުން ފަރުވާލެއް ނުބަހައްޓަނީތާއެވެ!

އަމިއްލަ ދިރިއުޅުމުގެ ޒިންމާތަކާއި އަދާކުރާ ވަޒީފާގެ ރަސްމީ ޒިންމާތައް އަދާކުރަމުންވެސް، ކުޑަ ވަގުތުކޮޅަކަށް ފޯނާ ދުރުގައި އުޅެން ދަސްކުރަންޖެހެއެވެ. އަޅުކަން ކުރުމަށް މިސްކިތުގައި ހޭދަކޮށްލާ ކުޑަ ވަގުތުކޮޅަކީ ފޯނާ ކުޅޭ ވަގުތެއްކަމުގައި ނުހަދަމާހެއްޔެވެ؟ ތިމާގެ ފުރާނަޔާއި ހަށިގަނޑު ހަލާކުގެ ތެރެއަށް އެއްލައިނުލުމާއެކު ..... މަގުމަތި ބޭނުންކުރާ އެހެން މީހުންގެ ހައްގުގައި .... ވެހިކަލު ދުއްވަމުން ފޯނާ ކުޅުން ހުއްޓައިލަމާ ހެއްޔެވެ؟ ތިމާއަށް ﷲ ދެއްވަވާފައިވާ އެންމެ އަގު ބޮޑު ޖައުހަރު ކަމަށްވާ ބުއްދީގެ ބޭނުންކޮށް މިކަންކަން އިސްލާހުކޮށްލުން ކީއްހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް