ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހެޅޭނީ އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ 'ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު' ގެ ދަށުން ޝަރުތު ހަމަވާ ކުންފުނިތަކަށް އެކަނި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް އިސްލާމިކް މިނިސްޓްރީގެ ސައިޓުން ލިބެން ހުންނާނެއެވެ.
އުމްރާއަށް މީހުން ގެންދިއުމަށް މީގެ ކުރިން 37 ކުންފުންޏަކަށް ދީފައޮތް ހުއްދަ މިދިޔަ އަހަރު ވަނީ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކޮށްދީފައެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އެ ފަރާތްތަކަށް މީހުން އުމްރާއަށް ގެންދިއުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާތީއެވެ.
ކޮވިޑް-19އާ ގުޅިގެން ހައްޖާއި އުމްރާ ކުރުން މެދުކަނޑާލުމަށް ފަހު ސައުދީން އެންމެ ފުރަތަމަ ހައްޖާއި އުމްރާ ކުރުމަށް ހުޅުވާލީ އެގައުމުގެ ރައްޔިތުންނަށެވެ.
އޭގެ ފަހުން މިދިޔަ އަހަރު އެގައުމުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ބޭރު މީހުންނަށް އުމްރާ ކުރުމުގެ ހުއްދަ ދޭން ފަށާފައެވެ. އެގޮތުން ފުރަތަމަ ހުއްދަ ދޭން ނިންމީ މަހަކު 60،000 މީހުންނަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ އިތުރު ކޮށްފައެވެ.